އެމްޑީޕީއަކީ އެންމެ ވަރުގަދަ ސިޔާސީ ޕާޓީކަން އިއްޔެގެ އިންތިޚާބުން ވެސް އެނގިގެން ހިނގައްޖެ ކަމަށް އެމްޑީޕީގެ ސްޕޯކްސްޕާސަން އިމްތިޔާޒް ފަހުމީ (އިންތި) ވިދާޅުވެއްޖެ އެވެ.
އެމްޑީޕީ އޮފީހުގައި މިއަދު ބޭއްވި ނޫސް ކޮންފަރެންސެއްގައި އިންތި ވިދާޅުވީ އެމްޑީޕީން އިއްޔެގެ އިންތިޚާބުގައި ކާމިޔާބުތަކެއް ހޯދާފައިވާ ކަމަށާއި، އަދި ކާށިދޫ ދާއިރާގައި އެމްޑީޕީގެ ސަޕޯޓް ވަރަށް ބޮޑަށް އިތުރުވެގެން ގޮސްފައިވާކަމަށް އިންތި ވިދާޅުވިއެވެ. އެގޮތުން ރިޔާސީ އިންތިޚާބުގައި 7 ޕަސެންޓް ލިބުނު އިރު، ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި 20 ޕަސެންޓް އަދި އިއްޔެގެ އިންތިޚާބުގައި 40 ޕަސެންޓަށް ވުރެ މަތިން ލިބިފައިވުމީ އެދާއިރާގައި އެމްޑީޕީގެ ސަޕޯޓް އިތުރުވަމުންދާ ކަމުގެ ހެއްކެއް ކަމަށް އިންތި ވިދާޅުވިއެވެ.
މީގެ އިތުރުން އެމްޑީޕީން އިއްޔެ ވާދަކުރީ އިއްތިހާދުގެ ހުރިހާ ޕާޓީއަކާއި، ދިފާއީ ބާރުތަކާއި، ބައެއް މަހުޖަނުންނާއި ކަމަށާއި، އެހެން ނަމަވެސް އެމްޑީޕީއާ ވާދަކުރުމަށް ފަސްޖެހި ކާށިދޫ ދާއިރާއަށް ޕީޕީއެމްގެ ޓިކެޓްގައި ކުރިމަތިލެއްވި ވައްޑެ އެއްފަރާތްކޮށް، ޖުމްހޫރީ ޕާޓީގެ ކެންޑިޑޭޓަށް ޕީޕީއެމުން ތާޢީދުކުރީ އެއް ޕާޓީއަކުން ނިކުމެ އެމްޑީޕީ ބަލި ނުކުރެވޭނޭ ކަން އެމްޑީޕީއާއި އިދިކޮޅު ފަރާތްތަކަށް ގަބޫލުކުރެވޭތީ ކަމަށް ވިދާޅުވެ، ވައްޑެ އަށް ތާޢީދު ނުކޮށް ޖުމްހޫރީ ޕާޓީގެ ޖާބިރަށް ޕީޕީއެމުން ތާޢީދުކުރުމަކީ ވަރަށް “ލަދުވެތި ހުތުރު” އަމަލެއްގެ ގޮތުގައި އިންތި ފާހަގަކުރެއްވިއެވެ.
މި ނޫސް ކޮންފަރެންސްގައި އިންތި އިތުރަށް ވިދާޅުވީ ގުރައިދޫގައި އެމްޑީޕީގެ ސަޕޯޓަރުން ހައްޔަރުކޮށް ބިރުދައްކައިގެން ޕީޕީއެމަށް އިންތިޚާބު ކާމިޔާބު ކުރެވިފައިވީ ނަމަވެސް އެމްޑީޕީން އިންތިޚާބުގެ ނަތީޖާ ގަބޫލުކުރާނޭ ކަމަށެވެ. އަދި ބަޣާވާތަކުން ސަރުކާރު ބަދަލުކުރި ފަހުން ސަރުކާރު ހިނގަމުންދާ ދޯހަޅިކަން ވެސް އިންތި ފާހަގަކުރެއްވިއެވެ. އެގޮތުން އާސަންދަ ހުއްޓާލަން އުޅުމާއި، އިރުއިރުކޮޅުން ކަރަންޓް ކަނޑައިގެން ދިއުން ފަދަ މައްސަލަތައް އިންތި ފާހަގަކުރެއްވިއެވެ.