ކޮންމެ ފަދަ ގުރުބާނީއެއް ވެގެން ނަމަވެސް ރައްޔިތުންގެ ވެރިކަން ސަލާމަތްކޮށް ރައްޔިތުންގެ ބާރުގެ ތެރެއަށް ވެރިކަން ގެނައުމަށް އެމްޑީޕީގެ ގައުމީ މަޖިލިސް އިގުރާރު ވެއްޖެ

ކޮންމެ ފަދަ ގުރުބާނީ އެއް ވެގެން ނަމަވެސް ރައްޔިތުންގެ ވެރިކަން ސަލާމަތްކޮށް ރައްޔިތުންގެ ބާރުގެ ތެރެއަށް ވެރިކަން ގެނައުމަށް އެމްޑީޕީގެ ގައުމީ މަޖިލިސް މިއަދު އިގުރާރު ވެއްޖެ އެވެ.

އެމްޑީޕީގެ ގައުމީ މަޖިލީހުން މި ގޮތަށް އިގުރާރުވެފައި މިވަނީ މިއަދު ބޭއްވި އެ މަޖިލީހުގެ 106 ވަނަ ބައްދަލުވުމަށް ހާޒިރުވެވަޑައިގެންނެވި 55 މެންބަރުންގެ އިއްތިފާގުންނެވެ.

މި އިގުރާރަށް ބަހުސަށް ހުޅުވާލުމުން ބަހުސްގެ ވަގުތުގައި ވާހަކަދެއްކެވި ހުރިހާ ބޭފުޅުން ވެސް ވަނީ ދިވެހި ރައްޔިތުންގެ ހައްގުގައި ކޮންމެ ފަދަ ގުރުބާނީއެއް ވެގެން ނަމަވެސް ބަޣާވާތްކޮށްގެން ވެރިކަން ފޭރިގަނެފައިވާ ފަރާތްތަކުގެ ކިބައިން ރައްޔިތުންގެ ވެރިކަން ރައްޔިތުންނަށް އަނބުރައި ހޯދައިދިނުމަށް މަސައްކަތްކުރައްވާނޭ ކަމަށް ވިދާޅުވެފައެވެ. އަދި ފުލުހުންނާއި ސިފައިންގެ ތެރެއިން ބައެއް ފަރާތްތަކުގެ އަމަލުތައް ހައްދުން ނެއްޓި ފޭރުން ފަދަ ނާތަހުޒީބު އަމަލުތަކުގައި އެފަރާތްތައް ބައިވެރިވަމުންދާ ކަން ހާމަވަމުންދާތީ އެކަމާ ކަންބޮޑުވުން ފާޅުކުރައްވާފައެވެ. އަދި މުޅި ރާއްޖެއިން މީހުން ގެނެސް ދިގުދެމިގެންވާ މުޒާހަރާއަކަށް ނިކުތުމަށް އެބޭފުޅުން ވަނީ ގޮވާލައްވާފައެވެ.

މިއަދުގެ ބަހުސްގެ ވަގުތުގައި ރައީސް ނަޝީދު ވެސް ވާހަކަފުޅުދެއްކެވިއެވެ. އެ މަނިކުފާނު ވެސް ވިދާޅުވީ ނޭޝަނަލް އިންކުއިރީ ކޮމިޝަން ފުރަތަމަ އެކުލަވާލާފައިވާ ގޮތުން އެ ކޮމިޝަން އެމްޑީޕީން ގަބޫލު ނުކުރި ނަމަވެސް، އެ ކޮމިޝަނުން ނެރުނު ކަންހިނގައިދިޔަ ގޮތުގެ ތަރުތީބަށް ބަލާއިރު ވެސް ރާއްޖެއަށް ބަޣާވާތެއް ގެނެސްފައިވާކަން ހާމަވެފައިވާ ކަމަށެވެ.

