އެމްޑީޕީގެ ގިނަ އަދަދެއްގެ ބަޔަކު ޖުމްހޫރީ ޕާޓީގައި

އެމްޑީޕީގެ އެތެރޭގެ އިންތިޚާބުގައި ވޯޓުލުމަށް ހާޒިރުވި ގިނަ އަދަދެއްގެ ބަޔަކު ޖުމްހޫރީ ޕާޓީގެ ދަފްތަރުގައާއި، އެހެން ޕާޓީތަކުގެ ދަފްތަރުގައި އޮވެގެން އެކަމުގެ ޝަކުވާ ހުށަހަޅައިފިއެވެ.

އެމްޑީޕީގެ އިންތިޚާބާ ބެހޭ ކޮމިޓީގެ މުގައްރިރު އަދި އެންސްޕާގެ ފުރަތަމަ ޗެއަރމަން އިބުރާހީމް ވަހީދު ވިދާޅުވީ 2500 އަށް ވުރެ ގިނަ ބަޔަކު ވޯޓިންގ ލިސްޓުގައި ނަންނެތުމުގެ ސަބަބުން ޝަކުވާ ކޮށްފައިވާ ކަމަށާއި، އަދި އެމައްސަލަ ބެއްލެވި އިރު އޭގެ ތެރެއިން ވަރަށް ގިނަ އަދަދެއްގެ ބަޔަކަށް ނޭނގި ޖުމްހޫރީ ޕާޓީގެ ދަފްތަރުގައި ޖައްސާފައިވާ ކަމަށެވެ. އަދި ޖުމްހޫރީ ޕާޓީގެ އިތުރުން އެހެން ޕާޓީތަކުގައި ވެސް އެ ޕާޓީގެ މެންބަރުންނަށް ނޭނގި ރަޖިސްޓްރީވެފައިވާ ކަމަށް އިބްރާހީމް ވަހީދު ވިދާޅުވިއެވެ.

” 2500 އަށްވުރެ ގިނަ ޝަކުވާ އައިސްފައިވާ ނަމަވެސް އަޅުގަނޑުމެން މި ބަލަނީ އެއަށް ވުރެ މާގިނަ ބަޔަކު އެ ފަރާތްތަކަށް ނޭނގި ޕާޓީން ވަކިކޮށް އެހެން ޕާޓީތަކަށް ވައްދާފައިވާ ކަމަށް. ރަށްރަށުން ވެސް އެބަހުރި ވަރަށް ގިނަ ޝަކުވާ ލިބިފަ” އިބުރާހީމް ވަހީދު ވިދާޅުވިއެވެ.

އެމްޑީޕީން ބުނީ ހުރިހާ ރަށަކުން ހެން ވޯޓިންގ ލިސްޓުގައި ނަން ނެތް މައްސަލަ ކުރިމަތިވި ކަމަށާއި، އެ ހުރިހާ އެންމެން ވެސް އެހެން ޕާޓީތަކުގައި ރަޖިސްޓްރީކޮށްފައިވާކަން ފަހުން އެނގިފައިވާ ކަމަށެވެ. އެހެން ކަމުން އެ މައްސަލައިގައި ގޮތެއް ނިންމުމަށް އެމްޑީޕީގެ މެންބަރޝިޕާއި ކެމްޕެއިން ކޮމިޓީން ބައްދަލުވުމެއް ބާއްވާނޭ ކަމަށެވެ.