އަލަށް ހަދާ މާލޭ ބައިނަލްއަޤްވާމީ އެއަރޕޯޓަކީ ކޮންމެ ދިވެއްސަކުވެސް ފަޚުރުވެރިވާފަދަ އެންމެ ޒަމާނީ، އަދި 21 ވަނަ ޤަރުނަށް ފެތޭ އެއަރޕޯޓަކަށްވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދު ވިދާޅުވެއްޖެ

30 ޖޫން 2010

9cac2ca53c5fe723c249d012d6091c50

އަލަށް ހަދާ މާލޭ ބައިނަލްއަޤްވާމީ އެއަރޕޯޓަކީ، ކޮންމެ ދިވެއްސަކުވެސް ފަޚުރުވެރިވާފަދަ އެންމެ ޒަމާނީ، އަދި 21 ވަނަ ޤަރުނަށް ފެތޭ އެއަރޕޯޓަކަށްވާނެ ކަމުގައި ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
އަދި އަލަށް މި ހެދޭ އެއަރޕޯޓުގެ ސަބަބުން ދިވެހިންނަށް ވަޒީފާގެ ފުރުޞަތުތައް އިތުރުވެ، ރާއްޖޭގައި ކުރެވޭ އިންވެސްޓްމަންޓްތައް އިތުރުވެ، ފަތުރުވެރިންނަށް ފޯރުވައިދެވޭ ޚިދުމަތުގެ ފެންވަރު ރަނގަޅުވެ، ޓޫރިޒަމް އިތުރަށް ފުޅާވެގެން ދިޔުމަށް މަގުފަހިވެގެންދާނެ ކަމުގައިވެސް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. ރައީސުލްޖުމްހޫރިއްޔާ މިހެން ވިދާޅުވީ، މާލޭ އިންޓަރނޭޝަނަލް އެއަރޕޯޓު ތަރައްޤީކޮށް ހިންގުން މެލޭޝިޔާ އެއަރޕޯޓްސް ހޯލްޑިންގ އާއި ޖީ.އެމް.އާރ. ގްރޫޕާ ހަވާލުކުރުމުގެ އެއްބަސްވުމުގައި އެފަރާތާއެކު ސަރުކާރުން އިއްޔެ ސޮއި ކުރެއްވުމާ ގުޅިގެންނެވެ.
މެލޭޝިޔާ އެއަރޕޯޓްސް ހޯލްޑިންގ އާއި ޖީ.އެމް.އާރ. ގްރޫޕާ އެއަރޕޯޓު ތަރައްޤީކޮށް ހިންގުން ހަވާލުކުރައްވާފައިވަނީ ވާރލްޑް ބޭންކްގެ އިންޓަރނޭޝަނަލް ފައިނޭންސް ކޯޕަރޭޝަންގެ ބެއްލެވުމާއި ލަފާގެ މަތިން ކުރިއަށް ގެންދެވުނު ބައިނަލްއަޤްވާމީ ޓެންޑަރެއްގައި ވާދަކޮށްގެންނެވެ.
މެލޭޝިޔާ އެއަރޕޯޓްސް ހޯލްޑިންގއިން ޖުމްލަ 59 އެއަރޕޯޓެއް ހިންގައެވެ. މީގެތެރޭގައި ދުނިޔޭގެ އެންމެ ފެންވަރު ރަނގަޅު އެއް އެއަރޕޯޓުކަމުގައި އޭވިއޭޝަން އިންޑަސްޓްރީގެ މާހިރުން ބަލައިގެންފައިވާ މެލޭޝިޔާގެ ކުއާލަލަމްޕޫރު އިންޓަރނޭޝަނަލް އެއަރޕޯޓްވެސް ހިމެނެއެވެ.
