އެމްޑީޕީގެ ދާއިރާތަކުން ހުސްވެފައިވާ މަގާމްތަކަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފި
އެމްޑީޕީގެ ސެކްރެޓަރީ ޖެނެރަލްގެ ނައިބު އަކުރަމް، ޓްރެކް ސަރަހައްދުގައި ބޭއްވި އެ ޕާޓީގެ ގައުމީ މަޖިލީހުގެ ޖަލްސާ ގައި ވާހަކަދައްކަވަނީ

އެމްޑީޕީގެ ދާއިރާތަކުން ހުސްވެފައިވާ މަގާމްތަކަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.

އެމްޑީޕީގެ ދާއިރާތަކުން ހުސްވެފައިވާ މަގާމްތަކަށް މެންބަރުން އިންތިޚާބުކުރުން އޮންނާނީ މިއަންނަ އޮގަސްޓް މަހުގެ 31 ވަނަ ދުވަހު އެވެ. އެ ދުވަހު އެމްޑީޕީގެ ރައީސް އާއި ނައިބު ރައީސް އައްޔަންކުރުމަށް ބާއްވާ އިންތިޚާބު ވެސް އޮންނާނެއެވެ.

31 އޮގަސްޓްގައި އިންތިޚާބުކުރުމަށް ހަމަޖެހިފައިވާ ދާއިރާތަކުގެ މަގާމްތަކަކީ ށ ކަނޑިތީމު ދާއިރާގެ ރައީސް، ހދ. ނޮޅިވަރަމް ދާއިރާގެ ނާއިބު ރައީސް، ރ. ދުވާފަރު ދާއިރާގެ ސެކްރެޓަރީގެ ނާއިބު، ފޭދޫ ދާއިރާގެ ސެކްރެޓަރީގެ ނައިބު، ތ.ކިނބިދޫ ދާއިރާގެ ރައީސް އަދި ޏ. ފުވައްމުލަކު ދެކުނު ދާއިރާގެ އިންތިޒާމް ސެކްރެޓަރީގެ މަގާމެވެ.

އެމްޑީޕީގެ ސެކްރެޓަރީ ޖެނެރަލްގެ ނައިބު އަދި އެމްޑީޕީ ސެކްރެޓޭރިއަޓްގެ އިލެކްޝަންސް ފޯކަލް ޕޮއިންޓް އަހުމަދު އަކުރަމް މިއަދު ވިދާޅުވީ އެމްޑީޕީގެ ދާއިރާތަކުން ހުސްވެފައިވާ މަގާމްތަކަށް ކުރިމަތިލުމަށް އެދޭފޯމް ފުރިހަމަކޮށް ފޯމާއެކު ހުށައަޅަންޖެހޭ ހުރިހާ ލިޔެކިޔުންތަކާއެކު 05 ޖުލައި 2012 ވާ ބުރާސްފަތި ދުވަހުގެ މެންދުރުފަހު 3 ޖެހުމުގެ ކުރިން އެމްޑީޕީ ސެކްރެޓޭރިއަޓަށް ހުށަހަޅަން ޖެހޭ ކަމަށާއި، އިންތިޚާބަށް ކުރިމަތިލުމަށް އެދޭފޯމް އެމްޑީޕީގެ ސެކްރެޓޭރިއަޓުންނާއި އެ ޕާޓީގެ ވެބްސައިޓް www.mdp.org.mv އިން ލިބެން ހުންނާނެ ކަމަށެވެ.