ފުނަމާ
ދިވެހިރާއްޖޭގެ ގާނޫނު އަސާސީ ބުނާގޮތުން ދިވެހި ދައުލަތުގެ މިލްކުވެރީންނަކީ ދިވެހި ރައްޔިތުންނެވެ. ދައުލަތުގެ ހުރިހައި ބާރުތަކެއް ފެށިގެން އަންނަނީ ދިވެހި ރައްޔިތުންގެ ފަރާތުންނެވެ. އަދި އެބާރުތައް އަބަދުވެސް އޮންނާނީ ރައްޔިތުންގެ އަތުގައެވެ. ދިވެހި ރައްޔިތުންނަށްވުރެ ބާރުގަދަ ރައީސަކު ނުވަތަ ވަޒީރަކުވެސް ނުހުންނާނެއެވެ. ވީއިރު ދިވެހި ރައްޔިތުންގެ މައްޗަށް ހިތުހުރި ގޮތެއް ހަދައި އަނިޔާވެރި ވެވޭނެ ސަލާމަތީ ބާރުތަކެއް މިގައުމުގައި އޮންނާނެ ހެއްޔެވެ؟
ދިވެހި ރައްޔިތުންނަކީ ދުނިޔޭގެ ކަނޑުގެ ބާޒުގެ ނަމުން މަޝްހޫރުވި ޕޯޗުގީޒުންނާއި ހަނގުރާމަކޮށް ފައްސާލި ބައެކެވެ. އެފުލީޓުގެ ކޮމާންޑަރ އިންޗީފް އެއްގެ ގޮތުގައި ހުންނެވި ބޮޑުތަކުރުފާނަށް ޓަކައި ދިވެހީން ފަޚުރުވެރިވެއެވެ. ހޮޅީންގެ އަނިޔާވެރިކަމުން ރާއްޖެ މިނިވަން ކޮށްދެއްވި ދޮންބަންޑާރައިންނާއި މެދުވެސް ދިވެހީން ފަޚުރުވެރި ވެއެވެ. ދިވެހީންނަކީ ކިތަންމެ ބާރުގަދަޔަސް ދުޝްމަނުންގެ އަޅުވެތި ކަމުގައި އުމުރު ހޭދަކުރުމަށް ރުހިގެން ތިބޭނެ ބައެއް ނޫންކަން ތާރީޚުގައި އެވަނީ ދައްކުވައި ދީފައެވެ.
ދިވެހީންގެ ތެރޭގައި ތުއްފާށަނާ ތަކުރާއި ނުވަވަނަ ހަސަން ރަސްގެފަދަ ޚިޔާނާތް ތެރީންވެސް އުފެދިފައިވެއެވެ. އެފަދަ މީސްމީހުންގެ މައްޗަށް މިއަދުވެސް ދިވެހީންގެ ހިތުގައި އުފެދިފައިވަނީ ނަފުރަތެވެ. ވެރިކަމާއި ދުނިޔޭގެ އިއްޒަތާއި ޝަރަފަށްޓަކައި މިގައުމު ހަނާކުރި ކިތަންމެ ދިވެހީންނެއްގެ ނަންއިވި މިއަދުވެސް ދިވެހީން އެނަންތައް އަހާން ލަދުވެތިވެއެވެ. ތާރީޚުން އެނގިވާ އެތައްބަޔަކާއި ނުއެނގިވާ މިފަދަ ކިތަންމެ ބަޔަކުވެސް ތިބޭނެއެވެ.
ދިވެހިރައްޔިތުންގެ ފުރިހަމަ އަޣުލަބިއްޔަތުން ދިވެހީން އިސްކުޅަ ރައީސުލް ޖުމްހޫރިއްޔާއަކު މަކަރާ ހީލަތުން އޭނާގެ ނާއިބަކަށް ހުރިމީހެއްގެ ނުބައި ނުލަފާ ރޭވުމެއްގައި ވެރިކަމުން ދުރުކޮށް މިގޮތުގައި ކިތަންމެ ވަރަކަށް ގަދަފައި ވިއްދައިގެން ތިބިނަމަވެސް ދިވެހީން ބާޣީން އެޅިހައި ބަތަކަށް ރިހަވެގެން ނުތިބޭނެކަން މިއަދުވެސް އެދަނީ ހާމަކުރަމުންނެވެ. ދިވެހި ރައްޔިތުންގެ ރުޅިއާއި ، މިއަދުގެ ޒުވާނުންގެ ބަހުންނަމަ ފްރަސްޓްރޭޝަން ގައިމުވެސް މިހާތަނަށްވެސް ވަނީ ދައްކާލާފައެވެ. އެހާލަތުގައި ފުލުހުންނަށްވެސް ސިފައިންނަށްވެސް ރައްޔިތުން އޮބަހައްޓާ ނުލެވުނުކަން މިހާރު އޮންނާނީ ޔަގީން ވެފައެވެ.
