އެމްޑީޕީއަށް ގޮން ޖަހާލެވޭ ވަރުގެ އެއްބަޔަކުވެސް އަދިނެތް

ފުނަމާ

ފުލުހުންނާއި ސިފައިން ނެރެގެން މަރާހުސްކުރާށެވެ. ނޫނީ ކުރީންވެސް މިހާރުގެ ބާޣީ ވަޒީރު ” ބޮނޑިބަތް ކަލޭގެ ” ބުނެފައިވާހެން އެމްޑީޕީގެ ހުރިހައި މީހުން އެއްކޮށް ޖަލެއް ހަދައި ހައްޔަރުކުރާށެވެ. އެނޫންގޮތަކަށް އެމްޑީޕީގެ ރޫޙު ނައްތައެއް ނުލެވޭނެއެވެ. އެމްޑީޕީގެ ލީޑަރޝިޕުގައި ހިމެނޭ އެކިދެތިން މީހުންނަށް ރިޝްވަތުދީގެން ބައިބައި ކުރާން އުޅުނަސް އެކަމެއްވެސް ނުކުރެވޭނެއެވެ. އެމްޑީޕީގެ ފިކުރު މިދިވެހި ރާއްޖެއިން ދެން ނައްތާލެވޭނީ ޑިމޮކްރަސީ ނައްތާލައި އިސްލާމީ ވަހުދަތު މިގައުމުން ފޮހެލައިގެންނެވެ. އެކަމެއް ކުރެވޭނެ އެއްބަޔަކުވެސް ހަމަޔަގީނުންވެސް ނެތެވެ.

މިގައުމުގެ ރައްޔިތުންގެ މެދުގައި އެކުވެރިކަމާއި ސުލްހަ މަސްލަހަތް ތެރިކަން ޒަމާނުއްސުރެ ގާއިމުވެފައި އޮތީ ރާއްޖޭގެ ރައްޔިތުންނަކީ ސައްތައިން ސައްތަ މުސްލިމުން ކަމުގައިވުމާ އެއްސަގާފަތެއްގެ އަހުލުވެރި ބައެއްގެ ގޮތުގައި ދެމިތިބީތީއެވެ. ނަމަވެސް މިއަދު ޓެރަރިސްޓުންގެ އައްޑާތަކުގައި ބޮންގޮއްވައި ބަޑިޖަހައި މީހުންމަރާން ދަސްކޮށްގެން ބޮޑުތުނބުޅި ލައިގެން އައިސް އުފަން މައެއް ފަހަރިއެއް އަވަށްޓެރިއެއްގެ އަންބެއް ވަކިނުވާވަރުގެ އަށެއްކަމީހުން ” ތިމާމެންނަކީ ހަމައެކަނި އިސްލާމްދީން ދަންނަ މީހުންނޭ ކިޔައިގެން ސިޔާސީ ޕާޓީއެއް ހަދައި އަކުން ބަކުންކުޅެ ، މަސްތުވާ ދިޔާކޮންމެ އެއްޗަކީ ބޮނަކުއާ ފެން ކަމުގައި ގޮވަމުން ދުވުމާއި ޒަމާނުއްސުރެ ދިވެހީންގެ މެދުގައި ދީނުގެ ކަންކަން ހިގަމުންއައި ގޮތްތައް ގޯސްކޮށް އިހުތިބި ދީނީ ޢިލްމުވެރީންނަކީ ބިދުޢަ ވެރީންކަމުގައި ގޮވައި ، ހުކުރު ޚުތުބާތަކުގައި މުސްލިމުންގެ މަށްޗަށް ބަދުދުޢާކޮށް ހަދަމުން ގެންދިއުމުގެ ސަބަބުން މިގައުމުގެ ފަސްމަތީގައި އިސްލާމް ދީނަށް ދެވެމުންދިޔަ ގަދަރާއި އިހުތިރާމު މިބަނޑުން އުފަންވި ކޮންމެވެސް ބައެއްގެ ހިތްތަކުން ފޮހެވިގެން ދާކަމުގައި ބުނުމަކީ ހަގީގަތާ ޚިލާފުވުން ކަމުގައި ބުނެވޭކަށް ނެތެވެ.

