އެމްޑީޕީގެ ތެރޭގައި އެއްވެސް ފަރާތެއްގެ ނުފޫޒެއް ނެތް – މޫސަ

ދިވެހިރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) ގެ އެތެރޭގެ މައްސަލަ އުޅޭ ކަމަށް ބައެއް މީޑިއާތަކުން ފަތުރާފައިވާ ޚަބަރުތައް ކުށްވެރިކުރާ ކަމަށާއި، އެމްޑީޕީގެ ތެރޭގައި އެއްވެސް ނުފޫޒެއް ނެތް ކަމަށް އެ ޕާޓީގެ ޗެއަރޕާސަން (ރީކޯ) މޫސާ މަނިކު ވިދާޅުވެއްޖެއެވެ..

ދެ ހަފްތާއެއްހާ ދުވަސް ވަންދެން ރާއްޖެއިން ބޭރުގައި އުޅުއްވުމަށްފަހު، މާލެ ވަޑައިގެން މިއަދު އެމްޑީޕީ ވެބްސައިޓަށް މައުލޫމާތު ދެއްވަމުން މޫސަ ވިދާޅުވީ އެމްޑީޕީގެ އެތެރޭގެ މައްސަލަ އުޅޭކަން ދެއްކުމަށް މީޑިއާތަކުން މިދުވަސްވަރު ފަތުރަމުންދާ ޚަބަރުތައް ކުށްވެރިކުރާ ކަމަށެވެ. އަދި އެ ޕާޓީގެ ތެރޭގައި އެއް ވެސް ފަރާތެއްގެ ނުފޫޒެއް އޮތް ކަމަށް ވާނަމަ، އެ ނުފޫޒަކީ ޕާޓީގެ އާންމު މެންބަރުންގެ ނުފޫޒު ކަމަށާއި، އެމްޑީޕީ ހިންގަނީ އެ ޕާޓީގެ އާންމު މެންބަރުންގެ ވިންދާ އެއް ގޮތަށް ކަމަށެވެ.

” އެމްޑީޕީ އަކީ ރާއްޖޭގައި އޮތް އެންމެ ޑިމޮކްރެޓިކް ޕާޓީ. އިންޓަރނަލް ޑިމޮކްރަސީ އެންމެ ރަގަޅަށް ހިނގާ ޕާޓީ. އެންމެ ގިނަ ރައްޔިތުން ތަމްސީލްކުރާ، އެންމެ ގިނަ ބަޔަކު ތާޢީދުކުރާ ޕާޓީ. މި ޕާޓީ ހިނގަމުން މިދަނީ މިދެންނެވި އާންމު މެންބަރުންގެ ވިންދާ އެއް ގޮތަށް. ފަހަރެއްގައި ވެސް މި ޕާޓީ ބައި ބައެއް ނުކުރެވޭނެ. ޕާޓީ ބައިކުރަން ބަޔަކު އުޅެންޏާ އެބަޔަކު ނިކަމެތިވާނީ. އެއީ މިހާތަނަށް ކަން ހިނގާފައި ހުރި ގޮތް. އަދި ޕާޓީ ބައިކުރާކަށް ބަޔަކު އުޅޭ ކަމަކަށް ވެސް އަޅުގަނޑު ގަބޫލެއް ނުކުރަން.” މޫސަ ވިދާޅުވިއެވެ.

