ރައީސް ނަޝީދަކީ ވައުދުފުއްދަވަން ކެނޑިނޭޅި މަސައްކަތްކުރެއްވި ބޭފުޅެކެވެ

ފުނަމާ

ތިމަންނާމެންގެ ވެރިކަމެއްގައި ، ނުވަތަ ތިމަންނާއަސް މިވެނި ސިޔާސީ މަގަމަކަށް އާދެވިއްޖެނަމަ އެވެނި މިވެނި ކަންކަން ކޮށްދޭނެ ކަމުގައި ގޮވާނަގާ އަޑުތައް އަޅުގަނޑުމެން އަހަނީކީ އަލަކަށް ނޫނެވެ. ރަށްރަށުގެ ފަޅުފުން ކުރުމުން ފެށިގެން ބިންހިއްކައި ބޮޑުކޮށް ދޭނެ ކަމުގެ ބޮޑެތި ވަޢުދުތައްވެ އެކަންކަން ފުރިހަމަ ނުވުމުން ރައްޔިތުންނަށް އެއްދުވަހުން އަނެއް ދުވަހަށް މާޔޫސްކަން ލިބުނު ކިތަންމެ ބަޔަކު މިއަދުވެސް މިތިބީ ފެންނާށެވެ. ވަޅުލެވި ގެއްލިދިޔަ ކިތަންމެ ބިންގަލެއް މިއަދުވެސް އެވަނީ ވީނުވީ ތަނެއް ނޭނގިގެއްލިފައެވެ. އެހެންކަމުން ތަޖުރިބާގެ އަލީގައި ކޮންމެ ސިޔާސީ މީހަކީވެސް ދޮގުހަދާނެ ، ދޮގުހަދާ މީހެއްގެ ގޮތުގައި ބުނުމަކީ ނުވެނުދާނެ ކަމެއްވެސް މެއެވެ.

މިފަހަކަށްއައިސް މިގައުމުދުށް އެންމެ ވަރުގަދަ ސިޔާސީ ޝަޚުސިއްޔަތަކީ ގ. ކެނެރީގޭ މުޙަންމަދު ނަޝީދެވެ. ދިވެހިރާއްޖޭގައި ވެރިކަމާ ގުޅިގެން ފާޑެއްގެ ވާހަކައެއްވެސް ދައްކާލުމަކީ މާގިނަމީހުންނަށް ފާޅުގައި ކުރަންކެރޭ ކަމެއްނޫނެވެ. ނަމަވެސް ތިރީސްއަހަރުގެ ޚުދުމުޚުތާރު އަނިޔާވެރި ވެރިކަމާ އިދިކޮޅަށް ދުލާއި ގަލަމުގެ މިނިވަންކަން ބޭނުން ކުރަށްވައިގެން ނަޝީދު ކުރަށްވަން ފެއްޓެވި މަސައްކަތް ތަކަކީ އެއިރު ގިނަރައްޔިތުން ބަލައިގެން ކަމެއް ނޫނެވެ. ހާލަތާ ގުޅިގެންނެވެ. ނަޝީދުގެ ލިއުއްވުމެއް ގެންގުޅުނު މީހަކުވެސް ކުށްވެރި ވާނެކަން އެނގޭތީއެވެ. ނަމަވެސް އެއްދުވަހުން އަނެއްދުވަހަށް ނަޝީދުގެ ކަރުދާހުގެ އަކުރުތައް އަޑަށް ބަދަލުވެ ރައްޔިތުންގެ ކަންފަތުގައި ހަރުލާން ފެށިއެވެ. އެންމެ ފަހުން ރައްޔިތުންނަށް ހެވާއި ނުބައި ވަކިވެ އަނިޔާވެރިކަމާ އިދިކޮޅަށް ތެދުވުމުގެ ރޫޙުއުފެއްދެވީ ރައީސް ނަޝީދުގެ ޚިކުމަތްތެރިކަމާ ހިތްވަރާ ފަންވަރުންނެވެ.

