ކުރިއަށް އޮތް ރައްޔިތުންގެ މަޖިލިހުގެ އިންތިޚާބުގައި އެމްޑީޕީގެ ފަރާތުން ވާދަކުރައްވާ 7 މެމްބަރަކަށް ޕާޓީ ޓިކެޓް ދިނުމަށް ރޭ އޮތް ގައުމީ މަޖިލިހުގެ ބައްދަލުވުމުގައި ފާސްކޮށްފިއެވެ. އެއީ ހުކުރު ދުވަހު އޮތް ޕްރައިމަރީގައި އެންމެ ގިނަ ވޯޓު ލިބިވަޑައިގެން 3 ބޭފުޅުންނާއި އިންތިޚާބީ ދާއިރާއަށް ކުރިމަތިލެއްވި އެންމެ މެމްބަރަކު ކުރިމަތިލައްވާފައި ވުމާއެކު ޕާޓީ ޓިކެޓް ދިނުމުގެ މަސައްކަތް ހިންގަވާ 5 މެމްބަރުންގެ ކޮމިޓީން ބެއްލެވުމަށްފަހު ނިންމެވި 4 ބޭފުޅުންނެވެ.
ހުކުރު ދުވަހު އޮތް ޕްރައިމަރީގައި އެންމެ ގިނަ ވޯޓު ލިބިވަޑައިގެން ޕާޓީ ޓިކެޓް ދިނުމަށް ގައުމީ މަޖިލިހުން ނިންމެވި 3 ބޭފުޅުންނަކީ އއ 1 ށް (މަތިފެރިމާޅޮސް) ކުރިމަތިލެއްވި ކެންޑިޑޭޓް އއ ބޮޑުފޮޅުދޫ ގުލްފާމްގޭ އަބްދުﷲ ރަޝީދު މޫސާ އާއި ގދ 3 ށް (ފަރެސްމާތޮޑާ) ކުރިމަތިލެއްވި ގދ ފިޔޯރީ ހެވަންލީ ހެވަން ނާޒިލް އަފީފާއި މާފަންނު 2 (މާފަންނުހުޅަނގު) އަށް ކުރިމަތިލެއްވި މ ކުޑަވެޔޮމަތީގޭ މުހަންމަދު ފަލާހެވެ.
ހުކުރު ދުވަހު އޮތް ޕްރައިމަރީގައި ކ 2 އާއި (މާލެއަތޮޅުއުތުރު) ބ 1 ގެ (ގޮއިފުޅަތުޅާދޫ) ވޯޓުގައި މައްސަލަތަކެއް ހުރުމާއެކު އެ މައްސަލަ ބެލުމަށްފަހު އެ އިންތިޚާބީ ދާއިރާތަކަށް ކުރިމަތި ލެއްވި ކެންޑިޑޭޓުންނާމެދު ގޮތެއް ނިންމުމަށް ގައުމީ މަޖިލިހުން ވަނީ ފަސްކޮށްފައެވެ.
ރޭ އޮތް ގައުމީ މަޖިލިހުގެ ބައްދަލުވުމުގައި ޕާޓީ ޓިކެޓް ދިނުމަށް ނިންމެވި އަނެއް 4 ކެންޑިޑޭޓުންނަކީ ހދ 1 ދާއިރާއަށް (ހަނިނެއްލައިދޫ) މާލޭ ދަފްތަރު އާދަމް ޝަރީފް، ރ 4 ށް (ރަސްއިގުރައިދޫ) ރ އަލިފުށި ހަޒާރީގެ ހަސަން އަހްމަދު، އދ 2 ށް (މަހިދަނގެތި) މ މާކުންގޭ ސަފްވާން އިބްރާހީމް އަދި ލ 4 ށް (މާވަށްހިތަދޫ) ލ މާވަށް، ސީޓުމާގެ އަހްމަދު މުއީޒު އެވެ.