ރައީސް ނަޝީދު އިންޑިއާއަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅާއި ބެހޭ ގޮތުން އެމްޑީޕީން ނެރޭ ނޫސް ބަޔާން (2)

މި ޕާޓީގެ އެންމެ އިސްލީޑަރު، ރާއްޖޭގެ އިންތިޚާބީ ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދު މިހާރު އިންޑިއާއަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި އިންޑިއާގެ އިސް ބައެއް ވިޔަފާރިވެރިންނާ ބައްދަލުކުރައްވައި ރާއްޖޭގައި އިންވެސްޓްކުރުން ހުއްޓާނުލައި ކުރިޔަށް ގެންދިއުމުގެ މުހިންމު ކަމާ ބެހޭ ގޮތުން ވާހަކަފުޅުދައްކަވައިފިއެވެ. އަދި ދިވެހިރައްޔިތުން އިންޑިއާގެ އިންވެސްޓަރުންނަށް ވަރަށް ބޮޑަށް ބޭނުންވެފައިވާ ކަމަށް އެމަނިކުފާނު ވިދާޅުވެއްޖެއެވެ.

އިންޑިއާގެ ވެރިރަށް ނިއުދިއްލީގައި ބޭއްވި މި ބައްދަލުވުމުގައި އިންޑިއާގެ މުހިންމު ބޮޑެތި އިންވެސްޓަރުންނާއި، ބައެއް ސިޔާސީ އިސްފަރާތްތަކުން ބައިވެރިވެވަޑައިގެންނެވިއެވެ.

ނިއުދިއްލީއަށް ފަހު ރައީސް ނަޝީދު މިއަދު އިންޑިއާގެ ވިޔަފާރީގެ މަރުކަޒީރަށް ކަމަށްވާ މުމްބާއީއަށް ވަޑައިގެން އިންޑިއާގެ އަމިއްލަ ވިޔަފާރިތަކުން ވެސް ރާއްޖޭގައި އިންވެސްޓްކުރުމުގެ މުހިންމު ކަމާއި ބެހޭ ގޮތުން ވާހަކަފުޅުދެއްކެވިއެވެ.
އަދި ރާއްޖޭގައި ޑިމޮކްރަސީ ގާއިމްކުރެވޭނޭ ކަމުގެ ޔަގީންކަން ލިބިގަތުމަށްޓަކައި، ޑިމޮކްރަސީ ގާއިމްކުރުމަށް ކުރަމުންދާ މަސައްކަތުގައި، އިންޑިއާގެ އިންވެސްޓަރުން ވެސް ބައިވެރިވެވަޑައިގަންނަވަންޖެހޭ ކަމަށް ވިދާޅުވިއެވެ.

” އަޅުގަނޑުމެންގެ އަތުން ބަޣާވާތަކުން ވެރިކަން އަތުލާފައިވީ ނަމަވެސް، އަޅުގަނޑުމެން އެމްޑީޕީން އަބަދުވެސް ބޭނުންވަނީ ރާއްޖޭގައި ވީހާވެސް ގިނަ ފަރާތްތަކުން އިންވެސްޓްކުރުން.” ރައީސް ނަޝީދު ވިދާޅުވިއެވެ.

ބަޔާން ނެރުނީ: އެމްޑީޕީގެ ސްޕޯކްސްޕާސަން އިމްތިޔާޒް ފަހުމީ (އިންތި)