ރައީސް ނަޝީދު އިންޑިއާއަށް ވަޑައިގަންނަވަނީ

ރާއްޖޭގެ އިންތިޚާބީ ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދު މާދަމާ އިންޑިއާއަށް ފުރާވަޑައިގަންނަވާނެއެވެ.

ރައީސް ނަޝީދު އިންޑިއާއަށް ކުރައްވާ މި ދަތުރުފުޅުގައި އިންޑިއާގެ ސިޔާސީ އިސް ފަރާތްތަކާއި، އެ ގައުމުގެ ނޫސްވެރިންނާ ބައްދަލުކުރައްވައި، ރާއްޖެއަށް 7 ފެބްރުއަރީ 2012 ވަނަ ދުވަހު ގެނެސްފައިވާ ބަޣާވާތާއި ބެހޭ މައުލޫމާތު ދެއްވާނެއެވެ. އަދި ރާއްޖޭގެ ސިޔާސީ މަސްރަހާ ބެހޭ މައުލޫމާތު އިންޑިޔާގެ ސިޔާސީ އިސް ފަރާތްތަކަށް ރައީސް ނަޝީދު ދެއްވާނެއެވެ. އަދި ސިޔާސީ މަސްރަޙް ފިނިކުރުމަށް ކުރެވިދާނޭ ކަންތައް ތަކާއި ބެހޭ ގޮތުން ވެސް ރައީސް ނަޝީދުގެ މި ދަތުރުފުޅުގައި އިންޑިއާއާ އެކު މަޝްވަރާކުރައްވާނެ އެވެ.

ރައީސް ނަޝީދުގެ މި ދަތުރުފުޅުގައި އެމްޑީޕީގެ ޗެއަރޕާސަން މޫސާ މަނިކާއި، އެމްޑީޕީގެ ކުރީގެ ނައިބު ރައީސް އަދި ރައީސް ނަޝީދުގެ ސްޕެޝަލް އެންވޯއީ އިބްރާހީމް ހުސައިން ޒަކީގެ އިތުރުން އެމްޑީޕީ ޕާލަމެންޓްރީ ގްރޫޕްގެ ރައީސް އިބްރާހީމް މުޙައްމަދު ޞޯލިޙް ވެސް ބައިވެރިވެވަޑައިގަންނަވާނެއެވެ.