ރާއްޖޭގެ ސިޔާސީވެށި ފައިސާއިން ކިލަނބުވަނީ!

ފުނަމާ

ދިވެހިރައްޔިތުންގެ އެތައް ބުރަ މަސައްކަތަކުން ވެރިކަމުގެ ނިޒާމަށް ގެނެވުނު އިންގިލާބީ ހެޔޮބަދަލާއި ގުޅިގެން ރާއްޖޭގައި މަލްޓިޕާޓީ ސިސްޓަމެއް ތަޢާރަފު ކުރުމަށްފަހު އެންމެ ތިންއަހަރެއްހައި ދުވަހުގެ ތެރޭގައި އަލުން އަނބުރައި ރާއްޖޭގެ ވެރިކަމުގެ ނިޒާމު ކުރީގައި އޮތް ދަނަށް ފެތިގެން ހިނގައިދާނެ ކަމުގެ ނިޝާންތައް މިއަދު މިވަނީ ފެންނާން ފަށާފައެވެ.

މިއަހަރުގެ ފެބުރުއަރީ މަހުގެ ތެރޭގައި ރާއްޖޭގައި އޮތް އިންތިޚާބީ ސަރުކާރު ބަދަލުވެގެން އެދިޔަ ގޮތާބެހޭގޮތުން ރަސްމީ ސިފައެއްގައި އަދި ސީދާ ވަކިގޮތެއް ލިޔެ ގަރާރު ކުރެވިފައި ނެތް ނަމަވެސް ކަންހިނގައިދިޔަ އެންމެހައި ގޮތްތައް ބަލައި ދިރާސާ ކުރާ ކޮންމެ ބަޔަކަށް އެއީ ކަނޑައެޅިގެން ބަޣާވާތެއް ނޫންކަމުގައި ނުބުނެވޭ މިންވަރަށް ފުރިހަމަ ހެކިތައް އެހެރީ ލިބޭށެވެ. ވެރިކަން ބަދަލުކުރުމަށް އެތަކެއް ދުވަހުއްސުރެ ބަޔަކު ނުކުމެ ގޮވި ގޮވެލިތަކާއި ވެރިކަން ބަދަލުކުރުމުގައި ފުލުހުންނާއި ސިފައިން ބައިވެރިވެފައިވާ ގޮތާއި މިންވަރަށް ބަލާލާއިރު ގައިމުވެސް ނުވަދިހަ އިންސައްތަ މިއަދުވެސް އެނގި ކަށަވަރުވަނީ އެއީ ބަޣާވާތެއް ކަމުގައެވެ. ބާކީ ދިހަ އިންސައްތަ ބުނެ ނިންމޭނީ އިންކުއަރީ ކޮމިޝަންގެ ތައްގަނޑުޖެހި ކަނޑައަޅާ ގަރާރަކުންނެވެ.

ނޭޝަނަލް އިންކުއަރީ ކޮމިޝަން އުފެއްދިގޮތާއި އަދި އޭގެސަބަބުން އުފެދުނު މައްސަލަތަކަށް ބަލާލާއިރު ކުރިއަށް އޮތްތަނުގައިވެސް އެކޮމިޝަންއިން ނިންމާ ނިންމުމަކީ އެންމެ ސައްޚަ ނިންމުމެއް ކަމުގައި ނުވެދާނެ ކަމުގައި ކޮންމެވެސް ބަޔަކު މިއަދުވެސް އިއްތިފާގު ވެއެވެ. އެހެނީ ދިވެހީން ބުނެއުޅޭގޮތަށް ” ކައްޗަށް އެޅި ބިންގާ ކެއްޗާ ހަމަޔަށް އެރިޔަސް އޮންނާނީ ކައްޗަށް ” ކަމުގައި ގަބޫލުކުރެވޭތީއެވެ. ދުނިޔޭގެ އެކިއެކި ޖަމާއަތްތަކުގެ ރަޢުޔާއި ޚިލާފަށް މިއަދާ ހަމަޔަށްވެސް އިންކުއަރީ ކޮމިޝަންއެކޭ ކިޔާފައި ބަޣާވާތް ގެނައުމުގައި އެންމެ މުލުގައި ހުރި މީހާ ކަމުގައި ތުހުމަތު ކުރެވޭ މީހަކު އަމިއްލައަށް އޭނާއަށް ފެންނަ ބަޔަކު ލައިގެން ހެދި ކޮމިޝަނުން ސައްޚަ ނިންމުމެއް ނުނިންމޭނޭކަން ސަލާމަތުންހުރި ކޮންމެ ބުއްދިއެއް ގަބޫލުކުރާނެއެވެ. ނަމަވެސް އެކަން ކުރީ އެގޮތަށެވެ. މިކަމުންވެސް ކަންތައްތަކެއް އޮޅުވާލައި ފޮރުވަން މަސައްކަތް ކުރިކަމުގައި އެބުނާބުނުމަށް އެބަބާރު ލިބެއެވެ.

