ނޫސްބަޔާން: ރާއްޖޭގައި މާރާމަރީ އާންމުވެފައިވާތީ އެމްޑީޕީން ކަންބޮޑުވުން ފާޅުކުރުން

މާލެ އާއި ރާއްޖޭގެ އެކިކަންކޮޅުތަކުގައި މަގުމަތީގެ އަމާންކަން ގެއްލި، ރާއްޖޭގައި ތޫނުއެއްޗެތިން ހަމަލާދިނުމާއި، މާރާމާރީ އާންމުވެ، އާންމު ދިރިއުޅުން ބިރުވެރި ކަމަށް ހުށަހެޅިފައިވާތީ އެކަމާ އެމްޑީޕީން ނިހާޔަތަށް ކަންބޮޑުވެ، އެފަދަ ޑިމޮކްރަސީއާއި ބީރައްޓެހި، ނާތަހުޒީބު، އަނިޔާވެރި، ލާއިންސާނީ އަމަލުތައް މި ޕާޓީން އެންމެ ހަރުކަށި އިބާރާތުން ކުށްވެރި ކުރަމެވެ.

އަދި މި ފަދަ މާރާމާރީތަކުގެ ޝިކާރައަކަށް ނޫސްވެރިން ވަމުންދާ ކަމީ ވެސް އެމްޑީޕީން ކަންބޮޑުވާ ކަމެކެވެ. އެ ގޮތުން އެންމެ ފަހުން މި ފަދަ ހަމަލާއެއް ދީފައިވަނީ އިސްމާއީލް ހިލްއަތު ރަޝީދަށް އޭނާގެ ގެ ކައިރިން ކަމަށް ވާތީ، ގެދޮރުގެ ހުރުމަތާއި، އަމިއްލަ ފުރާނައިގެ ސަލާމަތްކަން ކަށަވަރުނުވާ ހާލަތަށް ރާއްޖެ ގޮސްފައިވުމީ އެމްޑީޕީން ނުހަނު ކަންބޮޑުވާ ކަމެކެވެ.

އެނގިވަޑައިގަންނަވާނޭ ފަދައިން ނޫސްވެރިކަމާއި ޚިޔާލު ފާޅުކުރުމުގެ މިނިވަން ކަމަކީ އެމްޑީޕީގެ އިސްނެގުމާއި ބުރަ މަސައްކަތުގެ އިތުރުން އިސްލާޙަށްޓަކައި މަސައްކަތް ކުރި އެތައް ބޭފުޅުންގެ މިންނެތް މަސައްކަތުން މިޤައުމަށް މިއަދު ލިބިފައިވާ ނުހަނު ބޮޑު ކާމިޔާބީ އެކެވެ. މިފަދަ ބޮޑު ކާމިޔާބީތައް ކަފުން ކުރުމަށްޓަކައި މަސައްކަތް ކުރާނީ މާޒީގައި ވެސް ދިވެހިންގެ ދުލާއި ގަލަމުގައި މަލަން އަޅައި، ޚިޔާލު ފާޅުކުރުމާއި، ނޫސްވެރިކަމުގެ މިނިވަންކަމަށް ދެކޮޅު ހަދަމުން ދިޔަ ފަރާތްތަކުން ކަމަށް މި ޕާޓީން ދެކެމެވެ.

އެހެން ކަމުން ފުލުހުންގެ ހުރިހާ ވަސީލަތަކާއި ވަގުތެއް ބޭނުންކޮށް، ކުށެއްނެތް ސިޔާސީ ފަރާތްތަކަށް ފާރަލައި، އެފަރާތްތައް ހިފާހައްޔަރުކުރުމުގެ ބަދަލުގައި މާރާމާރީ ފަދަ ލާއިންސާނީ ޖަރީމާތައް ހިންގާ ފަރާތްތައް ހިފާހައްޔަރުކުރުމަށް ފުލުހުންގެ މުޥައްސަސާއަށް ގޮވާލަމެވެ. އަދި ރާއްޖެ އަމާންތަނަކަށް ހެދުމަށްޓަކައި، އެ ފަދަ އިންސާނިއްޔަތާ ޚިލާފް އަމަލުތައް ހިންގާ ފަރާތްތަކަށް ގާނޫނުގައިވާ އެންމެ ހަރުކަށި އަދަބު ދިނުމަށް ކަމާއި ބެހޭ އެންމެހާ މުޥައްސަސާތަކަށް މި ޕާޓީން ގޮވާލަމެވެ.

ބަޔާން ނެރުނީ:
އިމްތިޔާޒް ފަހުމީ
ތަރުޖަމާން
7777852