މޫސަ އިތުރަށް ވިދާޅުވީ އެމްޑީޕީގެ އަސާސީ ގަވައިދުގައި، އެޕާޓީ ވެރިކަމުގައި ނޯންނައިރު، ހިޔަނި ކެބިނެޓެއް އޮންނަން ޖެހޭނޭ ކަމަށް ބަޔާންކޮށްފައި ވަނީ ބަރުލަމާނީ ނިޒާމަށް ވިސްނައިގެން އެ އަސާސީ ގަވައިދު ބައްޓަންކޮށްފައި އޮތް އިރު ކަމަށާއި، އެހެން ނަމަވެސް ރިޔާސީ ނިޒާމަކަށް ރާއްޖޭގެ ރައްޔިތުން ތާއީދުކުރުމުން، އެންމެ ފަހުން ބޭއްވި އެ ޕާޓީގެ ކޮންގްރެސް ގައި، އަސާސީ ގަވައިދަށް ބައެއް ކުދިކުދި އިސްލާޙް ގެނައި އިރު، އެ އިސްލާހްތަކުގައި ފުށުއެރުންތަކެއް ހުރުމުގެ ސަބަބުން ބަނޑޮސް އައިލެންޑް ރިސޯޓްގައި ބޭއްވި އެމްޑީޕީގެ ގައުމީ މަޖިލީހުގެ ޖަލްސާގައި، އެ ފުށުއެރުންތައް ހައްލުކުރުމަށް 3 މެންބަރުންގެ ކޮމިޓީއެއް އެކުލަވާލާފައިވާ ކަމަށް ވިދާޅުވިއެވެ. އަދި އެ ކޮމިޓީގެ ރިޕޯޓް ގައުމީ މަޖިލީހަށް ހުށަހެޅުމާ ހަމައަށް ގޮސްފައިވާއިރު، އެ ރިޕޯޓްގައި ރިޔާސީ ބަޔާނަކަށް ފެތޭ ގޮތަށް ހުރިހާ ފުށުއެރުންތަކެއް އިސްލާޙްވެފައި ހުންނާނޭ ކަމަށް އުއްމީދުކުރައްވާ ކަމަށް ވެސް މޫސަ ވިދާޅުވިއެވެ.

” ޝެޑޯ ކެބިނެޓެއް އައްޔަންކުރަން އެމްޑީޕީގެ އަސާސީ ގަވައިދު ތަންދިން ނަމަވެސް، ގައުމު މިހާރު މިއޮތް ހާލަތަށް ބަލާއިރު، އެމްޑީޕީގެ ވެރިކަން ނިމުމަކަށް އައިސްފައިވާ ކަމަކަށް ބުއްދީގެ ހަތަކުން ދިވެހިރައްޔިތުން ގަބޫލެއް ނުކުރޭ. އެހެން ވީމާ ކޮން ޝެޑޯ ކެބިނެޓެއްތޯ އެމްޑީޕީން އައްޔަންކުރެއްވީ. އަޅުގަނޑަށް ޔަގީން އެމްޑީޕީގެ ރައީސް މި ޕާޓީގެ އަސާސީ ގަވައިދާ ހިލާފްކަމެއް ނުކުރައްވާނެ. އަދި މިހާތަނަށް ވެސް ޕާޓީގެ ރައީސް ނެތް އެފަދަ ކެބިނެޓެއް އެކުލަވާލުމަށް އިދާރީ އެރޭންޖްމެންޓަކަށް އެދިފައެއް. އެމްޑީޕީގެ އާންމު މެންބަރުންގެ ފިކުރާ ހިލާފްކަމެއް ޕާޓީގެ ރައީސް ނުކުރައްވާނެ،” މޫސަ ވިދާޅުވިއެވެ.

އެމްޑީޕީގެ އިސްލީޑަރުގެ ގޮތުގައި ރައީސް ނަޝީދު ހުންނަވާތީ ބައެއް މީޑިއާތަކުން އެކަމަށް ކިޔާ ފާޑުކިޔުންތަކަށް ވެސް މޫސަ ރައްދުދެއްވިއެވެ. އެ ގޮތުން އެމްޑީޕީގެ އިސްލީޑަރުގެ ގޮތުގައި ރައީސް ނަޝީދު ހުންނަވަނީ ޕާޓީގެ އަސާސީ ގަވައިދާ އެއް ގޮތަށް ކަމަށް މޫސަ ވިދާޅުވިއެވެ.

