”ކޮމަންވެލްތަށް އިޖާބަދީ” މިނަމުގައި ހޯނޑެއްދޫގައި ސުލްހަވެރި ހިނގާލުމެއް ބާއްވައިފި

ލިޔުނީ: މުޢާޒު މުޙައްމަދު (އެމް.ޑީ.ޕީ މަޑަވެލި ދާއިރާގެ ސެކެޓްރީ)

ހޯނޑެއްދޫ އެމް.ޑީ.ޕީ އަންހެނުންގެ ރޫހުގެ އިސްނެގުމުގެ މަތިން ހޯނޑެއްދޫގައި ހަރަކާތްތެރިވާ އެމް.ޑީ.ޕީ ގޮފިތަކާއި ގުޅިގެން ސުލްހަވެރި ހިނގާލުމެއް ބާއްވައިފިއެވެ. އިއްޔެ ހަވީރު ހޯނޑެއްދޫ އަޕާރ ސައުތު އިނިޝިއޭޓިވް ގޮފީގެ ނާއިބް ރައީސްގެ ގެ ފުރަގަހުން ފެށި މި ހިނގާލުން ނިންމާފައިވަނީވެސް ހަމައެސަރަހައްދަށެވެ.

މި ސުލްހަވެރި ހިނގާލުމުގައި ހޯނޑެއްދޫ އެމް.ޑީ.ޕީ އަށް ތާޢިދުކުރާ ގިނަ އަދަދެއްގެ ރައްޔިތުން ބައިވެރިވެފައި ވެއެވެ. މިހިނގާލުމުގައި އަޑުއުފުލާފައިވަނީ ކޮމަންވެލްތުން ގޮވާލާފައިވާ ގޮވާލުމަށް އިޖާބަދިނުމަށާއި އަވަސް އިންތިޚާބެއް ބޭއްވުމަށެވެ. މީގެ އިތުރުން އަންހެނުންނަށް ކުރާ އަނިޔާތައް މިހާރުން މިހާރަށް ހުއްޓާލުމަށް މިހާރުގެ ސަރުކާރަށް ގޮވާލާފައިވެއެވެ. އަދިވެސް 07 އަދި 08 ފެބްރުއަރީގައި ފުލުހުންނާއި ސިފައިން ކުރި އަމަލުތައް ކުށްވެރިކުރުމުގެ ގޮތުން އެކިއެކި ޝުއޫރުތައް ފާޅުކޮށްފައިވެއެވެ.

މީގެ އިތުރުން މިއަދު ހަވީރު ހޯނޑެއްދޫ އެމްޑީޕީ މެންބަރުންގެ ޚާއްސަ ބައްދަލުވުމެއް ބާއްވައި އަންހެނުންގެ ހަރަކާތްތައް ވިލަރެސްކުރާނޭ ކުޑަ ކޮމިޓީއަކާއި، މުޒާހަރާތައް ވިލަރެސްކުރާނޭ ކޮމިޓީއެއް ވަނީ ނަގާފައެވެ. އަދި ކުރިއަށް އޮތްތާގައި ހުއްޓުމެއް ނެތި ތަފާތު އެކިހަރަކާތްތައް ކުރިއަށްގެންދިއުމަށް ހަމަޖެހިފައިވާ ކަމަށްވެސް އެފަރާތުން މަޢުލޫމާތުދެއެވެ. އެގޮތުން މިއަންނަ ހުކުރު ދުވަހު ބޮޑު މުޒާހަރާއެއް ބާއްވާނޭ ކަމަށް އެރަށުން މައުލޫމާތު ދެއެވެ.

ހޯނޑެއްދޫއަކީ ހަމައެކަނި މަޑަވެލި ދާއިރާގެ އެމް.ޑީ.ޕީ 2 ކައުންސިލް މެންބަރުން ތަމްސީލްކުރާ ރަށެވެ.