އެމްޑީޕީގެ “ދޮރުން ދޮރަށް ހިނގުމުގައި” ރައީސް ނަޝީދު ބައިވެރިވެވަޑައިގެންފި

އެމްޑީޕީގެ އަވަސް އިންތިޚާބް ކެމްޕެއިންގައި ދޮރުން ދޮރަށް ހިނގުމުގައި އެމް.ޑީ.ޕީގެ އެންމެ އިސްލީޑަރ އަދި ރާއްޖޭގެ އިންތިޚާބީ ރައީސް މުޙައްމަދު ނަޝީދު ބައިވެރިވެ ވަޑައިގަންނަވައިފިއެވެ.

މިއަދު ހެނދުނު 10.30 ގައި ވިލިމާފަންނު ދާއިރާގެ ބްލޮކް ނަމްބަރ 341 ގައި ހިމެނޭ .މ ފެސްކޯގެ އަށާއި މ.ސްނޯލިއާގެއަށް އެމަނިކުފާނު ޒިޔާރަތް ކުރައްވައި، އެގެތަކުގައި ދިރިއުޅުއްވާ ފަރާތްތަކާ ބައްދަލުކުރެއްވިއެވެ. މި ބައްދަލުވުން ތަކުގައި އެގޭގައި ދިރިއުޅޭ ރައްޔިތުންގެ ޙާލު އަހުވާލު އައްސަވާފައިވެއެވެ. އަދި މި ވޭތުވެދިޔަ 3 އަހަރުގައި އެމް.ޑީ.ޕީގެ ސަރުކާރުން ހިންގުނު އެކި އެކި ޕްރޮގަރާމް ތަކާމެދު އެ ބޭފުޅުންގެ ޚިޔާލު އެއްސެވިއެވެ.

ފެބްރުއަރީ 7 ގައި ވެރިކަން ބަދަލު ކުރެވުނު ގޮތާއި އަވަސް އިންތިޚާބަކާ މެދު އެބޭފުޅުން ދެކިލައްވާ ގޮތް ވެސް ރައީސް ނަޝީދު މިއަދު އެގެތަކަށް ކުރެއްވި ޒިޔާރަތުގައި ސާފުކުރެއްވިއެވެ. އެމަނިކުފާނު ޒިޔާރަތްކުރެއްވި ގޭގައި ދިރިއުޅުއްވާ ފަރާތްތަކުން އެމަނިކުފާނު އެގޭގެއަށް ޒިޔާރަތްކުރެއްވީތީ އުފާކޮށް ޝުކުރު އަދާކުރެއްވިއެވެ.

މި ޒިޔާރަތުގައި އެމަނުކުފާނު އަރިހުގައި އަވަސް އިންތިޚާބް ކެމްޕޭންގެ މެނޭޖަރ އެމް.ޑީ.ޕީ ސަރުކާރުގެ ޓުއަރިޒަމް މިނިސްޓަރ މަރިޔަމް ޒުލްފާ ބައިވެރިވެވަޑައިގަތެވެ.