މާދަމާ ބާއްވާ މުޒާހަރާގައި ވީހާވެސް ގިނަ ބަޔަކު ބައިވެރިވުމަށް އެމްޑީޕީން ގޮވާލައިފި

އަވަސް އިންތިޚާބަކަށް ގޮވާލައި މާދަމާ ބާއްވާ މުޒާހަރާގައި ވީހާވެސް ގިނަ ބަޔަކު ބައިވެރިވުމަށް އެމްޑީޕީން ގޮވާލައިފި އެވެ.

މީގެ ކުޑައިރުކޮޅެއް ކުރިން ބޭއްވި ނޫސްކޮންފަރެންސެއްގައި ވާހަކަދައްކަވަމުން އެމްޑީޕީގެ ސްޕޯކްސްޕާސަން އިމްތިޔާޒް ފަހުމީ ވިދާޅުވީ މާދަމާ ބާއްވާ މުޒާހަރާ އަކީ އާދަޔާ ޚިލާފް މުޒާހަރާއެއް ކަމަށާއި، މި މުޒާހަރާ މާލޭގެ އިތުރުން ރާއްޖޭގެ އެކި ކަންކޮޅުތަކުގައި އޮންނާނޭ ކަމަށެވެ.

އިންތި ވިދާޅުވީ މާދަމާގެ މުޒާހަރާ އަކީ ކޮމަންވެލްތުން ރާއްޖޭގައި އަވަސް އިންތިޚާބެއް ބޭއްވުމަށް ގޮވާލާފައިވީ ނަމަވެސް އެ ގޮވާލުމަށް ބާޣީ ސަރުކާރުން އިޖާބަދީފައި ނުވާތީ ބާޣީ ސަރުކާރަށް ކޮމަންވެލްތުގެ އަޑު އިއްވުމަށް ބާއްވާ ބޮޑު މުޒާހަރާއެއް ކަމަށް ވިދާޅުވިއެވެ. އަދި ކޮމަންވެލްތުގެ ގޮވާލުމަށް އިޖާބަނުދީފިނަމަ ރާއްޖެއާ މެދު ހަރުކަށި ފިޔަވަޅުއަޅަން ޖެހިދާނޭ ކަމަށް ކޮމަންވެލްތުން ބުނެފައިވާތީ ރާއްޖެ ފަދަ ގައުމަކާ މެދު އެފަދަ ފިޔަވަޅެއް އަޅައިފިނަމަ ރާއްޖެއަށް އޭގެ ނޭދެވޭ އަސަރު ވަރަށް ބޮޑަށް ކުރާނޭތީ، ބާޣީ ސަރުކާރުން ކޮމަންވެލްތުގެ ގޮވާލުމަށް އިޖާބަ ދިނުމަށް އިންތި ގޮވާލެއްވިއެވެ.

މީގެ އިތުރުން ބާޣީ ސަރުކާރު ދެމެހެއްޓުމުގެ ބޭނުމުގައި ކޮމަންވެލްތުގެ ގޮވާލުމަށް ބާޣީ ސަރުކާރުގެ އެކިފެންވަރުގެ ވެރިން ގޮންޖަހަމުންދާތީ އެކަމާ ކަންބޮޑުވެވަޑައިގަންނަވާ ކަމަށް ވެސް އިންތި ވިދާޅުވިއެވެ. އަދި އޭގެ ސަބަބުން ރާއްޖޭގެ އަގު ބާޣީ ސަރުކާރުގެ ސަބަބުން ވަރަށް ބޮޑަށް ވެއްޓިގެން ގޮސްފައިވާތީ އެކަމާ ހިތާމަކުރައްވާ ކަމަށް އިންތި ވިދާޅުވިއެވެ. މީގެ އިތުރުން ވެސް އެމްޑީޕީން ހިންގާ ހަރަކާތްތަކަށް ބާޣީ ސަރުކާރުން ކެނޑިނޭޅި ހުރަސްއަޅަމުންދާތީ އެކަން ވެސް އިންތި މިއަދު ފާހަގަކުރެއްވިއެވެ. އެގޮތުން އެމްޑީޕީގެ ޒުވާނުން ފޭސްބުކުގައި ހިންގާ ކުލަޔެލޯ ހުއްޓުވާލުމަށް ފުލުހުން މަސައްކަތްކޮށްފައިވާތީ އިންތި އެކަން ކުށްވެރިކުރެއްވިއެވެ.

މާދަމާ އެމްޑީޕީން ބާއްވާ ބޮޑު މުޒާހަރާ ފެށޭނީ ހަވީރު 4 ޖަހާއިރު އުސްފަސްގަނޑުންނެވެ. އަދި މާލޭގެ އިތުރުން ރާއްޖޭގެ އެކިކަންކޮޅުތަކުގައި މި މުޒާހަރާ މާދަމާ ކުރިޔަށްދާނެ އެވެ.

އެމްޑީޕީން ރާއްޖޭގެ ކަންކޮޅުތަކުގައި މާދަމާ ބޮޑު މުޒާހަރާއެއް ބޭއްވުމަށް ތައްޔާރުވަމުންދާއިރު، ފިޓްނަސް ހިނގާލުމުގެ ނަމުގައި މިއަދު ހަވީރު 4.15 ގައި އެމްޑީޕީގެ އޮފީސް ކުރިމަތިން އެމްޑީޕީގެ ހިނގާލުމެއް ފެށޭނެއެވެ. މި ހިނގާލުމަކީ އެމްޑީޕީގެ އެއްވުންތަކުގައި ހަރަކާތްތެރިވާ ޔުނިޓެއް ކަމަށްވާ “ޔެލޯފޯސް” އިން އިންތިޒާމްކޮށްގެން ބާއްވާ ހިނގާލުމެކެވެ.