ދީނީ ޢިލްމުވެރީންނަކީ ނަބީބޭކަލުންގެ ވާރިސުން ކަމުގައި ބުނެވޭއިރު އެނަމުގައި ތިބޭބައެއްގެ ސަބަބުން ދެންނުކުންނާނެ ހުރިހައި ނަތީޖާއެއް މިއަދު މިދަނީ ނުކުންނަމުންނެވެ. ހެޔޮގޮތުގައި ލިބިފައިވާ ޢިލްމުގެ ބޭނުން ކުރައްވާ ފަރާތްތަކާ މެދުވެސް ޝައްކުގެ ނަޒަރަކުން ބެލެވެން ފަށައިފިއެވެ. މިއަދު އެމީހުން ހަލާލުކަމުގައި ބުނާއެތި ހަމައެދޫތަކުން މާދަމާ ހަރާމޭ ނުގޮވާނެ ކަމުގެ ޔަގީންކަމެއް ނެތެވެ. އިއްޔެ މުރުތައްދު ވެފައޭ ބުނިމީހުންނަކީ ޣާޒީންކަމުގައިވެސް އެބުނަނީ ހަމަ އެއްދޫތަކަކުން ވިއްޔާއެވެ. މިގައުމުން އިސްލާމްދީން ފޮހެލުމަށް އުޅުނު ކަމުގައި އެދޫތަކުން ކުރީންބުނި މީހާ މިއަދުއެއީ ނަބީއެއްފަދަ މީހެއް ކަމުގައިވެސް ހަމައެބުނެ ގޮވަނީ މިބުނާކަހަލަ ދެފުށްދެކެރީންގެ ދުލުންނެވެ.

ތިމާމެންނަށް އެމްޑީޕީގެ ސަރުކާރާ އިދިކޮޅަށް ހިންދަމާލެވޭވަރުގެ ދެތިންސަތޭކަ މީހުން މަގުމަށްޗަށް ނުނެރެވުމުން ފުރުސަތެއް ހޯދާލައިގެން ދަހިވެ ތަލިން ކުޅުހިކިފައި ތިބި ބައެއް ފުލުހުންނާއި ސިފައިން ގަނެލައިގެން ހަތިޔާރުގެ ބޭނުންކޮށް ބަޣާވާތެއް ގެނެވުނެއްކަމަކު އެމްޑީޕީގެ އާރާއި ބާރެއް ނައްތައެއް ނުލެވުނެވެ. މަތިފަޑިން ދެތިން މީހަކު ހައްލައިލައިގެން ހިންގާންއުޅުނު ޖަރީމާތަކެއް އެންމެ ފުރިހަމަ ގޮތުގައި ނުހިންގި އުޅެނިކޮށް މިއޮތީ ބޭޒާރުވެފައެވެ. ދެން މިއަދު އަރައި ތިބެގެން އެތިބަ ގޮވަނީ މަޖިލީހުގެ މެންބަރުންކޮޅު ކޮންމެ ގޮތަކުންވެސް ކަހާލާނެ ވާހަކައެވެ. އަމުދަކުން ކުރީން ބުނިގޮތަށް ކޮންމެގޮތަކުން ނަމަވެސް މިގައުމަށް ބަޣާވާތެއް ގެނެސްގެން ސަރުކާރު ވައްޓާލަން ސަލާމަތީ ބާރުތަކަށް ރިޝްވަތު ދިން ބަޔަކު އެކަން ނުކުރާނެ ކަމުގައި އަހަރެމެން ނުދެކެމެވެ. އެކަމަކު އެމްޑީޕީގެ އެންމެ ދެތިން މެންބަރުން ތިބިނަމަވެސް އެޅިހައި ބަތަކަށް ރިހަނުވާނެކަން މާޒީގައި އޮންނާނީ ދިވެހި ރައްޔިތުންނަށް ޔަގީންކޮށްދީފައެވެ. އަދި މިއަދުވެސް އެމްޑީޕީގެ ފިކުރާއި ޚިޔާލުގައި ދެގޮތެއްނުވެ ތިއްބެވި ކޮންމެ ރައްޔިތުންގެ މަޖިލީހުގެ މެންބަރަކުވެސް ، ޕާޓީގެ މެންބަރަކުވެސް ސާބިތުވެ ތިބޭނީ ފިސާރި ގޮތެއްގައިކަން އެގެންދަނީ ހާމަކޮށްދެމުންނެވެ. ” ކަލާސީންނަށް ނަވެއް ބަލެއްނުވެޔޭ ” ބުނެ އެއްދުވަހު އެއްއޮޑިއަށް އަނެއްދުވަހު އަނެއް އޮޑިޔަށް އަރައި ފައިބަމުން ގެންދާ މީހުންނަކީ އެމީހުންގެ މޯހިރުން އެމްޑީޕީގެ މެންބަރުން ދުއްވާ ބައެއްނޫނެވެ. މިކަން އަންނާންއޮތް ތާނގައި ފިސާރި ރަނގަޅަށް އެމްޑީޕީން ދައްކުވައިދޭނެއެވެ.

