އިންކުއަރީ ކޮމިޝަން އަލުން އެކުލަވާނުލައިފިނަމަ ހަރުކަށި ފިޔަވަޅުއަޅަން ޖެހިދާނެ ކަމަށް ކޮމަންވެލްތުން ބުނެފި

ބަޣާވާތް ސަރުކާރުން އެކުލަވާލާފައިވާ އިންކުއަރީ ކޮމިޝަނަކީ ކޮމަންވެލްތު މިނިސްޓީރިއަލް އެކްޝަން ގުރޫޕް (ސީމެގް) އިން ގަބޫލުކުރާ ފަދަ މިނިވަން މުސްތަގިއްލު ކޮމިޝަނަކަށް ނުވާތީ އަލުން އެކޮމިޝަން އެކުލަވާލުމަށް ހަތަރު ހަފްތާގެ މުހުލަތެއް ސީމެގުން ބާޣީ ސަރުކާރަށް ދީފި އެވެ.

ލަންޑަނުގައި ބޭއްވި ސީމެގްގެ ބައްދަލުވުމަށްފަހު ނެރެފައިވާ ބަޔާނުގައި 4 ހަފްތާގެ މުހުލަތުގެ ތެރޭގައި ކޮމިޝަން އަލުން އެކުލަވާނުލައިފި ނަމަ ބާޣީ ސަރުކާރާއިމެދު ހަރުކަށި ފިޔަވަޅު އަޅަންޖެހިދާނޭ ކަމަށް ވެސް ބުނެފައިވެއެވެ.އަދި މިއަހަރު ނިމުމުގެ ކުރިން އަވަސް ރިޔާސީ އިންތިޚާބެއް ބާއްވަން ޖެހޭނޭ ކަމަށް ގަބޫލުކުރާ ކަމަށް ސީމެގުން ބުނާ ބުނުން މިފަހަރުވެސް ތަކުރާރުކުރެއްވިއެވެ.

“ފެބްރުއަރީ ހަތް ވަނަ ދުވަހު ރާއްޖޭގެ ވެރިކަން ބަދަލުވުމަށް މަގުފަހިވި ކަންތައްތައް ތަހުގީގު ކުރުމަށް އުފައްދާފައިވާ ނެޝަނަލް އިންކްއަރީ ކޮމިޝަނަކީ ވަކި ފަރާތަކަށް ނުޖެހޭ މިނިވަން ކޮމިޝަނެއް ނޫން ކަމަށާއި އެ ކޮމިޝަނަށް ރާއްޖޭން އެކަށީގެންވާ އެއްބާރުލުން ހޯދުމުގައި ފޭލްވެފައިވާ ކަމަށް ގްރޫޕުން (ސީމެގް) އިން ދެކެއެވެ.” ސީމެގް ގެ އިއްޔެގެ ބައްދަލުވުމަށް ފަހު ނެރުނު ބަޔާނުގައި ވެއެވެ.

ބަޣާވާތަށް 2 މަސް ފުރިފައިވާ އިރު މިހާތަނަށް ވެސް ސިޔާސީ ގޮތުން އެއްބަސްވުމަކަށް އާދެވިފައި ނުވާކަން ފާހަގަކޮށް، މަޑުޖެހިފައިވާ ޕާޓީތަކުގެ ވާހަކަތައް ކުރިއަށް ގެންދިއުމަށާއި، ރައްޔިތުންގެ މަޖިލީހުގެ ގާބިލްކަން އިތުރު ކުރުމަށާއި، އިންކުއަރީ ކޮމިޝަންގެ މަސައްކަތަށް އެހީވުމަށް ކޮމަންވެލްތުން ހުށަހެޅި ހުށަހެޅުމަށް އިތުރަށް ވިސްނުމަށް ވެސް އެ ބަޔާނުގައި އެދިފައިވެ އެވެ.

ސީމެގްގެ އިއްޔެގެ ބައްދަލުވުމުގައި ރާއްޖޭގެ އިންތިޚާބީ ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދުގެ ފަރާތްޕުޅުން ޑރ.ފަރަހަނާޒް ފައިސަލް އާއި ބާޣީ ސަރުކާރުގެ ފަރާތުން އާޒިމާ ޝުކޫރު ބައިވެރިވެވަޑައިގެންނެވިއެވެ. އާޒިމާ މި ބައްދަލުވުމަށް ވަޑައިގެންފައިވަނީ އެއްގަޑިއިރު ފަހުން ކަމަށް އެމްޑީޕީ ވެބްސައިޓަށް ވަނީ މައުލޫމާތު ލިބިފައެވެ.