ރައްޔިތުންގެ ވެރިކަން ސަލާމަތްކޮށް ރައްޔިތުންގެ ބާރުގެ ތެރެއަށް ވެރިކަން ގެނައުމަށް މަސައްކަތް ފެށުމަށް އެމްޑީޕީ ނޮޅިވަރަމް ދާއިރާގެ ރައީސް އިބްރާހީމް ވަހީދު ހުށަހަޅުއްވައި ރައްޔިތުންގެ މަޖިލީހުގެ ދިއްދޫ ދާއިރާގެ މެންބަރު ސަމީރު ތާޢީދުކުރެއްވި ގަރާރު ތިރީގައި މިވަނީ އެވެ.
” ދިވެހިރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީގެ ޤައުމީ މަޖިލިސް އިޤްރާރުވަނީ،

07 ފެބަރުއަރީ 2012ވަނަ ދުވަހު ފުލުހުންނާއި ސިފައިން ހިންގި ބަޣާވާތަކުން، ރާއްޖޭގެ އިންތިހާބީ ރައީސުލް ޖުމްހޫރިއްޔާ މުހައްމަދު ނަޝީދު މަޤާމުން މަޖުބޫރުން ދުރުކުރުމާއި ގުޅިގެން، އެމް.ޑީ.ޕީ ޤައުމީ މަޖިލީހުން ފާސްކޮށްފައިވާ ޤަރާރުގައިވާ ގޮތުގެމަތިން ހިންގަމުންގެންދާ އިޚްތިޖާޖުތައް މާލެއާއި، ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ހިންގަމުން ދަނިކޮށް، ބަޣާވާތުގައި ކަންހިނގާ ދިޔަ ގޮތުގެ ތަރުތީބުކަމަށް ބުނެ އިންކުއަރީ ކޮމިޝަނުން ނެރެފައިވާ ރިޕޯޓުގައި ވަރަށް ގިނަކަންތައްތައް ހިމަނާފައިވަނީ ކަނޑައެޅިގެން ކަން ހިނގާ ދިޔަ ގޮތާއި އެކަންކަން ދިވެހި ރައްޔިތުންނަށް ފާލުގައި ފެނިފައިވާ ގޮތާއި، މުޅިން ޚިލާފަށްކަމަށް ވިނަމަވެސް އެރިޕޯޓުންވެސް އެނގިފާޅުވެގެން ދިޔައީ މިހާރު ވެރިކަމުގައި އޮތް ސަރުކާރަކީ ބާޣީ ސަރުކާރެއް ކަމަށް ވީ ހިނދު،

ދިވެހިރައްޔިތުންނަށް، މި ބަޣާވާތާމެދު މިހާތަނަށް އެނގިފައިނުވާ ކިތަންމެ ކަމެއް 09 ޖޫން 2012ވަނަ ދުވަހު އަމީން ފައިސަލްއާއި މުހައްމަދު އަސްލަމް ހާމަކުރި ރިޕޯޓުން ފާހަގަވެގެން ދިޔަ ހިނދު،

ދިވެހިރައްޔިތުންގެ 90ހާހަށް ވުރެގިނަ ވޯޓުން 2008ވަނަ އަހަރު އިންތިޙާބުކުރި ރައީސުލް ޖުމްހޫރިއްޔާ މުހައްމަދު ނަޝީދު އެ މަޤާމުން ދުރުކޮށްފައިވަނީ ފުލުހުންނާއި، ސިފައިން ހިންގި ބަޣާވާތުން ކަމަށްވެފައި، ސަރުކާރު ވައްޓާލުމަށް ފަހު ރައީސް ނަޝިދު މާލެއިން ބޭރުގައި ހިމާޔަތްދިނުމުގެ ނަމުގައި ދޫނިދޫގައި ހައްޔަރު ކުރުމަށް ސިޔާސީ ލީޑަރުން ބާރުއަޅުއްވަމުން ދިޔަމަކީ ރައީސް ނަޝީދުގެ ފުރާނަފުޅު ދުއްވާލުމަށް ރޭވި ރޭވުމަކަށް ވީ ހިނދު،