ރާއްޖޭގައި ސިޔާސީ ޕާޓީ އުފެއްދެވުމުގެ މަސައްކަތުގައި އެމަނިކުފާނުން ކުޅުއްވިރޯލަކީ މިގައުމު ދެމިއޮތްހައި ދުވަހަކު ހަނދާނުން ފިލައިގެން ދާނެ ކަމެއް ނޫނެވެ. އެކަމަށްޓަކައި ކުރެއްވި މަސައްކަތާއި ކުރިމަތި ލައްވަން ޖެހިވަޑައިގަތް ގޮންޖެހުން ތަކަކީ މިހެން ބުނެލަން ފަސޭހަޔަސް ހާދަހައި ބިރުވެރި ، އެހާމެ އަނިޔާވެރި ކަންތައްތަކެވެ. ކެތްކުރި މީހާގެ ހިތުގެ ވަރުގަދަ އީމާނާއި ޢަގީދާގެ ވަރުގަދަކަން ސާބިތުކޮށްދޭ އަލިގަދަ ހެކިތަކެވެ. އެއިރު ރައީސް ނަޝީދު ވިދާޅުވަމުން ގެންދެވީ އެމަނިކުފާނުން އެމަސައްކަތް ކުރަށްވަނީ މިގައުމުގެ ވެރިކަމުގެ ޖާހާއި އާރާއި ބާރުގެ ބޭނުންފުޅުގައި ނޫންކަމަށެވެ. ބޭނުންވެ ވަޑައިގަންނަވަނީ އެކަކު އަނެކެއްގެ ކިބައިން ހިތްވަރުލިބިގެން އަނިޔާވެރި ވެރިކަން މިގައުމުން ނައްތާލުމަށެވެ. މިޝިޢާރުގައި ކުރިއަށް ވަޑައިގެން ނަޝީދުގެ އަޑުފުޅު ގަދަވެ ސިޔާސީ ޕާޓީތައް ގިނަވެ ، އަނިޔާއާއި އިދިކޮޅަށް ބަސްބުނުން ޢާންމުވި ހިސާބުން ދެން މިގައުމު ކުރިމަތިލާން ޖެހުނީ ގިނަޕާޓީ ހިމެނޭ ރިޔާސީ އިންތިޚާބާއިއެވެ. ހީކުރިގޮތާ ޚިލާފަށް ކުރީގެ ޚުދުމުޚުތާރު ވެރިމީހާވެސް މިގައުމުގައި ތަސްދީގު ކުރެވިގެންދިޔަ އައުކަމެއް ބައުކަމެއް ނޭގުނު ގާނޫނުއަސާސީގެ ދަށުން މުޅީން އަލަށް ވެރިކަމަށް ކުރިމަތިލުމުގެ ފުރުސަތު ހޯދުމުން ރައީސް ނަޝީދުގެ ބަސްފުޅު ބަދަލުކުރަށްވާން މަޖުބޫރުވެ ވަޑައިގަތެވެ. އެއިންތިޚާބުގައި ކުރީގެ އަނިޔާވެރި ވެރިމީހާ ވާދަކުރާނަމަ އޭނާ ބަލިކުރެއްވުމަކީ ޚޮދު އެމަނިކުފާނުން ނުކުމެ ވަޑައިގެން މެނުވީ ކުރެއްވޭނެ ކަމެއް ނޫންކަމުގައި ދެކިވަޑައިގެން އެމަގުސަދުގައި އިންތިޚާބާއި ކުރިމަތި ލެއްވިއެވެ. އަދި ” ދެހާސް އަށްވަނަ އަހަރުގެ ނޮވެމްބަރ މަހުގެ އެގާރަވާ އަންގާރަ ދުވަހު މާތް އަމުރާ އިރާދަފުޅުން ، މިގައުމުގެ ރައީސުލް ޖުމްހޫރިއްޔާގެ މަގާމުގެ ހުވާ ކުރަށްވާނީ އެމްޑީޕީގެ ފަރާތުން ތިމަންނާއޭ ” ވިދާޅުވި އެންމެ ފުރަތަމަ ދުވަހުވެސް މީހުންނަށް ޙައިރާންކަމެއް ލިބިގެން ދިޔައެވެ. އެހާ ޖެހިލުން ކުޑަކޮށް އެވަރުގެ ބަހެއް ބުނާން ކެރުނު އާދަމުގެ ދަރިޔަކު އޭގެ ކުރީން މިގައުމަށް އުފަންވިބާވަޔޭވެސް ހިތައި ހިތައި ކިޔައި ލެވުނު ކިތަންމެ ބަޔަކު މިގައުމުގައި ތިއްބެވެ. ބައެއްމީހުން މިކަން ނެގީ ޖޯކެއްގެ ގޮތުގައެވެ. ޚޮދު އެމްޑީޕީގެ އިސްސަފުގައި ރައީސް ނަޝީދަށް ވާގިވެރިވާން ތިބި ބައެއް މީހުންނަށްވެސް މިބަސްފުޅު ހަޖަމު ނުކުރެވި ކޮޅުބަދަލު ކޮއްލިމެއެވެ.

