ހއ. ދިއްދޫ އެމްޑީޕީ ގޮފިތައް އަލުން އެކުލަވާލުމުގެ މަސައްކަތް ކުރަމުން އެބަދޭ

ހއ. ދިއްދޫ ގައި އެމްޑީޕީގެ ގޮފިތައް އަލުން އެކުލަވާލުމުގެ މަސައްކަތް ވަރަށް ބާރަށް ކުރިޔަށްދާ ކަމަށް އެމްޑީޕީ ދިއްދޫ ދާއިރާގެ ރައީސް އާދަމް ސަލީމް ވިދާޅުވެއްޖެ އެވެ.

އެމްޑީޕީ ވެބްސައިޓަށް މައުލޫމާތު ދެއްވަމުން އާދަމް ސަލީމް މިއަދު ވިދާޅުވީ ގޮފިތައް ސައްހަކޮށް ވަރަށް އަވަހަށް އަލުން އެކުލަވާލާނޭ ކަމަށާއި، އޭގެ އިތުރުން އެ ދާއިރާއިން ހުސްވެފައިވާ ނައިބު ރައީސް ކަމުގެ މަގާމަށް ކުރިމަތި ލުމުގެ ފުރުސަތު ވެސް ވަރަށް އަވަހަށް ހުޅުވާލައި، އޮގަސްޓް މަހުގެ ނިޔަލަށް އެ މަގާމަށް މީހަކު އިންތިޚާބު ކުރެވޭތޯ މަސައްކަތް ކުރަމުން ގެންދާ ކަމަށެވެ.

ދިއްދޫގައި އެމްޑީޕީގެ 460 އަށް ވުރެ ގިނަ މެންބަރުން ތިބި ނަމަވެސް އެރަށުގައި އޮންނަނީ އެމްޑީޕީގެ އެންމެ 3 ގޮފި ކަމަށް އާދަމް ސަލީމް ވިދާޅުވިއެވެ. އެ 3 ގޮތްޕަކީ ހުންގާނު ގޮފި، ރީތި ގޮފި އަދި އިންގިލާބު ގޮފި ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

އޮކްޓޯބަރ 2010ގައި ބޭއްވި އެމްޑީޕީގެ 2ވަނަ ކޮންގްރެސްގައި ފާސްކުރެވުނު، އަދި މިހާރު އަމަލުކުރަމުންދާ ދިވެހިރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީގެ އަސާސީ ޤަވާއިދުގެ 69 ވަނަ މާއްދާގައިވާ ގޮތުން އެ ޕާޓީގެ ގޮތްޕެއް އުފެއްދޭނޭ އެންމެ މަދު އަދަދަކީ 50 މެންބަރުންނެވެ. އަދި އެ ގަވައިދުގެ 70 ވަނަ މާއްދާގައިވާ ގޮތުން އެ ޕާޓީގެ ގޮތްޕެއްގެ ހިންގާ ކޮމިޓީ އެކުލެވިގެންވާނީ ހަމައެކަނި ރައީސް އާއި ނައިބު ރައީސްގެ މައްޗަށެވެ.

ދިއްދޫ ދާއިރާއިން ގޮފިތައް ސައްހަ ކުރުމުގެ މަސައްކަތް ކުރަމުންދާއިރު، އެ ދާއިރާއިން ދަނީ ދިއްދޫގައި މިމަހު ބާއްވަން ހަމަޖެހިފައިވާ އެމްޑީޕީގެ ޕޮލިސީ ކޮމިޓީގެ މަސައްކަތު ބައްދަލުވުމަށް ވެސް ތައްޔާރީތައް ކުރަމުން ކަމަށް އާދަމް ސަލީމް ވިދާޅުވިއެވެ.