ޔޫއެސް އިންސްޓިޓިއުޓް އޮފް ޕީސް ގައި ރައީސް ނަޝީދު މިރޭ ތަގުރީރުކުރައްވާނެ

ޔޫއެސް އިންސްޓިޓިއުޓް އޮފް ޕީސް ގައި އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް ރައީސް މުޙަންމަދު ނަޝީދު މިރޭ ތަގުރީރުކުރައްވާނެ އެވެ.

ރައީސް ނަޝީދުގެ ތަގުރީރު ފެށޭނީ ރާއްޖޭ ގަޑިން މިރޭ 10 ޖަހާއިރުއެވެ.

ރައީސް ނަޝީދު އެމެރިކާއަށް ކުރައްވަމުން މި ގެންދަވާ ދަތުރުފުޅުގައި އެމެރިކާގެ ސެނެޓްގެ ފޮރިން ރިލޭޝަންސް ކޮމިޓީއާއި، އަދި މެދުއިރުމައްޗާއި އޭޝިއާ އަށް ކަނޑައަޅާފައިވާ އެ ކޮމިޓީގެ ސަބް ކޮމިޓީ އާއި ބައްދަލުކުރައްވާނެއެވެ. އަދި ޔޫއެސް އިންސްޓިޓިއުޓް އޮފް ޕީސް ގައި އެމަނިކުފާނު ތަގުރީރުކުރައްވާނެއެވެ. މީގެ އިތުރުން ޔޫއެސް ސްޓޭޓް ޑިޕަރޓްމެންޓްގެ އެސިސްޓެންޓް ސެކްރެޓަރީ ރޮބަރޓް ބްލޭކް އާއި، އިންޓަރނޭޝަނަލް ރިޕަބްލިކަން އިންސްޓިޓިއުޓާއި ބައްދަލުކުރައްވާނެއެވެ. އަދި އެމްނެސްޓީ އިންޓަރނޭޝަނަލް އިން ސްޕޮންސަރކޮށްގެން ވޮޝިނަގްޓަން ގައި ސްކްރީން ކުރާ، ދި އައިލެންޑް ޕްރެޒިޑެންޓް ސްކްރީން ކުރުމުގެ ހަފްލާގައި ބައިވެރިވެވަޑައިގަންނަވާނެއެވެ. އެމްނެސްޓީ އިންޓަރނޭޝަނަލް އިން ބާއްވާ ވަށްމޭޒު މަޝްވަރާ ބައްދަލުވުމަކާއި، ނެޝަނަލް އެންޑޯވމަންޓް ފޯރ ޑިމޮކްރަސީ ބައްދަލުވުމުގައި ރައީސް ނަޝީދު ބައިވެރިވެވަޑައިގަންނަވާނެއެވެ. އެއަށް ފަހު ބޮސްޓަން އާއި، ނިއުޔޯކަށް ވަޑައިގެން އެމެރިކާގެ ބައެއް އިސް ސިޔާސީ ފަރާތްތަކާއި ބައްދަލުކުރައްވައި، އަދި ތަފާތު އެކި މީޑިއާތަކަށް އިންޓަވިއު ދެއްވާނެއެވެ.

ރައީސް ނަޝީދު އެމެރިކާއަށް ކުރައްވާ މި ދަތުރުފުޅުގައި އެމަނިކުފާނުގެ އަރިހުގައި އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕްގެ އެއް ނައިބު ލީޑަރު އަދި ރައްޔިތުންގެ މަޖިލީހުގެ ހިތަދޫ އުތުރު ދާއިރާގެ މެންބަރު މުޙައްމަދު އަސްލަމް އާއި، އެމްޑީޕީގެ ޗެއަރޕާސަން ނައިބު (އިދާރީ) އަލީ ޝިޔާމްގެ އިތުރުން ރައީސް ނަޝީދުގެ ޕޮލިސީ ސެކްރެޓަރީ އަދި އެމްޑީޕީގެ ޒުވާނުންގެ ގޮފީގެ ރައީސާ އާމިނަތު ޝައުނާ ވެސް ބައިވެރިވެވަޑައިގަންނަވައެވެ.