ފުވައްމުލަކު ދޫނޑިގަމް ގައި ހުކުރު ދުވަހުގެރޭ އެމްޑީޕީގެ ޚާއްސަ ޖަލްސާއެއް ބާއްވަނީ

ފުވައްމުލަކު ދޫނޑިގަމްގައި މާދަމާރޭ އެމްޑީޕީގެ ޚާއްސަ ޖަލްސާއެއް އޮންނާނެއެވެ.

މި ޖަލްސާ އާއި ބެހޭ މައުލޫމާތު އެމްޑީޕީ ވެބްސައިޓަށް ދެއްވަމުން ފުވައްމުލަކު ޑިވެލޮޕްމެންޓް ކޯޕަރޭޝަންގެ ކުރީގެ މެނޭޖިންގ ޑިރެކްޓަރ ޝައްފާފު ނަސީރު ވިދާޅުވީ މި ޖަލްސާ އަކީ ފުވައްމުލަކުގައި އެމްޑީޕީގެ ރޫހު އިތުރަށް އާލާކޮށް ދިރުވުމަށް މިހާރު ފަށާފައިވާ ސިލްސިލާ ހަރަކާތްތަކުގެ ތެރޭގައި ހިމެނިގެން އެރަށު ދޫނޑިގަމް އަވަށުގައި އެމްޑީޕީގެ ހަރުގެ އެޅުން އިފްތިތާހުކުރުމަށް ބާއްވާ ޖަލްސާއެއް ކަމަށެވެ.

މާދަމާރޭ 9 ޖަހާއިރު އެމްޑީޕީ ދޫނޑިގަމް ހަރުގެ އަޅާ ބިމުގައި ބާއްވާ މި ޖަލްސާ ގައި، އަވަސް އިންތިޚާބަކަށް ގޮވާލުމުގެ އިތުރުން އެމްޑީޕީ ސަރުކާރުން ފުވައްމުލަކުގައި ފަށާފައިވާ ޕްރޮޖެކްޓްތައް ބާޣީ ސަރުކާރުން ހުއްޓާލާފައިވާތީ، އެ ޕްރޮޖެކްޓްތައް ވަގުތުން ފެށުމަށް ބާޣީ ސަރުކާރަށް ގޮވާލާނޭ ކަމަށް ވެސް ފުވައްމުލަކު މެދު ދާއިރާއިން ބުނެއެވެ.

އެ ގޮތުން ފުވައްމުލަކުގައި ހުއްޓިފައިވާ ބައެއް މަޝްރޫއުތަކުގެ ތެރޭގައި ފެނާއި ނަރުދަމާގެ މަސައްކަތާއި، މަގުހެދުމުގެ މަސައްކަތާއި، ބަނދަރު މަރާމާތުކުރުމާއި، ބަނދަރުމަތި ތަރައްގީ ކުރުމާއި، ރަށްގިރުން ހުއްޓުވުމާއި، ސިޓީ ހޮޓާ އެޅުމުގެ މަޝްރޫއު ފަދަ މުހިންމު މަޝްރޫއުތައް ހިމެނެއެވެ.

މާދަމާ ރޭ ފުވައްމުލަކުގައި ބާއްވާ މި ޖަލްސާ ގައި އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕްގެ މެންބަރެއް ކަމަށްވާ ރައްޔިތުންގެ މަޖިލީހުގެ އިހަވަންދޫ ދާއިރާގެ މެންބަރު އަހުމަދު ޢަބްދުﷲ ވެސް ބައިވެރިވެވަޑައިގަންނަވާނެއެވެ.