އެމްޑީޕީން ޖަމްބަލް ސޭލްއެއް ބާއްވަނީ

އެމްޑީޕީގެ އަންހެނުންގެ ރޫހުން އިސް ނަގައިގެން އެ ޕާޓީއަށް އާމްދަނީ ހޯދުމަށް ޖަމްބަލް ސޭލްއެއް ބާއްވާ ގޮތަށް ހަމަޖައްސައި އެކަމުގެ ތައްޔާރީތައް ވަމުން އެބަގެންދެއެވެ.

އެމްޑީޕީގެ 7 ވަނަ އަހަރީ ދުވަހާ ގުޅިގެން ބާއްވާ މި ޖަމްބަލް ސޭލް ބާއްވަން ހަމަޖެހިފައިވަނީ 23 ޖޫން 2012ވާ (ހޮނިހިރު)ދުވަހު ހެނދުނު 9 ން ރޭގަނޑު 12 އަށް ކަމަށާއި، ސޭލް ބޭއްވުމަށް ހަމަޖެހިފައިވަނީ އުސްފަސްގަނޑުގައި ކަމަށް އެމްޑީޕީގެ އަންހެނުންގެ ރޫހުގެ ރައީސާ ޝިޔާމާ އަޙުމަދު ވިދާޅުވިއެވެ.

” އަޅުގަނޑުމެން އަންހެނުންގެ ރޫޙްގެ ފަރާތުން މި ބާއްވާ ޖަމްބަލް ސޭލްއަށް ތިހުރިހާ ބޭ ފުޅުންގެ އެއްބާރުލުމާއި ތަރުހީ ލިބޭނެކަމަށް އުންމީދު ކުރަން. ޖަމްބަލް ސޭލްއަށް ތަކެތި ހަވާލުކުރުމަށް ގުޅުއްވާނެ ނަންބަރަކީ7771207. މި ނަންބަރަށް ގުޅުއްވައި ވީހާ ވެސް ގިނަ ބަޔަކު ތަކެތި ހަވާލުކުރުމަކީ ޕާޓީއަށް ފޯރުކޮށްދެވޭ ވަރަށް ދީލަތި އެހީއެއް ކަމަށް އަޅުގަނޑު ދެކެނީ. އިރާދަކުރެއްވިއްޔާ މި ސޭލް ކާމިޔާބު ސޭލްއަކަށް ހެދުމަށް އަޅުގަނޑުމެން މިކުރާ މަސައްކަތް ކާމިޔާބުވާނެ،” ޝިޔާމާ ވިދާޅުވިއެވެ.

އެމްޑީޕީގެ އަންހެނުންގެ ރޫހަކީ އެ ޕާޓީގެ އެންމެ ހަރަކާތްތެރި އެއް ގުނަންގެ ގޮތުގައި ފާހަގަކުރެވިފައިވާ އެއް ގުނަނެވެ. އެ ގޮތުން އެ ރޫހުން މިހާތަނަށް ވަނީ އެމްޑީޕީގެ ރޫހު އިތުރަށް ވަރުގަދަ ކުރުމަށްޓަކައި މާލެ އާއި އަތޮޅުތަކުގައި ތަފާތުއެކި ހަރަކާތްތައް ހިންގާފައެވެ.