ސިޔާސީ މަސްރަޙް ހަލަބޮލިވެ ސުލްހަމަސަލަސްކަމަށް ނޭދެވޭ އަސަރުތަކެއް ކޮށްފާނެކަމަށް ފެންނާތީ، ޤައުމީ ދިފާޢީ ބާރު ހަރަކާތްތެރިވާންފަށައިފި

30 ޖޫން 2010

ދިވެހިރާއްޖޭގެ ޤައުމީ ދިފާޢީ ބާރުން މާލެތެރެ ބެލެހެއްޓުމުގައި ހަރަކާތްތެރިވަމުންދަނީ ވަޒީރުންގެ މަޖިލީހުގެ ހުރިހާ މެމްބަރުން އެބޭފުޅުން ތިއްބެވި މަޤާމުތަކުން އިއްޔެ އިސްތިޢުފާ ދެއްވުމާ ގުޅިގެން، ރާއްޖޭގެ ސިޔާސީ މަސްރަޙް ހަލަބޮލިވެ، އޭގެ ސަބަބުން ރާއްޖޭގެ ސުލްހަމަސަލަސްކަމަށް ނޭދެވޭ އަސަރުތަކެއް ކޮށްފާނެކަމަށް ފެންނާތީ ކަމަށް އެމްއެންޑީއެފުން ބުނެފިއެވެ.
އެމްއެންޑީއެފުން ރޭ ނެރުނު ނޫސްބަޔާނެއްގައިވާގޮތުން “ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީން، ސަލާމަތީ ޚިދުމަތްތަކުގެ މައްޗަށް ލާޒިމްކުރާ، ޤާނޫނު އަސާސީއާ ދީމިޤްރާޠީ މުއައްސަސާތައް ޙިމާޔާތްކޮށް، ޤާނޫނު ދަހަމައްޓައި، ތަންފީޛުކޮށް، އަމަންއަމާންކަން ދެމެހެއްޓުމަށް، މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސް ހަރަކާތްތެރިވާކަމާއި، ސިފައިންގެ ޤާނޫނުގައި ބަޔާންކޮށްފައިވާ ސިފައިންގެ ވާޖިބުތަކާއި މަސްޢޫލިއްޔަތުތައް އަދާކުރުމާއި، ޤާނޫނު ތަންފީޛުކުރާ އެންމެހާ ފަރާތްތަކަށް އެހީތެރިކަން ފޯރުކޮށްދިނުމުގައި ސާބިތުކަންމަތީ ތިބޭނެކަމުގެ ޔަޤީންކަން ދިވެހި ރައްޔިތުންނަށް އަރުވާ” ކަމަށް ބަޔާންކޮށްފައިވެއެވެ.
މީގެ އިތުރުން ޤައުމީ ޚިދުމަތުގައި ދިވެހި ސިފައިން އަބަދުވެސް ދެމިތިބޭނީ، ޤާނޫނު އަސާސީއާއި ޤާނޫނުތަކާއި ޤަވާއިދުތަކުގެ ތަރަޙައިގެ ތެރޭގައި ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާއާއި އިސްލާމްދީނާއި ރައްޔިތުން ސަލާމަތްކުރުމަށް، މާތް ﷲ ގަންދީ ސިފައިން ކޮށްގެންތިބި ހުވާގެ މަތީގައި ކަމަށް ވެސް ޤައުމީ ދިފާޢީ ބާރުން ނެރުނު ބަޔާނުގައި ވެއެވެ.