ގައްދޫ އަދި ވާދޫގައި އެމްޑީޕީގެ ދެ ހަރުގެ ހުޅުވައިފި

އެމްޑީޕީގެ އެންމެ އިސްލީޑަރު އަދި ރާއްޖޭގެ އިންތިޚާބީ ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދު ހުވަދު އަތޮޅު ދެކުނު ބުރީގެ ބައެއް ރަށްތަކަށް މިހާރު ކުރައްވާ ދަތުރުފުޅުގައި އެ އަތޮޅު ގައްދޫ އަދި ވާދޫގައި އެމްޑީޕީގެ ދެ ހަރުގެ ހުޅުއްވައި ދެއްވައިފިއެވެ.

ގައްދޫ އެމްޑީޕީ ހަރުގެ ހުޅުއްވައިދެއްވީ އިއްޔެ ހަވީރު އެވެ. ވާދޫ އެމްޑީޕީ ހަރުގެ ހުޅުއްވައިދެއްވީ މިއަދު މެންދުރު އެރަށު ރައްޔިތުން ރައީސް ނަޝީދާއި އެމަނިކުފާނާއި އެކު ވަޑައިގެންނެވި އެމްޑީޕީގެ ވަފްދުގެ މެންބަރުންނަށް ދެއްވި ޖާފަތަށް ފަހު އެވެ. ގައްދޫގައި ރޭ ބޭއްވި އެމްޑީޕީގެ ޖަލްސާގައި އެމަނިކުފާނު ބައިވެރިވެވަޑައިގެން ވާހަކަފުޅު ދެއްކެވިއެވެ.

ރައީސް ނަޝީދުގެ މި ދަތުރުފުޅުގައި މިއަދު ނަޑެއްލާގައި ވެސް އެމްޑީޕީގެ ހަރުގެއެއް ހުޅުއްވައި ދެއްވާނެ އެވެ. އަދި ތިނަދޫގައި މިއަދު ހަވީރު ބާއްވާ ބޮޑު މުޒާހަރާއާއި މިރޭ އެ ރަށުގައި ބާއްވާ އެމްޑީޕީގެ ޚާއްސަ ޖަލްސާގައި އެމަނިކުފާނު ބައިވެރިވެވަޑައިގަންނަވާނެއެވެ.