މިއަދު އުފެދޭ ސުވާލަކީ އިންކުއައިރީ ކޮމިޝަނުން މިގެނެވުނީ ބަޣާވާތެއް ކަމުގައި ބުނެކަނޑަ އަޅައިފިނަމަ ދެން ވާންވީ ކިހިނެއް ހެއްޔެވެ؟ ބައެއް ގާނޫނީ މާހިރުންގެ ރައުޔަކީ އަނބުރާ ވެރިކަން އިއާދަ ކުރުމެވެ. ފެބުރުއަރީ ހަތްވަނަ ދުވަހާއި ހަމަޔަށް އޮތް ގާނޫނީ ވެރިކަމަށެވެ. މިކަމުގައި ކޮންމެވެސް ވަރެއްގެ ޚިޔާލު ތަފާތުވުމެއް އަނެއްބައެއްގެ މެދުގައި މަދުމަދުން ނަމަވެސް އެބަވާކަން ގަބޫލުކުރާން ޖެހެއެވެ. އެދުވަހުގެ އެހާދިސާއާއި ހަމަޔަށް ގައުމު ގެންދެވި އެހިންގުނު ކަންކަން އެގޮތަށް ހިންގުމަށް މަގުފަހިވެގެން ދިޔައީ ކޮންމެވެސް ހިސާބެއްގައި ނުބެއްދުނު ބާގަނޑެއް ނުވަތަ، ބާގަނޑުތަކެއް ހުރުމުން ކަމުގައި ގަބޫލުކުރާ ބަޔަކުވެސް އެބަތިއްބެވެ. އެގޮތުން އެއްބަޔަކު ބުނާގޮތުގައި ފުލުހުންނާއި ސިފައިންގެ އިންޓެލިޖެންސް އެންމެ ފުރިހަމަގޮތުގައި ހޯދިމައުލޫމާތުތައް ކަށަވަރު ނުކުރެވި ނުވަތަ އިހުމާލު ކޮށްލެވިފައި އޮތީއެވެ. ފުލުހުންނާއި ސިފައިންގެ ތެރޭގައި ބަޣާވާތް ގެނައުމަށް ކުރަމުންގެންދިޔަ މަސައްކަތް ހުއްޓުވާނުލެވި ކުރިއަށް ދިޔައީ ކޮންބައެއްގެ އިހުމާލުންތޯ މިފަދަ މީހުން ސުވާލުކުރާނެއެވެ. އަނެއްބަޔަކު ދެކޭގޮތުގައި މިމަގަށް ކަންހިންގުމަށް މަގުފަހި ވެގެން ދިއުމުގެ އެންމެބޮޑު ސަބަބަކީ އޭގެ ކުރީގެ ވެރިކަމުގައި ބޮޑެތި ޖަރީމާތައް ހިންގާފައިތިބި ބޮޑެތި މުޖުރިމުން ކަމުގައި ބެލެވޭބަޔަކަށް ރާއްޖޭގެ ސިޔާސީ މަސްރަހުގައި ގަދަފައި ވިއްދައިގެން ތިބުމުގެ ފުރުސަތު ދެވުނީއެވެ. އަނެއް ބުނުންތަކެއް އެއްބަސްވަނީ ރާއްޖޭގެ ޖޫޑިޝަރީގައި ހުރި މައްސަލަތައް މިމަގަށް މިކަން ގެންދިއުމަށް ބާރުއެޅީ ކަމުގައެވެ.

