ބާޣީ ސަރުކާރުން ރައްޔިތުންގެ އަސާސީ ޚިދުމަތްތަކަށް ދަތިކުރަމުންދާތީ އެކަން ކުށްވެރިކޮށް އެމްޑީޕީން ނެރޭ ނޫސް ބަޔާން

ބަޣާވާތުން ވެރިކަމަށްއައި ސަރުކާރު އައުމާއިއެކު މާލޭގެ ކަރަންޓްގެ ޚިދުމަތް ފޯރުކޮށްދިނުމުގެ އިތުބާރު ގެއްލި، މާލޭގައި ދިރިއުޅޭ އެންމެހާ ރައްޔިތުންނަށް އެތަކެއް ދަތި އުނދަގޫތަކެއް ކުރިމަތި ވަމުންދާތީ އެކަން މިޕާޓީން ހަރުކަށި އިބާރާތުން ކުށްވެރި ކުރަމެވެ.

ބައެއް ފުލުހުންނާއި މަދު އަދަދެއްގެ ސިފައިން ގުޅިގެން ރާއްޖޭގެ އަމަން އަމާންކަން ނަގާލައި، ބަޣާވަތްކޮށް، ވެރިކަން ފޭރިގަތުމާ ގުޅިގެން، ކަރަންޓްގެ ޙާލަތު ރަނގަޅު ކުރުމަށް ހިންގަމުންދިޔަ ޕްރޮޖެކްޓްގެ މަސައްކަތް ކުރައްވަމުން ގެންދެވި ފަރާތްތައްވަނީ ކުއްލި ގޮތަކަށް ރާއްޖެއިން ބޭރަށް ފުރާފައެވެ. މިކަމާއި ގުޅިގެން މާލެއަށް ބޭނުންވާ ވަރަށް ކަރަންޓް އުފެއްދުމަށް ހިންގަމުން ގެންދިޔަ ޕްރޮޖެކްޓްވަނީ ލަސްވެގެން ގޮސްފައެވެ.

މާލޭގެ ކަރަންޓްގެ ހާލަތު މިހާރު މިވަނީ މީގެ އެތައް އަހަރެއް ކުރިން އޮތް މިންވަރަށް ދަށަށް ގޮސްފައެވެ. ދުރާލައި، އެންގުމެއްނެތި ކަރަންޓް ކަނޑާލަމުން ދިއުމާއި ގުޅިގެން އާންމުންގެ އެކިތަކެއްޗަށް ނުހަނު ގިނަ ގެއްލުންތަކެއް ދަނީ ކުރިމަތި ވަމުންނެވެ. އަދި މިކަން ހައްލުކުރުމަށް ބަޣާވާތުގެ ސަރުކާރުން މިހާތަނަށް ވެސް އެކަށީގެންވާ ފިޔަވަޅެއް އަޅާފައި ނުވާކަން މި ޕާޓީން ކަންބޮޑުވުމާއެކު ފާހަގަ ކުރަމެވެ.

ބާޣީ ސަރުކާރުން ކޮންމެ ދުވަހަކުމެ އެކި ފަހަރު މަތިން މާލޭގެ އެތަން މިތަނުން ކަރަންޓް ކަނޑާލަނީ ކަރަންޓް ބޭނުންކުރެވޭ މިންވަރު މަދުކޮށް، ފިއުލް ސާރޗާޖުގެ ގޮތުގައި އެމްޑީޕީގެ އޯގާތެރި ސަރުކާރުގެ ދީލަތި އެހީތެރިކަމުގެ ދަށުން ރައްޔިތުންނަށް ދޭންފަށާފައިވާ ކަރަންޓްގެ ސަބްސިޑީގެ ގޮތުގައި ދެވޭ މިންވަރު ކުޑަކުރުމަށް ބާޣީ ސަރުކާރުން ރާވައިގެން ކުރާ ކަމެއްކަމަށް އެތައް ބަޔަކު ތުހުމަތުކުރެއެވެ.

ސަރުކާރުގެ ޚަރަދުތައް ރައްޔިތުންނަށް ފައިދާ ހުރިކަންތައްތަކުން އުނިކުރުމަށްފަހު، ބަޣާވާތްކުރި ފަރާތްތަކަށް ފައިދާވާގޮތަށް އެނބުރުމަކީ ދިވެހިރައްޔިތުން ބަލައިގަންނާނޭ ކަމެއް ނޫނެވެ. އަދި އެފަދަ ހީލަތްތެރި މަސައްކަތްތައް ވަގުތުން ވަގުތަށް ހުއްޓާލައި، ރައްޔިތުންނަށް ބޭނުންވާ އަސާސީ ޚިދުމަތްތައް ފޯރުކޮށްދީ، ދިވެހި ލޮބުވެތި ރައްޔިތުންނަށް ތާހިރު ދިރިއުޅުމެއް ހޯދައިދިނުމަށް އެމްޑީޕީގެ ސަރުކާރުން ފަށާފައިވާ މަސައްކަތްތަކާއި، ރައްޔިތުންނަށް ދެމުން ގެންދިޔަ ސަބްސިޑީ ނިގުޅައިނުގަތުމަށް ބާޣީ ސަރުކާރަށް މި މިޕާޓީން ހަރުއަޑުން ގޮވާލަމެވެ.


ބަޔާން ނެރުނީ:
އިމްތިޔާޒް ފަހުމީ
ތަރުޖަމާން
7777852