އެމްޑީޕީގެ ސީދާ ހަރަކާތް މިއަދު ވެސް ކުރިޔަށް

އެމްޑީޕީން އާދީއްތަ ދުވަހު ފެށި ސީދާ ހަރަކާތް މިއަދު ވެސް ކުރިޔަށް އެބަދެއެވެ.

މިއަދު މެންދުރު 2.30 ހާ އިރުން ފެށިގެން އެމްޑީޕީގެ ސަޕޯޓަރުން ރީފް ސައިޑް ކައިރީގައި އިހުތިޖާޖު ކުރަމުން ދާއިރު، ރައީސް ނަޝީދު ބައިވެރިވެވަޑައިގެންނެވި، ރޭގެ އިހްތިޖާޖު ރޫޅާލުމަށް ފުލުހުން ވަނީ އެކަށީގެން ނުވާ ބާރުގެ ބޭނުންކޮށްފައެވެ. އެ ގޮތުން ބައެއް ނޫސްވެރިންނާއި އާންމުން ހައްޔަރުކޮށް، އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް މުޙަންމަދު ނަޝީދުގެ ސެކިއުރިޓީ ބަލަހައްޓަވާ އެމްއެންޑީއެފްގެ ބޭފުޅުންގެ ގަޔަށް ވެސް ވަރަށް ކައިރިން ޕެޕަރސްރޭ ޖަހާފައިވާކަން ފާހަގަކުރެވެއެވެ. އަދި ނޫސްވެރިންނާ ވަރަށް ހަޑިހުތުރު ބަހުރުވައިން ފުލުހުން މުޚާތަބުކޮށްފައިވާ ކަމަށް ވެސް ބައެއް ނޫސްވެރިން ބުނެއެވެ.

އެމްޑީޕީން މިއަދު ވެސް ސީދާ ހަރަކާތަށް ނުކުމެފައިވާއިރު އެ ޕާޓީގެ ސްޕޯކްސްޕާސަން އިމްތިޔާޒް ފަހުމީ (އިންތި) ރޭ ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން ވިދާޅުވެފައިވަނީ މި އިޙްތިޖާޖަކީ ސީދާ ބަޣާވާތުގެ ސަރުކާރު ވައްޓާލުމަށް ފަށާފައިވާ ސިޔާސީ ހަރަކާތެއް ކަމަށެވެ. އަދި މި ހަރަކާތް ނިންމާލާނީ ބަޣާވާތުގެ ސަރުކާރު ވައްޓާލުމަށް ފަހު، ނުވަތަ އަވަސް އިންތިޚާބެއް ބޭއްވުމަށް ބަޣާވާތުގެ ސަރުކާރުން އެއްބަސްވުމުން ކަމަށެވެ.

ފުލުހުން ސުލްހަވެރި މުޒަހަރާތަކުގައި އެކަށީގެންނުވާ ބާރުގެ ބޭނުންކޮށް މުޒާހަރާ ރޫޅާލާ މައްސަލައާއި، ސުލްހަވެރި މުޒާހަރާތަކުގައި ބައިވެރިވާ އާންމުންނާއި، ނޫސްވެރިންނާ މެދު އަނިޔާވެރި އަމަލުތައް ހިންގާ މައްސަލައިގައި އެމެރިކާގެ ސަފީރު ޕެޓްރީޝިއާ ބުޓެނިސް ވަނީ ކަންބޮޑުވުން ފާޅުކުރައްވާފައެވެ. އެހެން ނަމަވެސް އޭގެ ފަހުން ވެސް ދުނިޔޭގެ އެންމެ ބޮޑު ބާރު ކަމަށްވާ އެމެރިކާއަށް ގޮންޖެހުމަށްފަހު ފުލުހުން ވަނީ އެމީހުންގެ އަނިޔާވެރިކަން އިތުރަށް ކުރިއަށް ނެރެ މެކުހަށްޖަހާފައެވެ.