ރޭ 8:30 އިން 8:45 ށް ‘ދިޓީވީ’ ން ގެނެސްދިން މިޕްރޮގުރާމްގައި ހއ. ދާއިރާއަށް ކުރިމަތިލައްވާފައިވާ ހުރިހާ ބޭފުޅުންވެސް ވިދާޅުވީ މިފަހަރު ވޯޓު ދިނުމުގައި ރައްޔިތުން ވަރަށް ބޮޑަށް ވިސްނަވަން ޖެހިވަޑައިގަންނަވާ ކަމަށާއި ސަބަބަކީ އެމްޑީޕީ އިއްތިހާދުގެ ސަރުކާރުން ވަރަށް ބޮޑެތި ވައުދުތަކެއް ރައްޔިތުންނަށް ވެފައި، މިވައުދުތައް އޭގެ ފުރިހަމަ މާނައިގައި ފުއްދައިދީ، ރައްޔިތުން އެދޭ ގޮތަށް އެމްޑީޕީއަށް ހިދުމަތްކޮށްދެވޭނީ ރައްޔިތުންގެ މަޖިލީހުގައި އެމްޑީޕީގެ އަޣްލަބިއްޔަތު އޮވެގެން ކަމަށެވެ.
މިގޮތުން ވާހަކަފުޅު ދައްކަވަމުން ހއ. ދިއްދޫ، ވަށަފަރު އަދި މުރައިދޫ ދާއިރާއަށް ކުރިމަތި ލައްވާފައިވާ އަހުމަދު ސަމީރު ވިދާޅުވީ ރައްޔިތުންގެ މަޖިލީހަށް ކުރިމަތި ލެއްވުމުގެ ބޭނުމަކީ ސިޔާސީ ހަޔާތުގައި ރައްޔިތުންނަށް ހިދުމަތް ކޮށްދިނުން ކަމަށެވެ. މިގޮތުން އެމްޑީޕީގެ ޓިކެޓްގައި ރައްޔިތުންގެ މަޖިލީހަށް ކުރިމަތިލެއްވީ އެބޭފުޅާގެ ދާއިރާގެ ގިނަ ރައްޔިތުން ތިއްބެވީ އެމްޑީޕީގައި ކަމަށްވާތީ ކަމަށެވެ. ސަމީރު ވިދާޅުވީ އިސްލާހުކުރި ގާނޫނު އަސާސީން ގިނަ ހައްގުތަކެއް ރައްޔިތުންނަށް ހޯދައިދިނުމަށްޓަކައި ގާނޫނުތަކެއް ހަދަން ޖެހިފައިވާ ކަމަށާއި މަޖިލީހަށް ކުރިމަތިލުމުގެ އެންމެ ބޮޑު އެއް ސަބަބަކީވެސް ގާނޫނީ ގޮތުން ރައްޔިތުންނަށް ހޯދައިދޭންޖެހޭ ހައްގުތައް ހޯދަދިނުމަށް ކަމަށެވެ.
އަހުމަދު ސަމީރަކީ މިހާރުގެ ގާނޫނު އަސާސީ ހެދުމުގައި މަސައްކަތް ކުރައްވާފައިވާ އަދި މިހާރުވެސް އިންތިގާލީ ރައްޔިތުންގެ މަޖިލީހުގައި ރައީސުލްޖުމްހޫރިއްޔާގެ މެންބަރުކަން ކުރައްވަމުން ގެންދަވާ ބޭފުޅެކެވެ.