ތެދެކެވެ. ބާރުއޮތީތީ އެބާރުގެ ބޭނުން ކޮށްގެން ރައްޔިތުންގެ ގަޔަށް ބަޑިވެސް ޖެހިދާނެއެވެ. މީގެކުރީންވެސް މިގައުމުގެ ވެރީން ވަނީ އެކަން ކޮށްފައެވެ. ހަތިޔާރެއްނެތް ބައެއްގެ ގަޔަށް ބަޑިޖަހައި ވަނީ މަރާފައެވެ. ނަމަވެސް ދިވެހީން ހަނުތިބޭކަށް ބޭނުމެއް ނުވިއެވެ. މަގުމަށްޗަށް ނުކުމެ އެވެރިމީހާގެ ކުރިމަތީގައި ތިމާމެންގެ ހިތުގައި އެކަމާ ގުޅިގެން އުފެދުނު ނަފުރަތާއި ރުޅިވެރިކަން ވަނީ ދަށްކައި ދީފައެވެ. ދިވެހި ދައުލަތުގެ އެތަކެއް އިމާރާތުން ދުންވެސް އެރިއެވެ. ނަމަވެސް އެއަކީ މިގައުމުގެ ވެރީންގެ މައިން ބަފައިންގެ މުދަލެއް ނޫނެވެ. މިގައުމުގެ އެންމެހައި ރައްޔިތުންގެ މިލްކެވެ. ގައުމުގައި އޮންނަ އެއްވެސް ސަރުކާރަކަށް މިދައުލަތުގެ މިލްކިއްޔާތެއް ވަގުފަކުން ނުދެއެވެ. ހަވާލުކުރެވެނީ ބެލެހެއްޓުމެވެ. އެކަން މަތިކުރަނީ ރައްޔިތުންނެވެ. އަނބުރައި އެބާރު ނިގުޅައި ގަންނާނީވެސް ރައްޔިތުންނެވެ. ވެރިކަން ބަދަލުކުރެވޭނީ ރައްޔިތުންގެ ވޯޓަކުންނެވެ. ފުލުހުންނާއި ސިފައިން ނެރެގެން ހަތިޔާރަކުން ނޫނެވެ.
މިއަދު މިގައުމަށް މިގެނެސްގެން އުޅެނީ ބަޣާވާތެއް ނޫންކަމުގައި ކިތަންމެ ވަރަކަށް ދަށްކާން އުޅުނެއް ކަމަކު ހޭވިހޭވިހެން އިތުރަށް މިވަނީ ހަޑިއެވެ. ފެންނާންހުރި ހެކިތައް ފުރިހަމަޔަށް އެއަންގައިދެނީ މިއީ ބަޣާވާތެއް ކަމެވެ. ޔަގީނުންވެސް އެނގެނީ މިއީ ބަޣާވާތެއް ނޫންނަމަ ދެން ބަޣާވާތެކޭ ކިޔޭނެ އަމަލެއް އެހެން ބަޔަކަށް ގައިމުވެސް ނުކުރެވޭނޭ ކަމެވެ. ގައުމުގެ އިންތިޚާބީ ރައީސްއަކު ހުންނަވަނިކޮށް އަދި އެފަރާތަކީ ކޮމާންޑަރ އިންޗީފު ކަމުގައިވެސް ވާއިރު އެފަރާތުގެ އަމުރުތަކަށް ކިޔަމަންނުވެ ފުލުހުންނާއި ސިފައިން ނުކުމެ ވެރިކަމާ އިދިކޮޅަށް މުޒާހަރާކޮށް ވެރިކަން ބަދަލުކުރުމަށް މަގުފަހި ކޮށްދިންކަން މިއޮތީ ހުދާ، ކަޅުން ފެންނާށެވެ. މިއީ ބަޣާވާތެއް ނޫންކަން ސަތޭކައަށްވުރެ ގިނަދުވަަސް ވަންދެން ވެރިކަމަށް އަރައި ގަދަފައި ވިއްދައިގެން އެތިބަމީހުންނަކަށް ނުދެއްކުނެވެ. އަހަރެމެން މިބުނަނީ ފާޅުގައި އެއީ ބާޣީން ކަމުގައެވެ. އެކަމަކު އެކަން ރަސްމީކޮށް ނިންމާނީ އެކަން ބަލާނިންމާ ބަޔެކެވެ. އަހަރެމެން މިހެން މިބުނަނީ ފެންނާންހުރި ހެކިތަކާއި އަހަރެމެންގެ ލޮލުންދުށް ޙަގީގަތް ތަކެއްގެ މައްޗަށް ބިނާކޮށެވެ. ޚިޔާލީ ވާހަކައެއްގެ ގޮތުގައެއް ނޫނެވެ.