ކޮންމެއަކަސް މިބުނެވޭ ހުރިހައި ބުނުންތަކާ މެދުގައިވެސް ވިސްނާލަން ޖެހޭއިރު ދެން އޮޅުންފިލަން ޖެހެނީ އެގެނެވުނީ ބަޣާވާތެއް ކަމުގައި ވެއްޖެނަމަ ދެން ކަންކުރާނެ ގޮތެކެވެ. ވެރިކަން އަނބުރައި އިއާދަކުރާނީ ހެއްޔެވެ؟ ނޫނީ ހަމަ އަލުން އިންތިޚާބަކަށް ދާނީ ހެއްޔެވެ؟ އޭރުން ބަޣާވާތް ކުރިބަޔަކަށް ވެގެންދާނީ ކިހިނެއް ހެއްޔެވެ؟

މިއަދު މިސުވާލުތަކުގެ އެންމެފުރިހަމަ ޖަވާބު ނުލިބޭތީވެ ވެރިކަން ބަދަލުވެ މިއަދު ވެރިކަމުގެ ބާރުގައި ތިބިފަރާތްތަކުންވެސް އަވަސް އިންތިޚާބެއް ކުރިމަތި ވެދާނެކަމުގައި ބަލައިގެން މިހާރުވެސް އަޑިއަޑިންނޭ މުޅިން ނުބުނެވޭހާ ފާޅުގައި ރިޔާސީ އިންތިޚާބަށް ކެމްޕެއިން ކުރަމުން އެގެންދަނީއެވެ. އެއްބަޔަކު އަނެއް ބަޔަކަށް ބަހުގެ ހަމަލާތައް ދިނުމުގެ އިތުރުން ދެމުނުގޮތަކަށް މެންބަރުން ދެމުމުގެ މަސައްކަތް އެގެންދަނީ ކުރަމުން ކަމުގައި އެބަބުނާ އަޑު އިވެއެވެ.

ދިވެހިރާއްޖޭގައި ގާތްގަނޑަކަށް ތިންލައްކަ މީހުންގެ އާބާދީއެއް އޮތްއިރު މިހާރުވެސް ފަނަރަ ވަރަކަށް ސިޔާސީ ޕާޓީ ރަޖިސްޓްރީ ކޮށްފައި އެބަވެއެވެ. މީގެއިތުރުންވެސް ސިޔާސީ ޕާޓީތަކެއް ވުޖޫދަށް އަތުވެދާނެ ކަމުގައި މިހާރުވެސް މިދަނީ އަޑުއަރަމުންނެވެ. އެންމެ ހެއްވާ ކަމަކީ ސިޔާސީ ޕާޓީއެއް ރަޖިސްޓްރީ ކުރެވެނީ ތިންހާސް މީހުން ސައްޚަ މެންބަރުންގެ ގޮތުގައި ތިބެގެން ކަމުގައި ވާއިރު ދެން އެމެންބަރުންގެ އަދަދު ކިހާމިންވަރަކަށް މަދުވުމުން އެޕާޓީއެއް އުވޭނެކަން އެނގޭން ނެތުމެވެ. މިކަމުގައި ގާނޫނީ އިމެއް ނެތި މިވަނީ އިހުމާލު ކޮށްލެވިފައެވެ. ދައުލަތުގެ ބަޖެޓުން ފައިސާތަކެއް ބޭކާރުކުރެވޭ އެތަކެއް ސިޔާސީ ޕާޓީ މިއަދު އެބަވާކަމުގައި އެއްބަޔަކު ގަބޫލުކުރެއެވެ. ވިހިމީހުން މެންބަރުންގެ ގޮތުގައި ތިއްބަސް އެވެސް ދެން ސިޔާސީ ޕާޓީއެކޯލައެވެ.