ނަމަވެސް ﷲގެ މިންވަރު ފުޅާއި އެކުގައި ގިނަބަޔަކު ހީކުރިގޮތާ ޚިލާފަށް ވެރިކަމުގެ ލަގަނުގައި ހިތްޕެވީ އެމްޑީޕީގެ ކެންޑިޑޭޓު ރައީސް ނަޝީދެވެ. ވެރިކަމަށް ވަޑައިގަތުމުގައި އެމަނިކުފާނު ވިއްކެވި މެނިފެސްޓޯއަކީ ބަޔަކަށް އަރަތެކެވެ. ބޮޑު އޮޅުން، ބޮޅުން ގަނޑެކެވެ. އަލާދީންގެ ވޮށްގަނޑު ލިބިގެން މެނުވީ ތަންފީޒު ނުކުރެވޭވަރުގެ ބޮޑުއެއްޗެކެވެ. އެހިސާބުން އިދިކޮޅު މީހުން ރެޔާދުވާ އެއްކޮށްގެން އެމެނި ފެސްޓޯއާއި ގުޅުވައިގެން ދެދުވަހުން ނުކުރެވުނު ، މަސްދުވަހުން ނުކުރެވުނު ، މިހެން ކިޔައި ދޮގުފޮތްތައް ލިޔާން ފެށިއެވެ. ދުލުން ބުނާން ބޭނުން ނޫނަސް ހިތުން ގަބޫލުކުރި ބަޔަކުވެސް އުޅުނެވެ. ދުނިޔެއޮތީ އިންތިހާއަށް އިގްތިސާދީ ގޮތުން ފުންވަޅުގަނޑެއްގެ ތެރޭގައެވެ. ނަޝީދަށް ޖެހިވަޑައިގަތީ ސަލާމާ ހިންގަވާށެވެ. ގައުމުގެ ބައިތިލްމާލް އޮތީ ހުސްވެފައިއޮތް ފިޔާދާގަނޑެއްގެ މިސާލުގައެވެ. އެހެންކަމުން އިދިކޮޅު ފަރާތްތަކަށް ހިތައްއެރި ކޮންމެ އެއްޗެއް ބުނުމުގެ ފުރުސަތު ދިޔައީ ލިބެމުންނެވެ. ނަމަވެސް ރައީސް ނަޝީދު ފަހަތަކަށް ޖެހިވަޑައެއް ނުގެންނެވިއެވެ. އެހުރި ޖޯޝާއި ފޯރީގައި އިތުރު ވައުދުތައްވެސް ވެވަޑައި ގަންނަވަމުން ކަންކަން ކުރަށްވަން ފެއްޓެވިއެވެ. އިސާހިތަކު އެއްކަލަ ދޮގުފޮތްތައް ވީދި މުޅިގައުމުގައި ތަރައްގީގެ ކުލަޖެހެން ފެށިއެވެ. އުމުރުން ދުވަސްވީ މީހުންގެ ހިތްތައް އުފަލުން ފޮޅުވާލިއެވެ. އެވިދާޅުވާ އަނެއް ދުވެހިރާއްޖެއަށް ފެށިދަތުރު ހަލުއިކަމާއެކު ކުރިއަށް ދާންފެށިއެވެ. އަތްވާއި ވާރޭގައި ހުންގާނު ހިތްޕެވުމުގައި ވަރުބަލި ކަމެއް އަމުދުންނެތި ހުންނެވީ ރައީސް ނަޝީދެވެ. އަރިހުގައި އުޅުނު މީހުންނާއި ކަންދެކިއުޅޭ އެންމެން ތިބީ ޝޯޚުވެ ކުޅުހިކިފައެވެ. އިދިކޮޅު މީހުންގެ ހިތްތައް ނަފުރަތާއި ހަސަދައިން އިތުރަށް ބަރުވެގެން ދިޔައެވެ. އުންމީދާއި އެކު ބަލާންތިބި ލޯތައް އުފަލުންފުރި ހިތްތައް ފޮޅެމުން ދިޔައިރުއެވެ.

މިހިސާބައް ބަލާލާއިރު ރައީސް ނަޝީދު ހައްދަވާފައިވާ އިތުރުފުޅެއް ގައިމުވެސް ފެންނާކަށް ނެތެވެ. ހާލަތާއި ވަގުތާއި ގުޅިގެން އެމަނިކުފާނުންގެ އަމާޒަށް ވަޑައިގަތުމަށް ،ރައްޔިތުންގެ އުންމީދުތައް ފުރިހަމަ ކޮށްދެއްވުމަށް ގެންނަވާންޖެހޭ ބަދަލުތައް ގެންނެވުމާއި އިސްވެދިޔަ ތަނުގެ އަލީގައި ރޭވުންތައް ބަދަލު ކުރެއްވުމަކީ ދޮގުހެދުން ކަމުގައި ބުނެވޭނެ އެއްގޮތެއްވެސް ނޯންނާނެއެވެ. އެގޮތުން ރައީސް ނަޝީދު ވެރިކަމަށް ވަޑައިގަތުމުގެ ކުރީން ވިދާޅުވި އެއްވެސް ބަސްފުޅެއް ކަސިޔާރުވެ އޮޅިގެން ގޮސްފަކާ ހަމަނުވެޔޭ ދަންނަވާން ޖެހެއެވެ. (ނުނިމޭ)