އަލްއުސްތާޛާ މާރިޔާ އަޙުމަދު ދީދީ ޕޮލިހަށް ހާޒިރުކުރުން ކުށްވެރިކުރުން

ވަގުތުން ނެރުމަށް
MDP-2012-PR-ނަންބަރު: 53
ތާރީޚް: 20 ޖޫން 2012 (ބުދަ)

އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕްގެ މެންބަރު އަދި މި ޕާޓީގެ ކުރީގެ ޗެއަރޕާސަން އަލްއުސްތާޛާ މާރިޔާ އަޙުމަދު ދީދީ ފުލުސް އޮފީހަށް ހާޒިރުވުމަށް ޗިޓް ފޮނުވާފައިވާތީ، އެކަން މި ޕާޓީން އެންމެ ހަރުކަށި އިބާރާތުން ކުށްވެރިކުރަމެވެ.

ކޮމިޝަން އޮފް ނެޝަނަލް އިންކުއިރީގެ މަސައްކަތް ފެށިފައިވާ އިރު، އަލްއުސްތާޛާ މާރިޔާ އަޙުމަދު ދީދީ ފަދަ، ބަޣާވާތާއި ދެކޮޅަށް ކެރިވަޑައިގެން ވަކާލާތު ކުރައްވަމުން ގެންދަވާ ފަރާތްތައް، ފުލުހަށް ހާޒިރުކުރުމަށް ބާޣީ ސަރުކާރުން ކުރަމުން ގެންދާ މަސައްކަތަކީ، ފުލުހުންނާއި ސިފައިންގެ ބައިވެރިވުމާއެކު ފެބްރުއަރީ 7 ވަނަ ދުވަހު ގެނެސްފައިވާ ބަޣާވާތުގެ ވާހަކަދައްކާ ފަރާތްތަކާއި، އެ ބަޣާވާތާއި ބެހޭ މައުލޫމާތު ފޯރުކޮށްދޭ ފަރާތްތަކަށް ހުޅުވިފައިވާ މާހައުލެއްގައި އެފަދަ ވާހަކަތައް މިނިވަންކަމާއެކު ދެއްކުމުގެ ފުރުސަތު ހަނިކުރުމަށް ބާޣީ ސަރުކާރުން ރާވައިގެން ހިންގާ ފިނޑި އަމަލެއް ކަމުގައި މި ޕާޓީން ދެކެމެވެ.

މި ފަދަ ރޭވުންތައް ތަކުރާރުކޮށް ރާވަމުންދިޔަ ނަމަވެސް ރާއްޖެއަށް ބާޣާވާތެއް ގެނެސް ވެރިކަމުގެ ބާރުތައް އެމްޑީޕީގެ އަތުން ފޭރިގެންފައިވާ ކަން ސާބިތުކޮށް ދިނުމަށް މި ޕާޓީން ކުރަމުންދާ މަސައްކަތަށް ވެސް އަދި އަވަސް އިންތިޚާބެއް ހޯދުމަށް އެމްޑީޕީގެ ލޮބުވެތި މެންބަރުން ފަށާފައިވާ ބުރަ މަސައްކަތަށް، ކުޑަވެސް ލޮޅުމެއް، މަޑުޖެހުމެއް ނާންނާނޭ ކަމުގެ ފުރިހަމަ ޔަގީންކަން މި ޕާޓީގެ މެންބަރުންނަށާއި، ދިވެހި އެންމެހާ ލޮބުވެތިރައްޔިތުންނަށް އަރުވަމެވެ.

ބަޔާން ނެރުނީ: އެމްޑީޕީ ސެކްރެޓޭރިއަޓް