ރާއްޖޭގައި ސިޔާސީ ޕާޓީތައް އުފެދެން ފެށީއްސުރެ ” ސިޔާސީ އިނދެވަރިކުރުމާއި، ސިޔާސީގޮތުން ފަށްކެނޑުންވެސް ” މިވަނީ ތަޢާރަފު ވެފައެވެ. ތިންހަތަރު ދުލުގެ އަހުލުވެރީން މިގައުމުގައި ގިނަކަން އެއްދުވަހުން އަނެއް ދުވަހަށް މިދަނީ އެނގި ސާބިތުވަމުންނެވެ. ތިމާގެ ސިޔާސީ ފިކުރަކީ ފައިސާގެ ދަޅަޔަށް ހެއްލި އަވަދިވާ އެއްޗެއްކަން ނުބުންޏަސް މިދަނީ އެނގެމުންނެވެ. މީގެސަބަބުން ރާއްޖޭގެ ސިޔާސީ މަސްރަޙު ކޮރަޕްޓުވެ މިނިޒާމާއި މެދުގައި ރައްޔިތުންގެ ހިތުގައި ނަފުރަތު އުފެދުމުގެ ފުރުސަތު ގައިމުވެސް އޮންނާނެކަން ގަބޫލުކުރާން ޖެހެއެވެ. އެހެނަސް ތިމާމެންގެ އަމިއްލަ އެދުމަށްޓަކައި އަނެކުންގެ ޒަމީރު ކުޑަފައިސާ ކޮޅަކަށް ގަނެލާ މީހުންނާއި ވިއްކާލާ މީހުން މިދަނީ ފެންނަމުން އިތުރުވަމުންނެވެ. މިއަދު ބައެއް ޕާޓީތަކަށް ފާޅުގައި ފައިސާދީގެން މެންބަރުން ހޯދަން ބަޔަކު ދުވާއިރު އެމީހުން ގުނބޯ ނައްޓުވައިގެން އަމިއްލަ ޖީބުފުރާލަން ކެރޭމީހުންވެސް އެބައުޅޭ ކަމުގައި ބުނެވެއެވެ. މިހެން މިކަން ވާނަމަ އާޚިރުގައި އެންމެބޮޑު ގެއްލުމެއް ވެގެންދާނީ ގައުމުގެ ސިޔާސީ ސިސްޓަމަށެވެ. އެއްދުވަހު އެއްޕާޓީގައި އަނެއްދުވަހު އަނެއް ޕާޓީއެއްގައި މުގޯލިއަޅާ މީހުން ގިނަވެގެން ދާނެއެވެ. އިތުބާރު ގެއްލި ވާނުވާ ނޭނގިތިބެގެން މަގުއޮޅި ވާވަދެގެން ދާނެކަމާމެދަކު ޝައްކެއްވެސް ނެތެވެ. ތިމާގެ ސިޔާސީ ފިކުރާއި ވޯޓަކީ ފައިސާއަށް ވިއްކާލެވޭ އެއްޗެއް ކަމުގައި ބެލެވެމުންއައި ބޯދާ ވިސްނުން އަލުން އަނބުރައި ގެނެވި ރާއްޖޭގެ މިސްރާބު ގެއްލި ހިނގައި ދާނެއެވެ. މިއަދު މަސްތުވާ ތަކެތީގެ މައްސަލަ ތަކާއި ގުޅިގެން އެހިންގާ ކަމުގައި ބުނާ ގޭންގު މާރާމާރީތައް މާދަމާ ސިޔާސީ ޕާޓީތަކުގެ ބޮޑުމޭޒުމަތީން ރާވައިގެން ހިންގާން ނުފަށާނެ ކަމެއް އެނގެނީ ކާކަށް ހެއްޔެވެ؟

ރާއްޖޭގެ ސިޔާސީވެށި ފައިސާގެ ދަޅައިން ދަޅަދައްކައިގެން ކިލަނބު ކޮއްލުމަކީ ކޮންމެ ބަޔަކު ކުރިނަމަވެސް މިގައުމުގެ ކުރިމަގަށް ބަލާއިރު އެންމެ ނުރައްކާތެރި ކަމެއްކަމުގައި މެނުވީ ހަމަނުވާނެއެވެ. އަދި މިކަމަކީ މިހާރު މިގެނެސްގެން އުޅެނީ ބަޣާވާތެއް ކަމުގައި ނިންމާފާނެތީވެ ތިމާގެ ޖާނުސަލާމަތް ކުރުމުގެ ގޮތުން ބަޣާވާތުގައި ބައިވެރިވި ކަމުގައި ތުހުމަތު ކުރެވޭ ބައެއް ފަރާތްތަކުން ތިމާމެންގެ ކަރު ދަންމަޅިން ސަލާމަތް ކުރުމަށް ކުރާކަމެއް ކަމުގައި ވާނަމަ މިކަމަކީ ގައިމުވެސް މިގައުމު ލޭއޮހޮރުވުމެއްގެ ތެރެއަށް ގެންގޮސްފާނެ ކަމެކެވެ.