7 ފެބްރުއަރީގައި ބަޣާވާތަކުން ރާއްޖޭގެ އިންތިޚާބީ ރައީސުލް ޖުމްހޫރިއްޔާ މުޙަންމަދު ނަޝީދުގެ ބާރުތައް އިދިކޮޅު ސިޔާސީ ފަރާތްތަކުން ފޭރިގަތުމަށްފަހު، ޖެހިގެން އައި 8 ފެބްރުއަރީގައި ބޭއްވި އެމްޑީޕީގެ ގައުމީ މަޖިލީހުގެ 100 ވަނަ ބައްދަލުވުމުގައި އެ ޕާޓީގެ ގައުމީ މަޖިލީހުގެ ގަރާރަކުން، ރައީސް ކަމުން ދުރުކުރެވިފައިވީ ނަމަވެސް އެމްޑީޕީގެ އެންމެ އިސްވެރިޔާއަކީ ރައީސް ނަޝީދު ކަމަށާއި، އެމަނިކުފާނުގެ ކެބިނެޓްގެ މެންބަރުން ވެސް ގައުމީ މަޖިލީހުގެ މެންބަރުންގެ ގޮތުގައި 2013 އާ ހަމައަށް ތިއްބަވާނޭ ކަމަށް ވަނީ ކަނޑައަޅާފައެވެ. އިއްތިފާގުން ފާސްވި މި ގަރާރު ހުށަހެޅުއްވީ އެމްޑީޕީގެ ނައިބު ރައީސް އަލްހާން ފަހުމީ އެވެ. މި ގަރާރަށް ތާޢީދުކުރެއްވީ އެޕާޓީގެ ޗެއަރޕާސަން މޫސާ މަނިކެވެ.

“އެމްޑީޕީގެ ހިންޤާ ޤަވާއިދުގެ 75 ވަނަ މާއްދާގެ (ހ)ގައި ޕާރޓީ ވެރިކަމުގައި އޮންނައިރު އެއިރެއްގައި ހުރި ރައީސުލްޖުމްހޫރިއްޔާއަކީ ޕާރޓީގެ އެންމެ އިސްވެރިޔާ ކަމުގައި ބަޔާންކޮށްފައިވީހިނދު، ފުލުހުން ބައިވެރިކޮށްގެން ޢައިރު ޤާނޫނީ ހަރަކާތް ހިންގައިގެން ބަޔަކު މީހުން ވެރިކަން ބަދަލުކުރިކަމުގައިވިޔަސް، ޤަވާއިދުގައިވާ ގޮތުގެ މަތިން ދިވެހިރާއްޖޭގެ ރައްޔިތުންގެ އަޢްލަބިއްޔަތުން އިންތިޚާބުކުރެވިފައިވާ ރައީސުލްޖުމްހޫރިއްޔާއަކީ އެމް.ޑީ.ޕީގެ އެންމެ އިސްވެރިޔާކަމުގައި އޮންނަ އޮތުން އެމްޑީޕީން ޤަބޫލުކުރާހިނދު، ރައީސް ނަޝީދަކީ އެމްޑީޕީގެ ޤަވާއިދުގައިވާ ގޮތުގެ މަތިން ޕާރޓީގެ އެންމެ އިސްވެރިޔާއެވެ. އަދި ޕާރޓީގެ ޤަވާއިދުގެ 31ވަނަ މާއްދާގެ (ށ)ގައި ރައީސުލްޖުމްހޫރިއްޔާއާއި ކެބިނެޓްގެ ޕާރޓީއަށް ނިސްބަތްވާ މެންބަރުންނަކީ ޤައުމީ މަޖިލީހުގެ މެންބަރުން ކަމުގައި ބަޔާންކޮށްފައިވުމާއިއެކު، ކުރިން ދެންނެވުނުގޮތަށް ބައާވަތްކޮށްގެން ޤާނޫނީގޮތުން އުފެދިފައިވާ ސަރުކާރު ވައްޓާލިއިރު ރައީސުލްޖުމްހޫރިއްޔާ އައްޔަންކޮށްފައިވާ ކެބިނެޓްގައި ހިމެނޭ އެމްޑީޕީ މެންބަރުންނަކީ ރައީސުލްޖުމްހޫރިއްޔާއާއި އެކު 2013ވަނަ އަހަރާ ހަމަޔަށް ޤައުމީ މަޖުލީހުގެ މެންބަރުންކަމުގައި މިޕާރޓީގެ ޤައުމީ މަޖިލީހުން އިގުރާރުވަމެވެ.” އަލްހާންގެ ގަރާރުގައި ވެއެވެ.