ރައީސް ނަޝީދު ގދ. އަށް ކުރެއްވި ދަތުރުފުޅު ނިންމަވާލެއްވުމަށް ފަހު މާލެ ވަޑައިގެންފި

އެމްޑީޕީގެ އެންމެ އިސް ލީޑަރު އަދި ރާއްޖޭގެ އިންތިޚާބީ ރައީސުލްޖުމްހޫރިއްޔާ މުހަންމަދު ނަޝީދު ގދ. އަށް ކުރެއްވި ދަތުރުފުޅު ނިންމަވާލެއްވުމަށް ފަހު މިއަދު މެންދުރުފަހު މާލެ ވަޑައިގެންފިއެވެ.

ރައީސް ނަޝީދު ގދ.ގެ 4 ރަށަކަށް ކުރެއްވި 3 ދުވަހުގެ މި ދަތުރުފުޅުގައި ވަޑައިގެންފައިވަނީ ގދ. ގައްދޫ އާއި، ވާދޫ، ނަޑެއްލާގެ އިތުރުން އެ ސަރަހައްދުގެ މަރުކަޒީ ރަށް ކަމަށްވާ ތިނަދޫ އަށެވެ.

އެމަނިކުފާނުގެ މި ދަތުރުފުޅުގައި ގައްދޫ، ވާދޫ އަދި ނަޑެއްލާގައި އެމްޑީޕީގެ ހަރުގެ ހުޅުއްވައި ދެއްވައި ގައްދޫ އާއި ތިނަދޫގައި ބޭއްވި އެމްޑީޕީގެ ޚާއްސަ ޖަލްސާތަކުގައި ބައިވެރިވެވަޑައިގެންނެވިއެވެ. އަދި ނަޑެއްލާ އާއި ތިނަދޫގައި އިއްޔެ ބޭއްވި މުޒާހަރާގައި ވެސް ބައިވެރިވެވަޑައިގެންނެވިއެވެ.

ތިނަދޫގައި ރޭ ވާހަކަފުޅުދައްކަވަމުން ރައީސް ނަޝީދު ވިދާޅުވީ ރާއްޖޭގައި ބަޣާވާތްކުރީ ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް ކަމަށެވެ. އަދި ކުރީގެ ރައީސް މައުމޫން ބަޣާވާތްކުރެއްވީ އަލުން އަނބުރާ ވެރިކަމަށް ވަޑައިގަތުމުގެ އުއްމީދުގައި، ކުރީގެ “ބާރުވެރިކަން އަލުން އަނބުރާ ހޯއްދެވުމަށްޓަކައި” ކަމަށް ވެސް ރައީސް ނަޝީދު ވިދާޅުވިއެވެ.

މީގެ އިތުރުން އެމްޑީޕީގެ ސިޔާސަތުތައް ދޫކޮށްލައި، ރައްޔިތުން ނޫނެކޭ ބުނެފައިވާ ޕީޕީއެމް އާއި ޑީއާރުޕީގެ ސިޔާސަތާއި ފިކުރު ކުރީގެ ނައިބު ރައީސް ޑރ.މުޙަންމަދު ވަޙީދު ހިންގުމަކީ ބަޣާވާތެއް ކަމަށް ވެސް ރައީސް ނަޝީދު ތިނަދޫގައި ރޭ ބޭއްވި އެމްޑީޕީގެ ޖަލްސާގައި ވިދާޅުވިއެވެ.

ރައީސް ނަޝީދުގެ މި ދަތުރުފުޅުގައި އެމަނިކުފާނުގެ އަރިހުގައި އެމްޑީޕީގެ ޗެއަރޕާސަން ނައިބު މާލީ އަޙުމަދު މައުސޫމް އާއި، އެމްޑީޕީގެ ސްޕޯކްސްޕާސަން އިމްތިޔާޒް ފަހުމީ އާއި، އެމްޑީޕީގެ ޗެއަރޕާސަންކަން ކުރެއްވި މައްޗަންގޮޅި އުތުރު ދާއިރާގެ މެންބަރު މާރިޔާ އަޙުމަދު ދީދީގެ އިތުރުން ތިނަދޫ ދާއިރާގެ މެންބަރު މުޙަންމަދު ގަސަމް އާއި، މަޑަވެލި ދާއިރާގެ މެންބަރު މުޙަންމަދު ނާޒިމް އާއި ގައްދޫ ދާއިރާގެ މެންބަރު ޒާހިރު އާދަމް ވެސް ބައިވެރިވެވަޑައިގެންނެވިއެވެ. އަދި ރައީސް ނަޝީދުގެ ސަރުކާރުގެ ބައެއް ވަޒީރުންނާއި ރައްޔިތުންގެ މަޖިލީހުގެ އެމްޑީޕީގެ ބައެއް އިތުރު އެހެން މެންބަރުން ވެސް ބައިވެރިވެވަޑައިގެންނެވިއެވެ.