މީގެކުރީގެ ތާރީޚަށް ބަލާލާއިރު އެމްޑީޕީގެ ހަރަކާތްތައް ހިންގަމުން ގެންދިޔަ އެއްތަނަށްވުރެ ގިނަތަންތަނަށް ސަލާމަތީ ބާރުތަކުން ވަދެ އެތަންތަން ލޫޓުވާލާފައިވެއެވެ. އެސްޖެހިގެއާއި ، ދުންފިނި ހަރުގެ ފުނޑާލިއެވެ. އެންމެފަހުން ޓީވީއެމް ކައިރީ ހުރި އެމްޑީޕީގެ ހަރުގެވެސް ފުނޑާލީ ފުލުހުންގެ ބާރުގައެވެ. ރާޅުގަނޑު ސަރަހައްދަށް ފުލުހުންވަދެ އެތަން ލޫޓުވާލީ އެހަށްދުވަހުއެވެ. މިހާރު ބާޣީން ލޮލަށް ނިދިނައިސްގެން އެއުޅެނީ އުސްފަސްގަނޑުން އެމްޑީޕީ ބޭރުނުކުރެވިގެންނެވެ. މާލޭ ސިޓީކައުންސިލަކީ ބާޣީ ސަރުކާރު ހިތުން އެމީހުން ހިތުހުރި އަމުރެއް ކުރުމުން ތަބާވާންޖެހޭނެ ބައެކެވެ. އެކައުންސިލުން ވަކިއުސޫލެއްގެ މަތީން ހަވާލުކުރި ބިމެެއްގައި އެތައްލައްކަ ރުފިޔާއެއް ޚަރަދުކޮށްގެން ހަރަކާތްތަކެއް ހިންގަނިކޮށް އެމުއްދަތު ހަމަނުވަނީސް ކޮންމެވެސް ދޮގުބަހަނާއެއް ބޮލުގައި އަޅުވައި އެމްޑީޕީގެ މުދާތަކެއް ލޫޓުވާލާއިރު ބާޣީ ކަތީބު އެބުނާ ގާނޫނީ ހަމަކޮބައި ހެއްޔެވެ؟

މީގެކުރީންވެސް އެމްޑީޕީގެ ބޮލުގައި ތަފާތު ބަދުނާމުތަކެއް ގެންދިޔައީ އަޅުވަމުންނެވެ. މާލޭގެ މަގުމަތިން ޕެޓްރޯލު ފުޅިއެއް ފެނުނަސް އެމްޑީޕީން ޕެޓްރޯލްބޮން ހަދަނީއެވެ. ބުރިކޮށްފައިއޮތް ދަނގަނޑުބުރިއެއް ފެނުނަސް އެއީ އެމްޑީޕީން ކޮންމެވެސް މީހެއްގެ ލޮލަށް ނޫނީ ބަނޑަށް ހަރާން ތައްޔާރުކުރި ހަތިޔާރަކަށް ވެއެވެ. ތިރީސްއަހަރުގެ ޚުދުމުޚުތާރު ކަތީބު ރަށަކަށްގޮސް އެރުމުން މީހަކު ވަޅިއެއް ދިމާކުރުމުންވެސް އެމްޑީޕީއެވެ. މާލޭ ސަލްޓަންޕާކުގައި ހެދިބޮމެއް ގޮއްވާލުމުންވެސް އެމްޑީޕީއެވެ. ރަށެއްގެ ގޮނޑުދޮށަށް ރާހުސްކުރި ފުޅިއެއް ލަށްވިޔަސް އެމްޑީޕީއެވެ. ނޫންކަމެއް ނެތެވެ. ނުކުރެވިއޮތް ކަމަކީ ބަފާކަށަވަރުނޫން ކޮންމެ ދަރިޔަކު އެމްޑީޕީއަށް ލެއްވުމެވެ. އެނޫން ކޮންމެ ކަމެއް އެބަބޮލުގައި އަޅުވައެވެ. އެކަމަކު އެއްވެސްކަމެއް މިއަދާ ހަމަޔަށް އެމްޑީޕީގެ މަށްޗަށް ސާބިތު ކުރެވިފަކާ ނެތެވެ. ދެއްކެނީ ޔޯލަވާހަކައެވެ. ހަދަންއުޅޭ ކޮންމެ އެއްޗެއް ގޮވަނީ އަތަށެވެ.

