އަވަސް އިންތިޚާބުގެ ކެމްޕެއިން މާލޭގައި ދޮރުންދޮރަށް ކުރިޔަށް އެބަގެންދޭ – އެމްޑީޕީ
އަވަސް އިންތިޚާބަކަށް ގޮވާލާ ޑޯރޓުޑޯ ކެމްޕެއިން ރަސްމި ކޮށް ފެށުމުގެ ޙަފްލާ

އެމްޑީޕީ “އަވަސް އިންތިޚާބް” ކެމްޕެއިންގެ ދަށުން ހިންގާ ޙަރަކާތެއްގެ ގޮތުގައި މާލޭގައި ދޮރުން ދޮރަށް ހިނގުމުގެ ޕްރޮގްރާމް ކުރިއަށް ދާކަމަށް އެމްޑީޕީ ކެމްޕޭން ކޮމިޓީއާއި ޙަވާލާދީ އެމްޑީޕީ ގެ ސެކްރެޓޭރިއެޓް އިން މަޢުލޫމާތު ދީފިއެވެ.

މި ޕްރޮގްރާމްކުރިއަށްދަނީ ދާއިރާތަކުގެ އިސްނެގުމުގެ ދަށުން ކަމަށާއި މިހާރު ގިނަ ދާއިރާތަކުން ދޮރުންދޮރަށް ހިނގުމަށް ބޭނުންވާ މަޢުލޫމާތު ހިމެނޭ ފައިލްތަކާ ހަވާލުވެފައިވާކަމަށްވެސް ސެކްރެޓޭރިއެޓް އިން މަޢުލޫމާތު ދިނެވެ.

އިތުރަށް މަޢުލޫމާތު ދެމުން ސެކްރެޓޭރިއަޓްއިން ބުނީ މިޕްރޮގްރާމް ނިމުމުން މާލޭގައި ދިރިއުޅޭ ރައްޔިތުން ފެބްރުއަރީ 7 ގައި ގެނެވުނު ބަޤާވަތާ މެދު ދެކޭގޮތް ސާފުވާނެކަމަށާއި އަވަސް އިންތިޚާބަކަށް ބޭނުންވެފައިވާ މިންވަރުވެސް ހާމަ ވެގެންދާނެކަމަށެވެ. މި މަސައްކަތް މޭމަހުގެ ފުރަތަމަ ހަފްތާއަށް ނިންމުމަށް ހަމަޖެހިފައިވާއިރު މި ޕްރޮގްރާމް ދުވަހުން ދުވަހަށް މޮނިޓަރ ކުރުމުގެ މަސައްކަތް ކޮންމެ ދުވަހަކު އެމްޑީޕީގެ ކެމްޕެއިން އޮފީސް ރެޑްގްރާސްއިން ކުރިއަށްދާކަމަށް ވެސް ސެކްރެޓޭރިއެޓް އިން މަޢުލޫމާތު ދިނެވެ.

މިމަސައްކަތް މާލޭގައި ނިމުމުން ރާއްޖޭގެ ހުރިހާރަށެއްގައިވެސް ކުރިއަށްދާނެކަމަށް އެމްޑީޕީން ބުނެއެވެ.

އަވަސް އިންތިޚާބަކަށް ކެމްޕެއިން ކުރުމަށް ބާއްވާ ދޮރުންދޮރަށް ކެމްޕެއިން ފެށުމުގެ ރަސްމީ ހަފްލާ އޮތީ މާރޗް 25 ވަނަ ދުވަހުގެ ރޭ މާފަންނު ހުޅަނގު ދާއިރާގެ އެމްޑީޕީ އޮފީސް ކަމަށްވާ، މ. ކުޑަވެޔޮމަތީގޭގައެވެ. މި ކެމްޕެއިން ފައްޓަވައިދެއްވީ އެމްޑީޕީގެ އިސްލީޑަރު އަދި ރާއްޖޭގެ އިންތިޚާބީ ރައީސުލްޖުމްހޫރިއްޔާ މުހަންމަދު ނަޝީދެވެ.