ރާއްޖެޓީވީގެ ނޫސްވެރިންނަށް ފުލުހުން ގޯނާކޮށް ޖެއްސުންކުރަމުންދާތީ އެކަން ކުށްވެރިކުރުން

ދިވެހިރާއްޖޭގެ ޤާނޫނު އަސާސީން ދިވެހިންނަށް ލިބިދީފައިވާ ނޫސްވެރިކަމުގެ މިނިވަން ކަމަށް ހުރަސް އަޅައި، އެމިނިވަންކަން ނަގާލުމަށް ފާޅުގައި މަސައްކަތް ކުރަމުން ގެންދާ ފަރާތްތަކުން އެކަން ހުއްޓާލުމަށް މި ޕާޓީން ގޮވާލަމެވެ.

މިހާރު މާލޭގައި އެމް ޑީ ޕީން ކުރިއަށް ގެންދާ ސުލްޙަވެރި އެއްވުންތައް ކުރިއަށްދާ އިރު، ހާމަކަން ބޮޑު ގޮތެއްގައި އެހަރަކާތްތައް ކަވަރު ކުރަމުންގެންދާ ” ރާއްޖެ ޓީވީ ” ގެ ނޫސްވެރިންނަށް ފުލުހުން ޖެއްސުން ކޮށް ގޯނާ ކުރުމަކީ މި ޕާޓީން އެއްގޮތަކަށް ވެސް ބަލައިގަންނާނެ ކަމެއް ނޫނެވެ. ރާއްޖެ ޓީވީ އަކީ ސަރުކާރުގެ ޚަބަރުތަކުގެ އިތުރުން އިދިކޮޅު ފަރާތްތަކުގެ ޚަބަރު ތައްވެސް ހަމަހަމަ ކަމާއެކު ގެނެސްދެމުން ގެންދާ ޓީވީ ސްޓޭޝަނެކެވެ.

ޤާނޫނު އަސާސީގެ 27 ވަނަ މާއްދާގައި ބުނަނީ ” މިނިވަން ކަމާއެކު ފިކުރުކުރުމާއި، އިސްލާމްދީނުގެ އަސްލަކާ ޚިލާފުނުވާ ގޮތެއްގެ މަތީން އެމީހެއްގެ ބުއްދިއަށް ފެންނަ ގޮތްތަކާއި، ޚިޔާލުތައް ދުލާއި ގަލަމުން އަދި މިނޫންވެސް ގޮތްގޮތަށް ފާޅުކުރުމުގެ މިނިވަންކަން ކޮންމެ މީހަކަށްމެ ލިބިގެން ވެއެވެ. ” މިގޮތަށެވެ. އަދި ޤާނޫނު އަސާސީގެ 28 ވަނަ މާއްދާގައި ބުނެފައިވަނީ ” ނޫސްވެރިކަން ކުރުމާއި، މުވާސަލާތީ ވަސީލަތްތައް ބޭނުންކުރުމުގެ މިނިވަންކަން ކޮންމެ މީހަކަށްމެ ލިބިގެން ވެއެވެ. މީގެ ތެރޭގައި ޚަބަރާއި، މަޢުލޫމާތާއި، ފެންނަގޮތްތަކާއި، ޚިޔާލުތައް ފާޅުކުރުމާއި، ޝާޢިއުކުރުމާއި، ފެތުރުމުގެ މިނިވަން ކަން ހިމެނެއެވެ. މިގޮތުން ޝާޢިއުކުރާ ނުވަތަ ފަތުރާ ނުވަތަ ފާޅުކުރާ މަޢުލޫމާތެއްގެ މަޞްދަރު ހާމަ ކުރުމަށް އެއްވެސް މީހަކަށް މަޖުބޫރުކޮށްގެން ނުވާނެއެވެ.” މިގޮތަށެވެ. މީގެ އިތުރުން ޤާނޫނު އަސާސީގެ 29 ވަނަ މާއްދާގައި ބުނެފައިވަނީ ” އުނގެނުމާއި، އުނގަންނައި ދިނުމާއި، މަޢުލޫމާތު ހޯދުމާއި، މަޢުލޫމާތު ދިނުމުގެ މިނިވަންކަން ކޮންމެ މީހަކަށްމެ ލިބިގެން ވެއެވެ.” މިގޮތަށެވެ.

ކަން މިހެން އޮތުމުން ޤާނޫނު އަސާސީން ދިވެހި އެންމެހައި ރައްޔިތުންނަށް ކަށަވަރު ކުރެވިފައިވާ ހައްޤުތައް ހަނިކުރުމަށް ސަރުކާރުން ކުރާ މަސައްކަތް ހުއްޓާލުމަށް ފަހު ނޫސްވެރިންނަށް ބިރުދެއްކުމާއި އިންޒާރު ދިނުން ނިމުމަކަށް ގެނައުމަށް ސަރުކާރަށް ގޮވާލަމެވެ.