އެމްޑީޕީގެ އިސް ފަރާތްތަކަށް އަމާޒުކޮށް ދެމުންގެންދާ ލާއިންސާނީ ހަމަލަތައް ކުށްވެރިކޮށް އެމްޑީޕީން ނެރޭ ނޫސް ބަޔާން

މި ޕާޓީއާއި އިދިކޮޅަށް މަސައްކަތް ކުރަމުންދާ ސިޔާސީ ފަރާތްތަކުގެ ރޭވުމުގެ ދަށުން އެމްޑީޕީގެ އިސް ފަރާތްތަކަށް އަމާޒުކޮށް ދެމުންގެންދާ ޑިމޮކްރަސީއާއި ބީރައްޓެހި، ނާތަހުޒީބު، އަނިޔާވެރި، ލާއިންސާނީ ހަމަލަތައް މި ޕާޓީން އެންމެ ހަރުކަށި އިބާރާތުން ކުށްވެރި ކުރަމެވެ.

އެ ގޮތުން މި ޕާޓީގެ އިސް 3 މެންބަރުން ކަމަށްވާ އަދި ރައީސް ނަޝީދުގެ ކެބިނެޓްގެ 3 ވަޒީރުން ކަމަށްވާ ހޯމް މިނިސްޓަރ ޙަސަން އަފީފަށާއި، ޔޫތު މިނިސްޓަރ ޙަސަން ލަތީފް އަށާއި، އަދި ފިނޭންސް މިނިސްޓަރ މުޙައްމަދު ޝިހާބަށް އިދިކޮޅު ފަރާތްތަކުގެ ރޭވުމުގެ ދަށުން ދީފައިވާ ހަމަލަތަކަކީ ދުރާލައި ރާވައިގެން ހިންގާފައިވާ ރަހުމްކުޑަ، އަނިޔާވެރި، ފިނޑި އަމަލުތަކެކެވެ. އަދި މި ކަންތައްތަކަކީ މި ޕާޓީއަށް އަބަދުވެސް އަމާޒުވާ ކަންތައްތެކެވެ.

ރާއްޖެއިން މިފަދަ ނާތަހުޒީބު ފިނޑި އަމަލުތައް ތަކުރާރުކޮށް ފެނުމަކީ މި ޕާޓީން ނުހަނު ލަދުވެތިވެ، ކަންބޮޑުވުން ފާޅުކުރާ ކަމެކެވެ. އަދި މިއީ ޅަފަތުގައި އޮތް ޑިމޮކްރަސީއަށް ނުހަނު ބޮޑު ގެއްލުމަކާއި ކުރިމަތިވެދާނޭ ކަމެއް ކަމަށް ވެސް މި ޕާޓީން ދެކެމެވެ. އެހެންކަމުން މިފަދަ ހަރުކަށި އަމަލުތައް ރާވައި ހިންގައި، އެފަދަ އަމަލުތަކަށް ފާޅުގައި ހިއްވަރުދޭ ފަރާތްތަކާއި، އެ ޢަމަލުތައް ހިންގަމުން ގެންދާ ފަރާތްތައް ހިފައި، ހައްޔަރުކޮށް ގާނޫނުގައި ކަނޑައެޅިފައިވާ ހަރުކަށި އަދަބު ދިނުމަށް ކަމާއިބެހޭ އެންމެހާ ފަރާތްތަކަށް މި ޕާޓީން ގޮވާލަމެވެ.

މި ފަދަ ޢަމަލުތައް، ކިތަންމެ ވަރަކަށް ތަކުރާރުކުރަމުން ގެންދިޔަ ނަމަވެސް ރާއްޖޭގައި ޒަމާނީ ޑިމޮކްރަސީއެއް ގާއިމްކޮށް، ފައްކާކުރުމަށް އެމްޑީޕީގެ ލޮބުވެތި މެންބަރުން ފަށާފައިވާ ބުރަ މަސައްކަތަށް، ކުޑަވެސް ލޮޅުމެއް، މަޑުޖެހުމެއް ނާންނާނޭ ކަމުގެ ފުރިހަމަ ޔަގީންކަން މި ޕާޓީގެ މެންބަރުންނަށާއި، ދިވެހި އެންމެހާ ލޮބުވެތިރައްޔިތުންނަށް އަރުވަމެވެ.

ބަޔާން ނެރުނީ: އެމްޑީޕީ ސެކްރެޓޭރިއަޓް