ތެދެކެވެ. ދިވެހިރާއްޖޭގެ ވެރިކަމުގައި ހުރި މީހަކު އެމީހާއީ ފުލުހުންނާއި ސިފައިންގެ އެންމެއިސް ލީޑަރުކަމުގައި ވީހިނދު ސިފައިން ނުކުމެ ހަތިޔާރެއް އަތުގައިނެތް އަދި ، އެމީހުންނަކީ ސަރުކާރުގެ ބަންދުގައިތިބި ބަޔަކަށް ވާއިރުވެސް ހަތިޔާރުގެ ބޭނުންކޮށް އެއިގެ ތެރެއިން ބަޔަކު މަރާލި މަރާލުން މިއަދުވެސް އޮތީ އެއްކަލަ ވެރިމީހާ އިހުމާލުވާން ނުޖެހޭ ކަމެއްގެ ގޮތުގައެވެ. ޝަރީޢަތުން ނުނިންމިޔަސް ތަހުގީގަކުން އެކަމަށް ހެކިނުދިނަސް އެއީ އެންމެ ސައްޚަ ގޮތް ކަމުގައި ހަމަ މީހުން ގަބޫލުކުރާންވީ ހެއްޔެވެ؟ އެވެރިމީހާއީ ގާތިލެއް ނޫންކަމަށާ ، މައުސޫމު މީހެއް ކަމުގައި އަހަރެމެންނަށް ބުނެވިދާނެ ހެއްޔެވެ؟ މިއީ ސަލާމަތުންތިބި ސިކުނޑި ތަކަކުން ވިސްނާލަން ޖެހޭނެ ކަންކަމެއް ނޫން ހެއްޔެވެ؟ މިއަދު އަހަރެމެން އެމީހުންނާ ދިމާލަށް އެއީ ބާޣީންނޭ މިކިޔާ މީހުންނަކީ ބާޣީންތޯ ބަލާން އެކަން ތަހުގީގުކުރަނީ އެބާޣީން އަމިއްލައަށް ކަމުގައި ވާނަމަ ދެން އިންސާފު އޮންނާނީ ކޮންތާކުހެއްޔެވެ؟ މިވަރު ކުޑަކުދީންނަށްވެސް ފަހުމުވާނެއެވެ. ދުސްތޫރީ ސަރުކާރެއް ހަމަ އެފުށުން މިފުށަށް ޖަހާލާފައި ބަޔަކުއަރައި ތިމަންނާމެންނީ މިހާރު ވެރީންނޭ ބުނުމުން ގަބޫލުކުރެވޭނެ ހެއްޔެވެ؟
ޕޯޗުގީޒުން ރާއްޖެއަރައި އަލިރަސްގެފާނުން ޝަހީދުކޮށް ފަނަރަވަރަކަށް އަހަރު ވެރިކަން ކުރިއެވެ. އެއީ ގާނޫނީ ވެރިކަމެއް ހެއްޔެވެ؟ އާރާއި ބާރުގެ ކުރިމަތީގައި ދިވެހީން ކުޑަކަކޫ ޖެހި ، ގޮތެއް ނެތިފައި އެހާދުވަހު ތިބީ ޕޯޗުގީޒުންގެ ވެރިކަން ގަބޫލުކޮށްގެން ހެއްޔެވެ؟ ގައިމުވެސް މުޙަންމަދު ނަޝީދު ވެރިކަމަށް އިސްކުޅައީ ދިވެހީންގެ އަޣުލަބިއްޔަތުންނެވެ. މިގައުމާއި އިސްލާމީ ޖަމާއަތެއްގެ ވަލީއުލް އުމްރުގެ ގޮތުގައެވެ. އެމަނިކުފާނުންގެ ވެރިކަމުގައި އާރާއި ބާރުއޮތަކަސް ތިރީސްއަހަރުގެ އަނިޔާވެރި މުޖުރިމުންނާއި ގާތިލުންގެ ފަހަތުންދުވެ ވަޑައިގެން ބަދަލު ހިއްޕަވާކަށް ނޫޅުއްވައެވެ. ޚޮދު އެމަނިކުފާނަށް އެއްވެސް ކުށަކާއި ނުލައި އެތަކެއް އަދަބުތައްދިން މީހުންވެސް ހަމައެތިބީއެވެ. އުޅުއްވީ ގައުމައިގެން ، ރައްޔިތުންނާއިގެން ކުރިއަށް ވަޑައިގަންނަވާށެވެ. އެންމެ ފުރަތަމަ ދުވަހުއްސުރެ އަނެއްމީހުން ގޮވަމުންދިޔައީ ރައީސް ނަޝީދުގެ ވެރިކަން ކޮންމެ ގޮތަކުންވެސް ވަށްޓާލާނެ ކަމަށެވެ. ފާޅުގައެވެ. ފައިސާއާއި ނުފޫޒުގެ ބޭނުންކުރާނެ ކަމުގައި ގޮވީ މަގުމަތީގައި ތިބެގެން ހަރުއަޑުންނެވެ. ފުލުހުންނާއި ސިފައިން އެމީހުންނާއި އެއްކޮޅަށް ނުކުމެއްޖެނަމަ ޖީބުތައް ފުރާލަދޭނެ ކަމުގައި ގޮވީ އަހަރެމެންވެސް އަޑުއަހާން ތިއްބައެވެ. ސަލާމަތީ ބާރުތަކުގެ މަރުކަޒުތަކުގައި ހަރުގަނޑު ވިއްދައި ފާރުމަތީން އަރާން ރޭވީ އެންމެންގެ ކުރިމަތީގައެވެ. ކޮމާންޑު ސެންޓަރު ހަދައިގެން އޯޑަރުނެރެ ވެރިކަން ވަށްޓާލީ ކަމުގައި އެބުނަނީ އެމީހުންގެ ދޫތަކުންނެވެ. މިވަރުން މިއީ ބަޣާވާތެއް ކަމުގައި ބުނާން ނުފުދޭ ހެއްޔެވެ؟ ވެރިކަމުގައި ގަދަކަމުން އެހެރަ މީހާއާއި ދިމާލަށް އެތަކެއްހާސް ދިވެހި ރައްޔިތުން އެއީ ބާޣީއެކޭ ބުނެ ކުރިމަތިލާން އެނުކުންނަނީ އޭނާގެ މައުސޫމު ކަމުން ހެއްޔެވެ؟ ރައްޔިތުން އޭނާއަށް ދިނީ ކޮންވޯޓެއް ހެއްޔެވެ؟
މިއަދު ތިމަންނާމެންގެ އަތުގައި ކިތަންމެ ބާރުތަކެއް އެބައޮތޭ ، ދައުލަތުގެ ފައިސާ އެބަހުއްޓޭ ގޮވައި ވެރިކަމުގައި ބަގުޑިލައިގެން ތިއްބެއް ކަމަކު ބާޣީންވާނީ ހަމަ ބާޣީންނަށެވެ. އެމީހުންގެ މަށްޗަށް ދިވެހީންގެ ހިތުގައި ހަމްދަރުދީއެއް ކުލުނެއް ހުންނާނެ ކަމުގައި ހީކުރާނަމަ އެކުރަނީ މޮޔަކަމެކެވެ. އެގޮތުގައި ބާރުގެ ބޭނުން ކޮށްގެން މީހުން މަރައި ބޯފަޅައިގެން، މީހުންގެ މުދާތައް ލޫޓުވައިގެން ވެރިކަމުގައި އެންމެ މިނެޓަކުވެސް ހަމަޖެހިލައިގެން ތިއްބަކަ ހަމަ ނުދޭނަމެވެ. އެންމެ ފަހުގެ ނޭވާއާއި ހަމަޔަށްވެސް