އެމްޑީޕީ އިންތިޚާބު 2012 ގެ ކާމިޔާބީ ފާހަގަކުރުން

ވަގުތުން ނެރުމަށް
MDP-2012-PR-ނަންބަރު: 52
ތާރީޚް: 17 ޖޫން 2012 (އާދީއްތަ)

އެމްޑީޕީ އިންތިޚާބު 2012

16 ޖޫން 2012 ވީ ހޮނިހިރު ދުވަހު ބޭއްވި ދިވެހިރައްޔިތުންގެ ޑިމޮކްރަޓިކް ޕާޓީ (އެމްޑީޕީ) އިންތިޚާބު 2012 ޑިމޮކްރަސީގެ ރިވެތި ހަމަތަކާއި އުސޫލުތަކާއި އެއްގޮތަށް އަމާންކަމާއި، އޮމާންކަމާއި އެކު ނިމިގެން ގޮސްފައިވަނީ އެމްޑީޕީގެ ލޮބުވެތި މެންބަރުންނާއި، ޕާޓީއަށް ހެޔޮއެދޭ ފަރާތްތަކާއި، މި އިންތިޚާބުގެ ކަންކަން ބެލެހެއްޓި އޮފިޝަލުންގެ ފުރިހަމަ އެހީތެރިކަމާއި، އެއްބާރުލުމާއި އެކުކަން މި ޕާޓީން ފާހަގަކޮށް އެ ހުރިހާ ފަރާތްތަކަށް އިޚްލާސްތެރި ކަމާއެކު ޝުކުރު ދަންނަވަމެވެ.

އެމްޑީޕީގެ އިންތިޚާބު 2012 ގައި 31000 އަށް ވުރެ ގިނަ މެންބަރުން ވޯޓުލާފައިވުން ދޭހަކޮށްދެނީ އެމްޑީޕީގެ މެންބަރުންނަކީ އިންތިޚާބަށް ލޯބިކުރާ، ޑިމޮކްރަސީގެ ރީތި ހަމަތަކާއި، އުސޫލުތަކަށް އިޙްތިރާމް ކުރާ މެންބަރުން ކަމެވެ. އަދި މި އިންތިޚާބުގައި މި ޕާޓީގެ އެންމެ އިސް ލީޑަރު ހޯއްދެވި ކާމިޔާބީ އަކީ މި ގައުމުގެ ލޮބުވެތި ރައްޔިތުންގެ ތެރެއިން ގިނަ ބަޔަކު ބަޣާވާތާއި ދެކޮޅު ކަމާއި، އެ ރައްޔިތުން ބޭނުން ވަނީ އިންތިޚާބީ ވެރިއެއް ކަން ރަމްޒުކޮށްދޭ އަލިގަދަ ހެއްކެކެވެ.

މި އިންތިޚާބުގެ ވަގުތީ ނަތީޖާ ދައްކާ ގޮތުން ރިޔާސީ ޕްރައިމަރީގައި މި ޕާޓީގެ އެންމެ އިސް ލީޑަރު މުޙަންމަދު ނަޝީދަށް 31798 ވޯޓު ލިބިވަޑައިގެންފައިވާ އިރު، ޗެއަރޕާސަން ކަމަށް މޫސާ މަނިކަށް 29044 ވޯޓު އަދި ޗެއަރޕާސަން ނައިބު (އިދާރީ) އަށް ކޮންގްރެސް މެންބަރުންގެ ތެރެއިން 597 ވޯޓު ލިބިވަޑައިގެންފައި ވެއެވެ.

މި އިންތިޚާބުގައި ވަރަށް ތަނަވަސް އަޤްލަބިއްޔަތަކުން އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓްގެ މަގާމަށް ހޮވިވަޑައިގެންފައިވާ އެމްޑީޕީގެ އެންމެ އިސް ލީޑަރު މުޙަންމަދު ނަޝީދުގެ އިތުރުން ޗެއަރޕާސަންގެ މަގާމަށް ހޮވިވަޑައިގެންނެވި މޫސާ މަނިކަށާއި، ޗެއަރޕާސަން ނައިބު (އިދާރީ) ގެ މަގާމަށް ހޮވިވަޑައިގެންނެވި އަލީ ޝިޔާމް އާއި ދާއިރާތަކުގެ ހިންގާ ކޮމިޓީތަކަށް އަލަށް ހޮވިވަޑައިގެންނެވި ފަރާތްތަކަށް މި ޕާޓީގެ ސެކްރެޓޭރިއަޓާއި، އާންމު މެންބަރުންގެ ނަމުގައި ވަރަށް ހޫނު މަރުހަބާއެއް ދަންނަވަމެވެ.

ބަޔާން ނެރުނީ: އެމްޑީޕީ ސެކްރެޓޭރިއަޓް