ރައީސް ނަޝީދު ތ.އަތޮޅަށް ފުރާވަޑައިގެންފި

ރާއްޖޭގެ އިންތިޚާބީ ރައީސުލް ޖުމްހޫރިއްޔާ މުޙަންމަދު ނަޝީދު ތ.އަތޮޅަށް ކުރައްވާ ދަތުރުފުޅެއްގައި މިއަދު ހެނދުނު ފުރާވަޑައިގެންފިއެވެ.

އެމަނިކުފާނުގެ މި ދަތުރުފުޅަކީ ރައްޔިތުންގެ މަޖިލީހުގެ ތިމަރަފުށީ ދާއިރާގެ ބައި އިލެކްޝަންގައި އެމްޑީޕީގެ ފަރާތުން ވާދަކުރައްވާ މުޙަންމަދު މުސްތަފާއަށް ތާޢީދު ހޯއްދެވުމަށް ކުރައްވާ ދަތުރުފުޅެކެވެ. މި ދަތުރުފުޅުގައި އެމަނިކުފާނު މިއަދު ހެނދުނު އެ އަތޮޅު ގުރައިދޫއަށް ވަޑައިގެންނެވިއެވެ. އަދި މިއަދު ހަވީރު ގާދިއްފުއްޓަށް ވަޑައިގަތުމަށް ފަހު މިރޭ، ތިމަރަފުއްޓަށް ވަޑައިގަންނަވާނެއެވެ.

އެމަނިކުފާނުގެ މި ދަތުރުފުޅުގައި މާފަންނު ދެކުނު ދާއިރާގެ މެންބަރު އިބްރާހީމް ރަޝީދު (ބޮންޑަ) އާއި، ތިނަދޫ ދާއިރާގެ މެންބަރު އަދި އެމްޑީޕީ ޕާލަމެންޓްރީ ގްރޫޕްގެ އަމީން އާންމުގެ ނައިބު މުޙައްމަދު ގަސަމް އާއި، މަނަދޫ ދާއިރާގެ މެންބަރު މުޙަންމަދު ޠޯރިގް އާއި، ބާރަށު ދާއިރާގެ މެންބަރު އަދި އެމްޑީޕީ ޕާލަމެންޓްރީ ގްރޫޕްގެ ވިޕް މުޙަންމަދު ޝިފާޒް އާއި، މައްޗަންގޮޅި އުތުރު ދާއިރާގެ މެންބަރު މާރިޔާ އަޙުމަދު ދީދީ ވެސް ބައިވެރިވެވަޑައިގަންނަވައެވެ.