މިއަދުވެސް އެމްޑީޕީން އޮތީ ފިސާރި ކެރިގެން މިގައުމާއި ރައްޔިތުންނަށް ޚިދުމަތްކޮށް ދިނުމަށާއި ވަކިބަޔަކު ތަފާތުނުކޮށް އެންމެހައި ޚިދުމަތްތަކެއް ހަމަހަމަކޮށް ދިނުމަށް ތައްޔާރުވެއެވެ. ރައްޔިތުންގެ ރުހުމާއި ލޯތްބާއި އެކުގައެވެ. އެމްޑީޕީގެ އިސްލީޑަރ ރާއްޖޭގެ ރަށްރަށަށް އެކުރަށްވާ ޒިޔާރަތްތަކުން މިކަން ރަނގަޅަށް ސާބިތުވާނެއެވެ. ރައްޔިތުންގެ ރުހުންއޮތީ ކިހާމިންވަރަކަށްކަން ސާބިތުވާނެއެވެ. އަވަސް އިންތިޚާބަކަށްގޮސް ރައްޔިތުންގެ ވޯޓަކުން ހޮވިގެން އައުމަށް ބާޣީންނަށް ނުކެރިގެން އެއުޅެނީ ހަމަ އެހެންވެއެވެ. ފުރިތަންވެސް އަތުނުޖެހޭނެ ކަން ޔަގީންވާތީއެވެ. މިއަދު އެގޮވާހެން ” އާސަންދަ ލިބޭނީ އެކަމަށް ކަނޑައެޅޭ ވަކިބަޔަކަށޭ ” އެމްޑީޕީއަކުން ނުބުނާނެއެވެ. އެބުނަނީ ބާޣީންނަށް އެކަނި އެޚިދުމަތް ދޭނެވާހަކަ ހެއްޔެވެ؟ މިހާރު ކޮންމެވެސް ވަރަކަށް ބާޣީންގެ ކައުންސިލަރުން އެޗިޕުވެސް ރައްޔިތުންގެ ބޮލަށް ވަށްދައި ބިރުދައްކަމުން އެބަގެންދެއެވެ. އާސަންދަ ބޭނުމިއްޔާ އެމްޑީޕީން ކެނޑެން ޖެހޭނެ ކަމުގައި އަޑުއަރުވައެވެ. މިއި އެވެރީންގެ ހާލުހުރި ގޮތެވެ. ހިތުގައިއޮތް ލުއްޗާ ކަމާއި ނިފާގެވެ.

މިއަދުވެސް އިއްތިހާދުވެގެން ހުރިހައި އެންމެން ގުޅިގެން އުޅޭކަމުގައި ދައްކައިގެން އުޅުނެއްކަމަކު އެވެރީން އެތިބެނީ އެމްޑީޕީދެކެ ބިރުން ފިތްކެނޑިފައެވެ. ހަދާނެ ނުހަދާނެ ގޮތެއް ނޭނގިފައެވެ. އެންމެ ކުޑަމިނުން މިހާރަކު އިއްޔެ އެވެރިން ރިޝްވަތުދީގެން ހައްލައިލި ފުލުހުންނާއި ސިފައިންގެ މަށްޗަށްވެސް އިތުބާރެއް ނެތެވެ. ތިބެނީ ވާއެއް ނުވާއެއް ނޭނގި ބިރުންނެވެ. މިހުރިހައި ކަމަކަށްވުރެ އެމްޑީޕީގެ ރޫހާއި ސަފުތަކުގެ ބަދަހިކަން ފެނި އެތިބެނީ މޭކަރަކަރައެވެ. ކިތަންމެ ވަރަކަށް ގޮތްދައްކަން އުޅުނެއްކަމަކު އަދިވެސް މިގައުމުގައި ސިޔާސީގޮތުން އެމްޑީޕީއާއި ވަރުންއެޅިލައި ވާދަކުރެވޭނެ އެހެންބަޔަކު ނެތްކަން އެވެރީންވެސް ދަނެއެވެ. އެމްޑީޕީން ފަހަށްޖެހެން ޖެހޭހިނދު އެކަންވެސް ކުރާނެ ކަމާ އެކަމަކު އެންމެފަހުން އާޚިރުގައި ބާޒީހޯދައި ބާޣީންނަށް ފުރިހަމަ ފިލާވަޅެއް ދޭނެކަން އެވެރީންނަށްވެސް މިހާރު ޔަގީންކުރެވޭނެއެވެ. އާނއެކެވެ. ސިޔާސީ ދަނޑުގައި ތެދުވެރި ކަމާއެކު ކުރިމަތިލައި އެމްޑީޕީއަށް ގޮންޖަހާލެވޭ ވަރުގެ ހަމައެއްބަޔަކުވެސް އަދި މިގައުމަކުނެތެވެ. މަކަރާ ހީލަތުން ރާފުޅިއެއް ކޮތަޅަކަށްލައި އެއްލައިގެން އެމްޑީޕީގެ ބޮލުގައި ބަދުނާމެއް އަޅުވަން ބޭކާރު މަސައްކަތްތަކެއް ކުރެވިދާނެއެވެ. ނަމަވެސް އާޚިރުގައި ކަންނިމިގެން ދާނީ ހައްގަށް ނަސްރުލިބި އެމްޑީޕީގެ މެންބަރުންނާއި ދިވެހި ގައުމަށް ލޮބުވެތި އެންމެހައި މުއާތިނުންގެ ހިތްތަކަށް އުފާވެރި ފަތިހެއް ގެނުވާފައިކަން ޔަގީނެވެ.