ނޫސް ބަޔާން: ސީމެގްގެ ބަޔާނަށް އެމްޑީޕީން މަރުހަބާ ދެންނެވުން

16 އެޕްރިލް 2012 ވަނަ ދުވަހު އިނގިރޭސިވިލާތުގެ ލަންޑަންގައި ބޭއްވުނު ކޮމަންވެލްތު މިނިސްޓީރިއަލް އެކްޝަން ގްރޫޕްގެ (ސީމެގް) ބައްދަލުވުމުގައި އެގްރޫޕްގެ ނިންމުންތަކަށް މިޕާޓީން މަރުހަބާ ކިޔަމެވެ.

އެމް.ޑީ.ޕީން އަބަދުވެސް އެދެނީ ސީމެގްއިން ހުށައަޅާފައިވާ ފަދައިން ފެބްރުއަރީ 7 ގެ ބަޣާވާތުގެ ކަންތައްތައް ތަހުޤީގު ކުރުމަށް އެކުލަވަލެވިފައިވާ ކޮމިޝަން އަލުން އެކުލަވާލައި ތަހުޤީގުގެ ކަންތައް ކުރިއަށް ގެންދިއުމަށެވެ.

އެމް.ޑީ.ޕީން އެދެނީ ކުރިއަށް އޮތް ދެތިން ދުވަހުގެ ތެރޭގައި މިކަމަށް ގޮތެއް ނިންމަވާނެ ކަމަށެވެ. މިކޮމިޝަން އެކުލަވާލުމާ ގުޅޭގޮތުން ރައީސް ނަޝީދުގެ ފަރާތުން އެދިފައިވާ ކަންކަން މިހާރު ވާނީ ފުރިހަމަ ކުރެވިފައެވެ. ބައިނަލްއަޤްވާމީ ދުނިޔެއިން އެދެމުންދާ ކަންކަން ދިވެހިރާއްޖޭގެ ސަރުކާރު ހިންގުމާ ހަވާލުވެފައިވާ ފަރާތްތަކުން އިހްލާސްތެރިކަމާއެކީ އަމަލު ކުރަމުންދާނެކަމަށް މިޕާޓީން އުންމީދުކުރަމެވެ.

އަދި ހަމަމިފަދައިން ދިވެހިރާއްޖެއަށް މިހާރު ކުރިމަތިވެފައިމިވާ ސިޔާސީ ހަލަބޮލިކަން ހައްލުކުރުމަށް ބައިނަލްއަޤްވާމީ ފަރާތްތަކާ ބީރައްޓެހިކޮށް ވަކިވެގަންނަ ރޫހުގައި މަސައްކަތް ކުރުމަކީ ދިވެހި ރައްޔިތުންނަށް ލިބޭ ނިކަމެތި ކަމެއް ކަމުގައި މިޕާޓީން ޤަބޫލުކުރަމެވެ.


ބަޔާން ނެރުނީ: އެމްޑީޕީގެ ސްޕޯކްސްޕާސަން އިމްތިޔާޒް ފަހުމީ (އިންތި)