ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނަށް ފައިސާގެ ނުފޫޒްފޯރުވަމުން ގެންދާ ފަރާތްތައް ހައްޔަރުކުރުމަށް ގޮވާލައި އެމްޑީޕީން މުޒާހަރާކޮށްފި

30 ޖޫން 2010

picture-072

ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނަށް އިދިކޮޅު ސިޔާސީ ފަރާތްތަކުން ފައިސާގެ ނުފޫޒްފޯރުވާތީ އެފަދަ ފަރާތްތައް ހައްޔަރުކުރުމަށް ގޮވާލައި، އެކަމާއި ދެކޮޅު ހެދުމުގެގޮތުން އެމްޑީޕީން މިއަދު މުޒާހަރާކޮށްފިއެވެ.
މިއަދު ހަވީރު 4 ޖެހިއިރު ސޯޝަލް ސެންޓަރު ކައިރިން ފެށި މިމުޒާހަރާގައި، އެމްޑީޕީގެ އިސް ވެރިންނާއި، ވަޒީރުންގެ މަޖިލީހުން އިއްޔެ އިސްތިޢުފާ ދެއްވި ބައެއް ވަޒީރުންނާއި، އެމްޑީޕީގެ މެންބަރުންނާއި، ޕާޓީއަށް ތާޢީދުކުރާ ވަރަށް ގިނަ އަދަދެއްގެ ބަޔަކު ބައިވެރިވިއެވެ.

ޯޝަލް ސެންޓަރު ކައިރިން ހިނގާލުމެއް ގޮތަށް ފެށި މިމުޒާހަރާ ނިންމާލީ، މަޖީދީ މަގުން ގޮސް އޯކިޑް މަގުން ގޮސް ޗާނދަނީ މަގަށް ލަނބާލައި، އަނެއްކާވެސް މަޖީދީ މަގުން ގޮސް އާރޓިފިޝަލް ބީޗަށެވެ.
އާރޓިފިޝަލް ބީޗްގައި މިމުޒާހާރާގެ އިސް ބައިވެރިން ވާހަކަދެއްކެވިއެވެ. އެގޮތުން އެމްޑީޕީގެ ޗެއަރޕާސަން އަލްއުސްތާޛާ މާރިޔާ އަޙުމަދު ދީދީއާއި، އެޕާޓީގެ ވަގުތީ ރައީސް އިބްރާހީމް ޙުސައިން ޒަކީ އާއި، ޕާލަމެންޓްރީ ގްރޫޕްގެ ރައީސް މޫސާ މަނިކު އަދި އިއްޔެ އިސްތިޢުފާ ދެއްވި ވަޒީރުންގެ ތެރެއިން، ތަޢުލީމާ ބެހޭ ވަޒީރު، ޑރ. މުސްޠަފާ ލުތުފީއާއި، ޚާރިޖީ ވަޒީރު ޑރ. އަޙުމަދު ޝަހީދާއި، ފަތުރުވެރިކަމާއި ބެހޭ ވަޒީރު ޑރ. އަޙުމަދު ޢަލީ ސަވާދާއި، މަސްވެރިކަމާއި ދަނޑުވެރިކަމާއިބެހޭ ވަޒީރު، ޑރ. އިބްރާހީމް ދީދީ އާއި ތިމާވެއްޓާ ބެހޭ ވަޒީރު މުޙައްމަދު އަސްލަމް އަދި ދާޚިލީ ވަޒީރު މުޙައްމަދު ޝިހާބު ވާހަކަފުޅު ދެއްކެވިއެވެ.

މި މުޒާހަރާ ނިންމާލުމުގެ ގޮތުން އާޓިފިޝަލް ބީޗްގައި ވާހަކަފުޅު ދައްކަވަމުން ޑރ.މުސްތަފާ ލުތުފީ ވަނީ މާލިއްޔަތުގެ ޤާނޫނު ފާސްކޮށްފައިވާ ގޮތާމެދު ފާޑުވިދާޅުވެފައެވެ. އަދި ކޮރަޕްޓް ރައްޔިތުންގެ މަޖިލީހެއް އޮންނަން ބެނުންފުޅުވެ ވަޑައިނުގަންވާ ކަމަށާއި، ރައްޔިތުންނަށް ސަރުކާރުންދޭ ހިލޭ އެހީއަށް ހުރަސްއަޅާ މާލިއްޔަތުގެ ޤާނޫނެއް ބޭނުންފުޅުވެ ވަޑައިނުގަންނަވާ ކަމަށް މުސްތަފާ ވިދާޅުވިއެވެ.
ކުރީގެ މަސްވެރިކަމާ ބެހޭ ވަޒީރު ޑރ. ދީދީ ވިދާޅުވީ މާލިއްޔަތުގެ ޤާނޫނުގެ ސަބަބުން މަސްވެރިން މިހާރަށް ވުރެވެސް ބޮޑަށް ބިކަ ވެގެންދާނޭ ކަމަށާއި، އެޤާނޫނު މިހާރު އޮތް ގޮތުން މަސްވެރިންނަށް ދޭން ފަށާފައިވާ ތެލުގެ ސަބްސިޑީސް އިތުރަށް ކުރިޔަށް ގެންދިއުމަށް އެޤާނޫނު ހުރަސްއަޅާ ކަމުގައެވެ. އަދި ވަޒީރުންގެ މަޖިލިސް އިސްތިޢުފާ ދިނީ ރައްޔިތުންގެ މިފަދަ ޙައްޤުތައް ނިގުޅައިގަނެ ތަފާތު ޤާނޫނުތައް ހަދައިގެން ސަރުކާރަށް ދަތިކުރުމަށް މަޖިލީހުން މަސައްކަތްކުރާތީ ކަމަށެވެ.

މިއަދުގެ މުޒާހަރާގެ ބައިވެރިންތިބީ ސަރުކާރަށް އެފަރާތްތަކުގެ ފުރިހަމަ ތާޢީދު އޮތްކަން ހާމަކޮށްދިނުމަށާއި، މިޤައުމުގައި ޢަދުލުއިންސާފު ޤާއިމްކުރުމަށާއި، މަޖިލިސް މެމްބަރުންނަށް ފައިސާގެ ނުފޫޒު ފޯރުވާ ފަރާތްތަކާއިދެކޮޅު ޝުޢޫރުތައް ލިޔެފައިވާ، ރީނދޫ ކުލައިގެ ބެނަރތަކާއި، ބޯޑުތައް ހިފައިގެންނެވެ.

މުޒާހަރާގެ ބައިވެރިން ވަނީ މިހާރު ހައްޔަރުކޮށްފައިވާ ފަރާތްތައް ދޫކޮށް ނުލުމަށާއި، ބޭންކާއި، ދައުލަތުގެ އެހެނިހެން ވަޞީލަތްތަކުގެ ބޭނުން ނާޖާއިޒް ގޮތުގައި ހިފާފައިވާ ފަރާތްތައް ހައްޔަރުކުރުމަށް ގޮވާލާފައެވެ.