އެމްޑީޕީގެ އަންހެނުންގެ ރޫހު އައްޑޫ ސިޓީ އަދި ފުވައްމުލަކަށް

އެމްޑީޕީގެ އަންހެނުންގެ ރޫހުގެ ފަރާތުން އައްޑޫ ސިޓީ އަދި ފުވައްމުލަކަށް ކުރާ ދަތުރެއްގައި މާދަމާ ފުރާނެއެވެ.

އެމްޑީޕީގެ އަންހެނުންގެ ރޫހުން އައްޑޫއަށް ކުރާ މިދަތުރުގައި އެ ރޫހުގެ ރައީސާ ޝިޔާމާ އަޙުމަދު އާއި ރާއްޖޭގެ އިންތިޚާބީ ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދުގެ ކެބިނެޓްގެ އެޑިއުކޭޝަން މިނިސްޓަރ ޝިފާ މުހައްމަދު ބައިވެރިވެވަޑައިގަންނަވާނެއެވެ .

މި ދަތުރުގައި އައްޑޫ ސިޓީ ގައި ވެސް އަދި ފުވައްމުލަކުގައި ވެސް އަންހެނުންނަށް ޚާއްސަކޮށްގެން ޖަލްސާ ބާއްވާ ގޮތަށް ވަނީ ހަމަޖެހިފައެވެ. އަދި އައްޑޫ ސިޓީ އާއި ފުވައްމުލަކުގައި ވެސް އަންހެނުންނަށް ޚާއްސަކޮށްގެން ބާއްވާ މައުލޫމާތު ބަދަލުކުރުމުގެ ސެޝަނެއް އޮންނާނެއެވެ. މި ސެޝަނުގައި އެމްޑީޕީއަށް ފޯމުފުރުމުގައި ދިމާވާ ދަތިތަކާއި، އަދި އައްޑޫސިޓީއާއި ފުވައްމުލަކުގެ އެމްޑީޕީ އަންހެނުންގެ ރޫހް އެކްޓިވް ކުރުމަށް ކުރެވިދާނޭ ކަންތައްތަކާއި ބެހޭ ގޮތުން މަޝްވަރާ ބަދަލުކުރެވޭނޭ ކަމަށް އެމްޑީޕީގެ އަންހެނުންގެ ރޫހުގެ ރައީސާ ޝިޔާމާ އަހުމަދު ވިދާޅުވިއެވެ.

މި ދަތުރަށްފަހު، އެމްޑީޕީގެ އަންހެނުންގެ ރޫހުގެ ޓީމް އެނބުރި މާލެ އައުމަށް ހަމަޖެހިފައިވަނީ މި މަހުގެ 22 ވާ އާދީއްތަ ދުވަހުއެވެ.