ދިވެހީން އެމީހުންނާއި ކުރިމަތިލާނެއެވެ. އެންމެ ފަހުން އާޚިރުގައި ވަތަކުތޯޖެހި ބާޣީން ބަލިވެ ހަފުސްވެ ދާނެކަން މިއަދު މިފެންނަ މަންޒަރުތަކުން ޔަގީންވެއެވެ. ފެންނެތްތާކު ރޯމަހެއް ތެޅޭހެން ބާޣީން އެތިބަ ތެޅެނީއެވެ. އަމިއްލައަށް ނުކުމެ އެމީހުންގެ ގަޔަށް އެމީހުން ހަމަލާދީ ދިވެހި ރައްޔިތުންގެ ބޮލުގައި އެކަން އަޅުވާން ކިތަންމެ މަސައްކަތެއް ކުރިޔަސް އެކަންކަން އެދަނީ ބޭޒާރުވަމުންނެވެ. ބާޣީކާޅު ކީހާޅެން މިއަދު މިއިވެނީ ފަރިހީގެ ގޮތުގައެވެ. ކޮންމެ ރަށަކުން ޖަހަނީ ހޫނުފެނެވެ. ބޯލަނބައި ކިޔަމަން ކުރާން ޖެހެނީ ފުލުހުންގެ ބަޑިތަކާއި ކަރުނަގޭހާއި މުގުރުގަކުންނެވެ. މިގޮތުގައި ކިހާދުވަހަކު ވެރިކަމުގައި ގަދަފައި ވިއްދައިގެން ތިބޭނަން ހެއްޔެވެ؟ ނުވާނެއެވެ. އަހަރެމެން މިތިބީ ފަޅާލިޔަސް ބާޣީންނަށް އިސްޖަހާކަށް ނޫނެވެ. ކެރިގެން އެމީހުންގެ އަނިޔާއާއި ކުރިމަތިލާށެވެ. ޖީބަށް ލައިގެން ގެނެސް ދައްކާލާ ކޮންޑަމް ފޮށްޓަކުން އަހަރެމެން ބޭޒާރުކުރާނަމޭ ހިތައި ނޫޅޭށެވެ. އަމިއްލައަށް ނުކުމެ އަމިއްލަ ވެހިކަލް ތަކަށް ގާއުކާފައި އަހަރެމެން ގާނޫނީ މަޅިދަށުލާން ނޫޅޭށެވެ. މިއަދު ޖަހާން އޮންނާނީ ހަމަ ބާޣީމަޅިއެވެ. އެނޫން އެއްޗެއް ނުޖެހޭނެއެވެ. އަދިވެސް ވެރިކަން ސައްޚަތޯ ،ނުވަތަ ނޫންތޯ ނުނިންމިގެން އުޅޭ ބަޔަކަށް އެހެންކަމެއް ނުކުރެވޭނެ ކަމުގައި އަމިއްލަޔަށް ގަބޫލުކުރުން މާބުއްދިވެރިއެވެ.
އަހަރެމެން މިކުރިމަތިލަނީ ބާޣީންނާއެވެ. މިގައުމުގެ ޚާއިނުންނާއެވެ. ގައިމުވެސް އަހަރެމެން ފަހަތަކަށް ނުޖެހޭނަމެވެ. ފަހަރެއްގައި ބަޑިޖަހައި ރޯނާ އެރުވިދާނެއެވެ. ނަމަވެސް މިހިތްތަކެއް އަނބުރައެއް ނުލެވޭނެއެވެ. މިވީ ތިންމަހެއްހާ ދުވަހެވެ . ތިން ގަރުވިޔަސް އަހަރެމެން ފަހަތަށްޖެހި އާދެ އާދެ ކިޔާނެ ކަމުގައި ހީނުކުރާށެވެ. ތިޔައީ ހަމަ ބާޣީންނެވެ. އެކަން ކަލޭމެން ދަންނާށެވެ.