އީޔޫ ޕާލަމެންޓްރީ ގްރޫޕްގެ ވަފްދުގެ ބޭފުޅުންނާ އެމްޑީޕީން ބައްދަލުކޮށްފި

މިހާރު ރާއްޖެއަށް ޒިޔާރަތްކުރައްވަމުން ގެންދަވާ އީޔޫ ޕާލަމެންޓްރީ ގްރޫޕްގެ ވަފްދުގެ ބޭފުޅުންނާ އެމްޑީޕީން ބައްދަލުކޮށްފި އެވެ.

މިއަދު މެންދުރުފަހު އެމްޑީޕީގެ މައި އޮފީހުގައި ބޭއްވި މި ބައްދަލުކުރެއްވުމުގައި އެމްޑީޕީގެ ފަރާތުން ބައިވެރިވެވަޑައިގެންނެވީ އެމްޑީޕީގެ ޗެއަރޕާސަން މޫސާ މަނިކާއި، އެ ޕާޓީގެ ޕާލަމެންޓްރީ ގްރޫޕްގެ އަމީންއާންމު އަދި އިންޓަރނޭޝަނަލް ސްޕޯކްސްޕާސަން ޙާމިދުޢަބްދުލް ޣަފޫރާއި، އެމްޑީޕީގެ ޕޮލިސީީ ކޮމިޓީގެ މުޤައްރިރު އަދި ރައީސް ނަޝީދުގެ ސަރުކާރުގެ ސިވިލްއޭވިއޭޝަން މިނިސްޓަރ މަޙްމޫދު ރާޒީ އާއި، އެމްޑީޕީގެ ގައުމީ މަޖިލީހުގެ މެންބަރު އަދި ރައީސް ނަޝީދުގެ ސަރުކާރުގެ ހައުސިންގ މިނިސްޓަރ މުޙައްމަދު އަސްލަމްގެ އިތުރުން އެމްޑީޕީގެ ޒުވާނުންގެ ގޮފީގެ ރައީސާ އާމިނަތު ޝައުނާ އެވެ.

އީޔޫގެ ގައުމުތަކުގެ ޕާލަމެންޓޭރިއަނުން ހިމެނޭ ވަފްދުގައި ހިމެނިވަޑައިގަންނަވަނީ މި ވަފްދުގެ ޗެއަރ، ޖީން ލަމްބާރޓް އާއި، ޖޯންއަޓަރޑް އާއި، ސެޑޯ އަލްބަރޓް އާއި، ފިލިޕް ކަމަރިސް އާއި، ސެބިން މޭޔަރގެ އިތުރުން އީޔޫ އިން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ބަރނާޑް ސަވޭޖް އެވެ.

މި ބައްދަލުކުރެއްވުމުގައި ފެބްރުއަރީ 7 ގައި ދިވެހި ފުލުހުންގެ ތެރެއިން ބަޔަކާއި، ސިފައިންގެ މަދު ބައެއްގެ އެހީތެރިކަމާއެކު ކުރީގެ 30 އަހަރުގެޚުދުމުޚްތާރު ސަރުކާރުގެ ބައިވެރިން ރާއްޖެއަށް ގެނައި ބަޣާވާތާއި ބެހޭ މައުލޫމާތު އީޔޫގެ ވަފްދުގެ ބޭފުޅުންނަށް ދެއްވިއެވެ. އަދި ބަޣާވާތަށްފަހު އެމްޑީޕީގެ މަޖިލިސް މެންބަރުންނާއި، އާންމު މެންބަރުންނަށް ބާޣީ ސަރުކާރުގެ ފުލުހުން ކުރަމުންދާ އަނިޔާތަކާއި، ކޮމަންވެލްތުން އެދޭފަދަ އަވަސް އިންތިޚާބަކަށް ގޮވާލައި އެމްޑީޕީން ކުރަމުންދާ ސުލްހަވެރި މަސައްކަތްތަކާ ބެހޭ މައުލޫމާތު މި ވަފްދުގެ ބޭފުޅުންނަށް އެރުވިއެވެ.