ސިފައިންގެ މައިމަރުކަޒާއި ރައީސުލްޖުމްހޫރިއްޔާ ޤާނޫނު އަސާސީ އާއި ޤާނޫނާއި ޚިލާފަށް ބަޣާވާތަކުން ވައްޓާލުމަށް ފުލުހުންނާއި ސިފައިންގެ ތެރެއިން ބަޔަކު ހިންގި މިޖަރީމާ ހިންގުމަށް އެންމެ ބޮޑަށް ބައިވެރިވެ، ހިއްވަރުދެއްވި ބޭފުޅަކީ ޤާނޫނު އަސާސީގެ 117ވަނަ މާއްދާގެ (ހ)ގެ ދަށުން “ރައީސުލް ޖުމްހޫރިއްޔާގެ ވާޖިބުތަކާއި މަސްޢޫލިއްޔަތުތަކާއި ބާރުތަކުގެތެރެއިން ރައީސުލްޖުމްހޫރިއްޔާގެ ނައިބާ ރައީސުލް ޖުމްހޫރިއްޔާގެ ނައިބާ ރައީސުލްޖުމްހޫރިއްޔާ ހަވާލުކުރާކަންކަން ރައީސުލްޖުމްހޫރިއްޔާގެ ނައިބު ކުރާންވާނެ” ކަމަށް ބަޔާން ކޮށްފައި ވީ ހިނދު.

ރައީސުލް ޖުމުހުރިއްޔާގެ މަގާމުން ރައީސް މުހައްމަދު ނަޝީދު އިސްތިއުފާ ނުދެއްވަނީސް އަދި ރައީސުލްޖުމުހޫރިއްޔާ، ނައިބް ރައީސްއާއި ހަވާލުނުކުރައްވާ މަސްޢޫލިއްޔަތެއް އޭނާއަށް އަދާ ނުކުރެވޭނެކަމަށް ޤާނޫނުއަސާސީން ކަށަވަރުކޮށްދީފައި ވީނަމަވެސް ޤާނޫނޫއަސާސީއާއި ޚިލާފަށް ޤައުމާ މުހާތަބުކޮށް މީޑިއާ މެދުވެރިކޮށް، ” އެވަގުތު ބަޣާވާތްކުރަމުން ދިޔަ ފުލުހުންނާއި ސިފައިންނާއި އެކު ހުންނެވި ކަމަށް ވިދާޅުވެ، އެ މީހުންނަށް ބަޣާވާތްކުރުމުގައި ކުރިޔަށް ދިއުމަށް ހިއްވަރުދެއްވައި”، ޤައުމާ މުހާތަބުކުރި ކުރުމަކީ ވެރިކަމުގެ ދަހިވެތިކަމުގައި ބަޣާވާތްކޮށް، ރައްޔިތުން އިންތިޚާބުކުރި ރައީސުލްޖުމުހޫރިއްޔާ މުހައްމަދު ނަޝީދު މަގާމުން ދުރުކޮށް ދިވެހިރާއްޖޭގެ ވެރިކަން ފޭރިގަނެ އެ މަޤާމާ ހަވާލުވި ހިނދު،

އެމްޑީޕީގެ ޤައުމީ މަޖިލިސް އެއްބަސްވެ އިޤްރާރުމިވަނީ މިބަޢާވާތާ ދެކޮޅަށް ދިވެހި އެންމެހާ ރައްޔިތުން ނިކުމެ ކުރަންޖެހިއްޖެ ކޮންމެ ކަމެއް، ކޮންމެ ޤުރުބާނީއެއް ވެގެންވެސް ދިވެހިރާއްޖޭގެ ރައްޔިތުންގެ ވެރިކަން ސަލާމަތްކޮށް ރައްޔިތުންގެ ބާރުގެ ތެރެއަށް ގެނެއުމަށް އެމްޑީޕީގެ މެންބަރުންނާއި، ބަޣާވާތާއި ދެކޮޅު އެންމެހާ ދިވެހިރައްޔިތުން ކުރުމަށެވެ.”