ނައިފަރުގައި އެމްޑީޕީގެ މެންބަރުން ދަމާފައިހުރި ބެނާތައް ނެގުމަށް އަނެއްކާވެސް ފުލުހުން އިންޒާރުކޮށްފި – ދާއިރާގެ ނާއިބުރައީސް

ފާދިއްޕޮޅު ނައިފަރު ދާއިރާގެ އެމްޑީޕީގެ މެންބަރުން ބާޣީސަރުކާރާ ދެކޮޅަށް ޝުޢޫރު ފާޅުކުރުގެ ގޮތުން އެރަށުގައި ދަމާފައިވާ ބެނާތައް ނެގުމަށް ބާޣީ ސަރުކާރުގެ ފުލުހުން އިންޒާރު ކުރަމުންދާކަމަށް އެމްޑީޕީގެ ނައިފަރު ދާއިރާގެ ނާއިބުރައީސް ވަދީފް މޫސާ ވިދާޅުވެއްޖެއެވެ.

ވަދީފް މޫސާ އިތުރަށް ވިދާޅުވީ ބާޣީފުލުހުންނާ ރަށު ކައުންސިލުން ގާނޫނު އަސާސީއާ ޚިލާފު ބަޔާންތަކާއި އިޢުލާންތައް ނެރެ ގާނޫނުއަސާސީގެ އަސާސީ ޙައްގުތަކާއި މިނިވަންކަމުގެ ބާބުގެ 27 ވަނަ މާއްދާއިން ރައްޔިތުންނަށް ލިބިދޭ ޙައްގުތަކަށް އަރައިގަނެ ބަޣާވާތް ކުރަމުން ދާކަމީ އެމްޑީޕީގެ ނައިފަރު ދާއިރާގެ މެންބަރުން ނުހަނު ހިތާމަކުރާ ކަމެއްކަމަށާއި، ރާއްޖޭގެ ގާނޫނުއަސާސީގެ ބާރު ކެނޑި ރައްޔިތުންގެ މިނިވަންކަން ގެއްލޭފަދަ ޣައިރުގާނޫނީ އެއްވެސް އަމުރަކަށް ނައިފަރު ދާއިރާގެ އެމްޑީޕީގެ މެންބަރުން ތަބަޢަ ނުވާނޭ ކަމުގައި ބާޣީ ފުލުހުންނަށް ދަންނަވާފައި ވާނޭ ކަމުގައި ވެސް ވަދީފް ވިދާޅުވިއެވެ.

މީގެ އިތުރުން ބާޣީ ފުލުހުންނާ ރަށުކައުންސިލްގެ މި ޣައިރުގާނޫނީ އަމުރަކީ ބާޠިލް އަމުރެއްކަމަށް ގަބޫލު ކުރައްވާކަމަށާއި ނައިފަރުގައި ބާޣީސަރުކާރާ ދެކޮޅު ހެދުމުގެ ގޮތުން ދަމާފައިހުރި ބެނާތަކުގައި ދެކޮޅުވެރި އެއްވެސް ފަރާތަކުން އަތްލައި ހެދުމަކީ ރަށުގެ މަސްލަޙަތު ގެއްލި ބާޣީ ރައީސް ނައިފަރަށް އެރުމުގައި ހުރަސްތަކެއް ކުރިމަތިވެ ވަޙީދު ނައިފަރަށް އަރުވަން މަސައްކަތްކުރާ ފަރާތްތަކާ ރައްޔިތުންނާ ދެމެދު ކުރިމަތިލުން އުފެދޭނޭ ކަމެއް ކަމުގައިވެސް ވަދީފް މޫސާ ވިދާޅުވިއެވެ.