ފޮނަދޫ ދާއިރާގައި އެމްޑީޕީ ޕްރޮމޯޓް ކުރުމުގެ މަސައްކަތް އަޅުގަނޑު ފަށައިފިން – އޯކޭ ޒާހިރު

ފޮނަދޫ ދާއިރާގައި އެމްޑީޕީ ޕްރޮމޯޓް ކުރުމުގެ މަސައްކަތް ފައްޓަވާފައިވާ ކަމަށް އެމްޑީޕީ ލ. ފޮނަދޫ ދާއިރާގެ ރައީސް މުޙައްމަދު ޒާހިރު (އޯކޭ ޒާހިރު) ވިދާޅުވެއްޖެއެވެ.

އެމްޑީޕީ ވެބްސައިޓަށް މައުލޫމާތު ދެއްވަމުން އޯކޭ ޒާހިރު މިއަދު ވިދާޅުވީ އެމްޑީޕީ ފޮނަދޫ ދާއިރާގެ ރައީސް ކަމަށް ވާދަކުރެއްވުމުގެ ކުރިން ވެސް އެ ސަރަހައްދުގައި އެމްޑީޕީ ޕްރޮމޯޓްކުރުމުގެ މަސައްކަތް އޭނާ ގެންދިޔައީ ކުރައްވަމުން ކަމަށް ވިދާޅުވިއެވެ. އެ ދާއިރާގެ އެމްޑީޕީ ރައީސް ކަމަށް އިންތިޚާބުވުމާ ގުޅިގެން އެ މަސައްކަތް އިތުރަށް ފުޅާކޮށް ކުރިޔަށް ގެންދިއުމުގެ މަސައްކަތް ފައްޓަވާފައިވާ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

އެމްޑީޕީ ފޮނަދޫ ދާއިރާއިން މައުލޫމާތު ދިން ގޮތުގައި، އެ ދާއިރާގައި އެމްޑީޕީ ޕްރޮމޯޓްކުރުމަށް އެ ދާއިރާގެ ރައީސް އޯކޭ ޒާހިރު ފައްޓަވާފައިވާ މަސައްކަތްތަކުގެ ތެރޭގައި އެންމެ އިސްކަމެއްދެއްވައިގެން ކުރިޔަށް ގެންދަވަނީ އެމްޑީޕީ އަށް މެންބަރުން އިތުރުކުރުމުގެ މަސައްކަތެވެ. މީގެއިތުރުން އެދާއިރާގެ މެންބަރުންނަށް ދިމާވަމުން އަންނަ ވަޒީފާލިބުމުގެ ދަތިކަން ޙައްލުކުރުމަށްޓަކައި ކެރެވެންހުރި މަސައްކަތްތައް ވެސް އޯކޭ ޒާހިރު ކުރައްވަމުން ގެންދަވާ ކަމަށް އެ ދާއިރާއިން މައުލޫމާތު ދެއެވެ.

ފޮނަދޫ ދާއިރާގައި ހިމެނޭ ފޮނަދޫ، ގާދޫ އަދި މާމެންދޫގެ އެމްޑީޕީގެ މެންބަރުންނަށް ވަޒީފާ ހޯދުމުގައި ވަކިޕާޓީއަކަށް ނިސްބަތްވާތީ މިހާރަކަށް އައިސް ކުރިމަތިމަތި ވަމުން އަންނަ، ވަޒީފާ ނުލިބުމުގެ މައްސަލައަށް ހައްލު ހޯދުމަށް ކަމާއިބެހޭ ފަރާތްތަކާ ވާހަކަދައްވައި އެކަމަށް އެކަށޭނެ ހައްލު ހޯދުމުގެ މަސައްކަތް ވެސް އެ ދާއިގެ ރައީސްގެ ހައިސިއްޔަތުން އޯކޭ ޒާހިރު ފައްޓަވާފައިވާ ކަމަށް އެމްޑީޕީ ފޮނަދޫ ދާއިރާ އިން މައުލޫމާތު ދެއެވެ.

“އަޅުގަނޑުގެ ދާއިރާގައި އެމްޑީޕީ ޕްރޮމޯޓްކުރުމަށް އަޅުގަނޑު ފަށާފައި މިވާ މި މަސައްކަތްތަކުގެ ތެރޭގައި ހިމަނައިގެން މި ދާއިރާގެ އެމްޑީޕީ މެންބަރުންގެ އަދަދު އިތުރުކުރުމާއި، ގޮފިތަކުގެ ހިންގުން ހަރުދަނާ ކުރުމާއި، މެންބަރުންނަށް ތަމްރީނު ދިނުމާއި ސިޔާސީ އަދި އިޖުތިމާއީ ގޮތުން އިތުރަށް ހޭލުންތެރި ކުރުމުގެ ޕްރޮގްރާމަތައް ހިންގުމަށް އަޅުގަނޑު ވާނީ ގަސްދުކޮށްފައި.” އެމްޑީޕީ ވެބްސައިޓަށް މައުލޫމާތުދެއްވަމުން އޯކޭ ޒާހިރު ވިދާޅުވިއެވެ.