އަބްދުﷲ ގާޒީ ސިފައިންގެ ބެލުމުގެ ދަށަށް ގެންދިޔައީ އަބްދުﷲ ޤާޒީއަކީ ގައުމީ ސަލާމަތަށް ހުރި ނުރައްކަލެއްކަމަށް ފުލުހުން އެންގުމުން ކަމަށް އަފީފް ވިދާޅުވެއްޖެ

ސުލޫކީ މައްސަލަ ހުރިކަން ސާބިތުވެ، އަބްދުﷲ ގާޒީ ސިފައިންގެ ބެލުމުގެ ދަށަށް ގެންދިޔައީ އަބްދުﷲ ޤާޒީއަކީ ގައުމީ ސަލާމަތަށް ހުރި ނުރައްކަލެއްކަމަށް ފުލުހުން އެންގުމުން ކަމަށް ރާއްޖޭގެ އިންތިޚާބީ ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދުގެ ކެބިނެޓްގެ ހޯމް މިނިސްޓަރ ހަސަން އަފީފް ވިދާޅުވެއްޖެއެވެ.

ޢަބްދުﷲ ގާޒީ އެކަހެރިކުރި މައްސަލައިގައި ހިއުމަންރައިޓްސް ކޮމިޝަނަށް ހާޒިރުވެވަޑައިގެންނެވުމަށް ފަހު މީޑިއާއަށް މައުލޫމާތު ދެއްވަމުން އަފީފް ވިދާޅުވީ ހިއުމަން ރައިޓްސް ކޮމިޝަނުން އެމަނިކުފާނާ ވަރަށް ގިނަ ސުވާލުކުރިކަމަށާއި، އެހެން ނަމަވެސް އަބްދުﷲ ޤާޒީއާ މެދު ފިޔަވަޅު އަޅައިދިނުމަށް ޑިފެންސް މިނިސްޓްރީއަށް އެންގީ އޭނާގެ ސަބަބުން ގައުމީ ސަލާމަތަށް ނުރައްކާވާކަމަށް ފުލުހުން އެންގުމުންކަމަށް ވިދާޅުވިކަމަށެވެ.

މި މައްސަލައިގައި ރައީސް ނަޝީދުގެ އިތުރުން އެމަނިކުފާނުގެ ކެބިނެޓްގެ ޑިފެންސް މިނިސްޓަރ ތޮލްހަތު އިބްރާހީމް ކަލޭފާނު ވެސް ހިއުމަންރައިޓްސް ކޮމިޝަނަށް ހާޒިރުކޮށްފައި ވާއިރު، އެތައް ބައެއްގެ ހައްގު ނިގުޅައިގަތުމަށްފަހު 7 ފެބްރުއަރީ ގައި ރާއްޖެއަށް ބަޣާވާތް ގެނައި އެއްވެސް ފަރާތެއް މިހާތަނަށް އެ ކޮމިޝަނަށް ހާޒިރުކޮށްފައި ނުވާތީ ގިނަ ބަޔަކުދަނީ ހިއުމަންރައިޓްސް ކޮމިޝަނުގެ މުސްތަގިއްލު ކަމާމެދު ސުވާލު އުފައްދައި ކަންބޮޑުވުން ފާޅުކުރަމުންނެވެ.