ހއ. އިހަވަންދޫ، މާރަންދޫ، ތަކަންދޫ އަދި އުތީމު ހިމެނޭ ދާއިރާއަށް ކުރިމަތި ލައްވާފައިވާ އަހުމަދު އަބްދުﷲ ވިދާޅުވީ ރައްޔިތުންނަށް އެންމެ ރަނގަޅަށް ހިދުމަތްކޮށްދެވޭނީ ރައްޔިތުންގެ މަޖިލީހަށް ކުރިމަތިލައިގެން އެމަޖިލީހުގެ ތެރެއިން ކަމަށްވެފައި، މިހާރުވެސް ގާނޫނީ ގޮތުން ރައްޔިތުންނަށް ފަހިކޮށްދޭންޖެހޭ ވަރަށްގިނަ ކަންތައްތަކެއް އެބަހުރި ކަމަށެވެ. މިގޮތުން ރައްޔިތުންގެ މަޖިލީހަށް ކުރިމަތިލެއްވީ އެކަންތައްތައް ހަގީގީ މާނައިގައި ރައްޔިތުންނަށް ފަހިކޮށްދެވޭނީ މަޖިލީހުގެ ތެރެއިން ކަމަށްވާތީ ކަމަށެވެ.
“އަޅުގަނޑުމެން އެ މަސައްކަތް ކޮށްދިނުމަށް މިކުރާ މަސައްކަތުގައި ރައްޔިތުންގެ ޝުއޫރާއި ވިންދާއި އެބައިމީހުންގެ ބޭނުންތައް އަޅުގަނޑަށް އެނގޭތީވެ މިހުރިހާ އެއްޗެއް އެއްކޮށްގެން ކުރާ މަސައްކަތެއް އަޅުގަނޑު ރައްޔިތުންގެ މަޖިލީހުގައި އޭގެ ނަތީޖާ ނެރެވިދާނެތީ އަޅުގަނޑު ރައްޔިތުންގެ މަޖިލީހަށް މިކުރިމަތިލީ” އަހުމަދު އަބްދުﷲ ވިދާޅުވިއެވެ.
އަހުމަދު އަބްދުﷲ ނުވަތަ ތަކަންދޫ އަހުމަދަކީ ހީވާގީ ވިޔަފާރިއެއް ހިންގަވާ އަދި މިހާރުވެސް ކޮންސްޓްރަކްޝަން ދާއިރާގައި މަސައްކަތް ކުރައްވާ ބޭފުޅެކެވެ.
ހއ. ހޯރަފުށި ތުރާކުނު، އުލިގަމު، ބެރިންމަދޫ އަދި މުޅަދޫ ހިމެނޭ ދާއިރާއަށް ކުރިމަތިލައްވާފައިވާ އަހުމަދު ރަޝީދު (ސަންގު) ވިދާޅުވީ ހޯރަފުށި، ތުރާކުނު އަދި އުލިގަމު ހިމެނޭ ދާއިރާއަކީ މީގެކުރިން ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ ފަރާތުން މާބޮޑު އަހައްމިއްޔަތުކަމެއް ދެވިފައިވާ ދާއިރާއެއް ނޫންކަމަށާއި މިގޮތުން އެބޭފުޅާ ރައްޔިތުންގެ މަޖިލީހަށް ކުރިމަތިލެއްވީ މިހާރުގެ ސަރުކާރުން ވެފައިވާ ވައުދުތައް ފުއްދައި ދިނުމަށްޓަކައި ރައްޔިތުންގެ މަޖިލީހުގެ ތެރެއިން މަސައްކަތް ކުރެއްވުމަށް ކަމަށެވެ.
“އަޅުގަނޑުމެން މިވައުދުތައް ފުއްދައި ދިނުމަށްޓަކައި އަޅުގަނޑު ހަމަ އުއްމީދު ކުރަން ރައްޔިތުންވެސް މިކަން ބަލައިގަނެފައި އަޅުގަނޑުމެންނަށް މިސަޕޯޓު ދެއްވާނެ ކަމަށް، އެއީ އަޅުގަނޑުމެން މިވައުދުތައް ފުއްދަދިނުން އެންމެ ބޮޑު އަމާޒަކީ” އަހުމަދު ރަޝީދު ވިދާޅުވިއެވެ.
އަހުމަދު ރަޝީދަކީ އެމްޑީޕީގެ އެކިއެކި ބައްދަލުވުންތަކުގައި ތަގްރީރު ކުރައްވާ އަދި ސިޔާސީ މައިދާނުގައި ހަރަކާތްތެރިވުމުގެ އިތުރުން ހީވާގީ ވިޔަފާރިއެކެވެ.