މެލޭޝިޔާ އެއަރޕޯޓްސް ހޯލްޑިންގއިން އިންޑިޔާގެ ޖީ.އެމް.އާރ.އާއެކު ހަތްއަހަރު މަސައްކަތް ކޮށްފައިވެއެވެ. މި ދެކުންފުނި ގުޅިގެންވަނީ އިންޑިޔާގެ ހައިދަރުއާބާދުގެ ބައިނަލްއަޤްވާމީ އެއަރޕޯޓް ފަރުމާކޮށް، ޢިމާރާތްކޮށް ހިންގަންފަށާފައެވެ. މީގެ އިތުރުން، ތުރުކީގެ އިސްތަންބޫލް އިންޓަރނޭޝަލަން އެއަރޕޯޓާއި، އަންނަ މަހު ހުޅުވުމަށް ހަމަޖެހިފައިވާ ދިއްލީގެ އާ ބައިނަލްއަޤްވާމީ އެއަރޕޯޓުގެ މަސައްކަތްވެސް ހިންގަމުންދަނީ މެލޭޝިޔާ އެއަރޕޯޓްސް ހޯލްޑިންގއާއި ޖީ.އެމް.އާރ. ގުޅިގެންނެވެ.
“މިއީ އެއަރޕޯޓުގެ ހިންގުން ހަވާލުކުރުމަށް އެކަށީގެން ފަރާތެއް ހޯދުމަށް މިދިޔަ 18މަސް ދުވަހު ކުރެވުނު މަސައްކަތުގެ ނަތީޖާ. މި މަސައްކަތް ކުރިއަށް ގެންދެވިފައިވާ ގޮތާމެދު ވަރަށް ހިތްހަމަޖެހޭ. މި މަސައްކަތް ފެށިގެން ނިމެންދެންވެސް ކުރިއަށް ގެންދެވިފައިވަނީ ވާރލްޑް ބޭންކާއި، ބައިނަލްއަޤްވާމީ ޤާނޫނީ ވަކީލުންގެ ބެއްލެވުމުގެ ދަށުން، ހުޅުވާލެވިފައިވާ ދެފުށް ފެންނަ، އަމާނާތްތެރި، އަދި ވާދަވެރި މާޙައުލެއްގެ ތެރޭގައި.” މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓްގެ އެޑްވައިޒަރ އޮން އިންވެސްޓްމަންޓް މިފްޒާލް އަޙްމަދު ވިދާޅުވިއެވެ.
“ ޖީ.އެމް.އާރ. ގްރޫޕުން އާ ޓާރމިނަލެއް ތަރައްޤީކޮށް، މެލޭޝިޔާ އެއަރޕޯޓްސްއިން 25 އަހަރަށް މި އެއަރޕޯޓް ހިންގާނެ. ނަމަވެސް، މި އެއަރޕޯޓް އޮންނާނީ ދިވެހިންގެ މިލްކެއްގެ ގޮތުގައި. އެއަރޕޯޓުގެ ސަލާމަތީ ކަންކަން ބަލަހައްޓަވާނީ މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯހުގެ ފަރާތުން. އަދި މި އެއަރޕޯޓަށް ޖެއްސޭނީ ސަރުކާރުން ހުއްދަ ދޭ ބޯޓުތަކަށް”. މިފްޒާލް ވިދާޅުވިއެވެ.
“ މި އެއަރޕޯޓުގެ ސަބަބުން ރާއްޖެއަންނަ ފްލައިޓްތަކުގެ އަދަދު އިތުރުވެ، އެއަރޕޯޓް ތޮއްޖެހުން ކުޑަވެ އެއަރޕޯޓް ޗެކް އިންއަށް ހިނގާ ވަގުތު ކުޑަވެގެންދާނެ. އާ އެއަރޕޯޓް ޓަރމިނަލްގައި އިތުރު ފިހާރަތަކާއި، ކެފޭ އާއި ރެސްޓޯރަންޓްފަދަ ތަންތަން ހުންނާނެ. އަދި މި އެއަރޕޯޓް ނިމިގެންދާއިރު، ހުޅުމާލޭގައި އުޅޭ ރައްޔިތުންނަށް ކުޑަވަގުތުކޮޅެއްގެ ތެރޭގައި އެއްގަމު މަގުން އެއަރޕޯޓަށް އާދެވޭނެ.” މިފްޒާލް އިތުރަށް ވިދާޅުވިއެވެ.
މެލޭޝިޔާ އެއަރޕޯޓްސް ހޯލްޑިންގ އާއި ޖީ.އެމް.އާރ.އިން އެއަރޕޯޓް ތަރައްޤީ ކުރުމަށް 400 މިލިއަން ޑޮލަރު އިންވެސްޓް ކުރުމަށްވަނީ ހަމަޖެހިފައެވެ. އަދި މި އެއަރޕޯޓް ތަރައްޤީކޮށް 2014 ވަނަ އަހަރު ނިންމުމަށްވަނީ ހަމަޖެހިފައެވެ.