ނޫސް ބަޔާން: ބައިނަލްއަޤްވާމީ މަސައްކަތްތެރިންގެ ދުވަސް ފާހަގަކުރުމާ ބެހޭ ގޮތުން އެމްޑީޕީގެ މަސައްކަތާއި އިޖްތިމާޢީ ޚިދުމަތްތަކާއި ބެހޭ ކޮމިޓީން ނެރޭ ބަޔާން

ވަގުތުން ނެރުމަށް
MDP-2012-PR-ނަންބަރު: 44
ތާރީޚް: 28 އެޕްރީލް 2012 (ހޮނިހިރު)

ކޮންމެ އަހަރެއްގެ މެއި މަހުގެ 1 ވަނަ ދުވަހަކީ ބައިނަލްއަޤްވާމީ މަސައްކަތްތެރީންގެ ދުވަހެވެ. ދިވެހިރާއްޖެ ބައިނަލްއަޤްވާމީ މަސައްކަތްތެރީންގެ ޖަމްޢިއްޔާ، އިންޓަރނޭޝަނަލް ލޭބަރ އޯގަނައިޒޭޝަން (އައި.އެލް.އޯ) ގެ މެމްބަރަކަށްވީ 15 މެއި 2009 ގައެވެ. ދިވެހިރާއްޖެ އެޖަމްޢިއްޔާގެ މެމްބަރަކަށްވުން އެއީ މިޕާޓީގެ މެނިފެސްޓޯގައި ހިމެނިފައިވާ ވައުދެކެވެ. އަދި އެހެންކަމުން، އޭރުގެ އިދިކޮޅު ފަރާތްތަކުގެ ފިއްތުންތަކާއެކު ވެސް މިޕާޓީގެ ސަރުކާރުންވަނީ އެ ވައުދު ފުއްދާފައެވެ.

7 ފެބްރުއަރީ 2012 ގައި ބަޣާވާތަކުން މިޕާޓީގެ ސަރުކާރު ވައްޓާލުމަށްފަހު، ބާޣީ ސަރުކާރުންނާއި އެސަރުކާރަށް ވާގިވެރިވާ ވިޔަފާރިތަކުން ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ދަނީ މަސައްކަތްތެރީންގެ ޙައްޤުތަކަށް އަރައިގަންނަމުންނެވެ. އޭގެ ތެރޭގައި، ޤާނޫނުއަސާސީއާއި، ވަޒީފާއާ ބެހޭ ޤާނޫނާ ޚިލާފަށް މުވައްޒަފުންގެ މެދުގައި ތަފާތުކުރުން ގެންގުޅުމާއި، މުވައްޒަފުންނަށް އިންޒާރު ދިނުމާއި، ވަޒީފާއިން ވަކިކުރުން ހިމެނެއެވެ. ވަކިން ޚާއްޞަކޮށް މިޕާޓީއަށް ނިސްބަތްވާ މުވައްޒަފުންނާ ދޭތެރޭ އެފަދަ ގޮތްގޮތުން ޢަމަލުކުރަމުންދާކަން މިޕާޓީން ހަރު އަޑުން ކުށްވެރިކުރަމެވެ.

އައި.އެލް.އޯ ގައި ދިވެހިރާއްޖެ ބައިވެރިވުމާއެކު، އެޖަމްޢިއްޔާގެ އަސާސީ 8 މުއާހަދާގައި ރާއްޖެއިން ސޮއިކުރުމުގެ މަސައްކަތް ކޮށްނިންމުމަށްފަހު ވަނީ ރައްޔިތުންގެ މަޖިލީހަށް ފޮނުވާފައެވެ. އެ މުއާހަދާތަކުގައި ދިވެހިރާއްޖެއިން ސޮއިކުރުމަށް ދައުލަތުގެ އެންމެހައި މުއައްސަސާތަކަށް މިޕާޓީން ގޮވާލަމެވެ.

މިޕާޓީގެ އެންމެ މުހިއްމު އެއް އަމާޒަކީ، ދިވެހި ރައްޔިތުންނަކީ އަމިއްލަ ފައިމައްޗަށް ތެދުވެ އެމީހެއްގެ އަމިއްލަ މަސައްކަތުން އާމްދަނީއެއް ހޯދައި، އަބުރުވެރި ދިރިއުޅުމެއް އުޅޭ ބައެއްކަމުގައި ހެދުމެވެ. އެކަން ކުރުމަށްޓަކައި މިޕާޓީން ހިންގި އެންމެ މުހިއްމު މަޝްރޫޢަކީ “ހުނަރު” ޕްރޮގްރާމެވެ. އެޕްރޮގާމަކީ ދިވެހި ޒުވާނުން މަސައްކަތުގެ މައިދާނަށް ނެރުމަށް ހިންގި ޕްރޮގްރާމެކެވެ. އެޕްރޮގްރާމުން އެތައް ސަތޭކަ ދިވެހި ޒުވާނުންނެއް މަސައްކަތުގެ ހުނަރު ދަސްކުރަމުންދަނިކޮށް މިހާރުގެ ސަރުކާރުން އެޕްރޮގްރާމް ހުއްޓާލާފައިވާތީ އެކަމަކީ މިޕާޓީން ހިތާމަކުރާ ކަމެކެވެ.

ދިވެހި މަސައްކަތްތެރީންގެ ޙައްޤުތައް ހިމާޔަތް ކުރުމަށްޓަކައި އަޑުއުފުލުމަށް، މިއަންނަ މެއި މަހުގެ 1 ވަނަ ދުވަހު ރާއްޖޭގެ ހުރިހާ ރަށެއްގައި ޚާއްޞަ ހިނގާލުމެއް ބާއްވާ ގޮތަށް މިޕާޓީން ވަނީ ނިންމާފައެވެ. ވީމާ، މިހަރަކާތުގައި މިޕާޓީގެ މެމްބަރުންގެ އިތުރުން ރާއްޖޭގެ އެންމެހައި މަސައްކަތްތެރީން ބައިވެރިވެވަޑައިގަތުމަކީ މިޕާޓީގެ ވަރަށް ބޮޑު އެދުމެކެވެ.

ބަޔާން ނެރުނީ:
ޙަސަން ލަތީފް
މަސައްކަތާއި އިޖްތިމާޢީ ޚިދުމަތްތަކާއި ބެހޭ ކޮމިޓީގެ މުޤައްރިރު
7781958