ރައްޔިތުންގެ ވޯޓަކުން ނޫން ގޮތަކަށް އަޅުގަނޑު ބަލިކުރެވޭތޯ ވަރަށް މަސައްކަތް ކުރޭ – ރައީސް ނަޝީދު

ރައްޔިތުންގެ ވޯޓަކުން ނޫން ގޮތަކަށް ރައީސް މުޙަންމަދު ނަޝީދު ބަލިކުރެވޭތޯ އިދިކޮޅު ފަރާތްތަކުން ވަރަށް ބޮޑަށް މަސައްކަތްކުރައްވާ ކަމަށް މިއަދު އެމަނިކުފާނު ވިދާޅުވެއްޖެއެވެ.

އެމެރިކާއަށް ކުރެއްވި ދަތުރުފުޅު ނިންމަވާލެއްވުމަށް ފަހު މިއަދު ރާއްޖެ ވަޑައިގެން އިނިއާ ގައި ހުންނަވައި، ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން އެމަނިކުފާނާ ދެކޮޅަށް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ ގަރާރާ ބެހޭ ގޮތުން ނޫސްވެރިއަކު ކުރި ސުވާލަކަށް ޖަވާބުދެއްވަމުން ރައީސް ނަޝީދު ވިދާޅުވީ ރައްޔިތުންގެ ބަހަކާ ލައިގެން ނެގޭ ރައްޔިތުންގެ ވޯޓަކުން އެމަނިކުފާނު ބަލިކުރެއްވުމަކީ ވާވަރު ކަމެއް ނޫން ކަން އެމަނިކުފާނާ އިދިކޮޅު ފަރާތްތަކަށް އެނގޭ ކަމަށާއި، އެހެން ކަމުން އެ ނޫން ގޮތަކުން އެމަނިކުފާނު ބަލި ކުރެވޭތޯ ނުވަތަ އެމަނިކުފާނަށް “ހަމަލަދިނުމަށް”، އެމްޑީޕީއާ އިދިކޮޅު ފަރާތްތަކުން ވަރަށް ބޮޑަށް މަސައްކަތްކުރާ ކަމަށެވެ.

އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް، ރައީސް މުޙަންމަދު ނަޝީދު އިތުރަށް ވިދާޅުވީ އެމަނިކުފާނު ގާނުނާ ގަވައިދާއި ޚިލާފަށް ކަމެއް ކުރައްވާފައި ނޯންނާނޭ ކަމަށާއި، ދައުލަތުގެ ފައިސާގައި ޖެހިވަޑައިގެން، ރައްޔިތުންގެ ހައްގަކަށް އަރާވަޑައިގެންފައި ނޯންނާނޭ ކަމަށެވެ. އަދި އެމަނިކުފާނު މިހާތަނަށް ކުރައްވާފައިވާ ކޮންމެ ކަމަކީ ވެސް ދިވެހިރައްޔިތުންގެ ދިފާއިގައި ކުރައްވާފައިވާ ކަމެއް ކަމަށް ވިދާޅުވެ، ރައްޔިތުންގެ މަޖިލީހަށް ޖަވާބުދާރީ ވުމަށް ތައްޔާރަށް ހުންނެވި ކަމަށް ވިދާޅުވިއެވެ. އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް ޢަބްދުﷲ ޝާހިދުގެ ގެކޮޅަށް ވަޑައިގެން ނަމަވެސް މަޖިލީހަށް އެމަނިކުފާނާ ދެކޮޅަށް ލާފައިވާ ގަރާރަށް ޖަވާބުދާރީ ވެވަޑައިގަތުމަށް ތައްޔާރަށް ހުންނެވި ކަމަށް ރައީސް ނަޝީދު މިއަދު ވިދާޅުވިއެވެ.

ސިފައިންނާއި، ފުލުހުންނާއި އާންމުން ވެސް އިންކުއިރީ ކޮމިޝަނަށް ސާފު ތެދު މައުލޫމާތު ދިނުން މުހިންމު ކަމަށާއި، ބަޣާވާތްކުރި އެއްވެސް މީހަކަށް ދެން ނުފިލޭނޭ ކަމަށް ވެސް ރައީސް ނަޝީދު ވިދާޅުވިއެވެ.

މީގެ އިތުރުން ވެސް އެމަނިކުފާނު އެމެރިކާއަށް ކުރެއްވި ޒިޔާރަތުގައި ރާއްޖެއަށް މިހާރު ދިމާވެފައިވާ ހާލަތާއި، އަވަސް އިންތިޚާބެއް އޮންނަންޖެހޭ ކަމާއި، ތަހުގީގުގެ ކަންތައް ނިމި ބަޣާވާތުގެ ކަންކަން އެންމެންނަށް ވެސް ސާފުވާންޖެހޭ ކަމަށް އެމެރިކާގައި ވިދާޅުވެފައިވާނޭ ކަމަށް ރާއްޖޭގެ ފުރަތަމަ ޑިމޮކްރެޓިކް ރައީސް މުޙަންމަދު ނަޝީދު ވިދާޅުވިއެވެ.

ރައީސް ނަޝީދު އެމެރިކާއަށް ކުރެއްވި ދަތުރުފުޅުގައި އެމަނިކުފާނަށް ވަނީ ސުލްހަވެރި ސިޔާސީ ހަރަކާތްތައް ހިންގާ ފަރާތްތަކަށް ދޭ ޖޭމްސްލޯސަން އެވޯޑް އަރުއްވާފައެވެ. އަދި އެމަނިކުފާނުވަނީ އެމެރިކާގެ ސެނެޓާއި، ތަފާތު އެކި ގިންތީގެ ސިޔާސީ ފަރާތްތަކާއި، އެމްނެސްޓީ އިންޓަރނޭޝަނަލް ފަދަ އިންސާނީ ހައްގުތަކަށް މަސައްކަތްކުރައްވާ ފަރާތްތަކާއި ބައްދަލުކުރައްވާފައެވެ.

ރައީސް ނަޝީދު މާލެ ވަޑައިގެންނެވި އިރު، އެމަނިކުފާނަށް މަރުހަބާ ދެންނެވުމަށް ވަރަށް ގިނަ އަދަދެއްގެ ސަޕޯޓަރުން ވަނީ އެއްވެފައެވެ.