އެމްޑީޕީން ލަވައާއި ޅެންބަހުން ޝުއޫރުފާޅުކޮށްފި

ދިވެހި ރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) ން ލަވައާއި ޅެންބަހުން އެ ޕާޓީގެ މެންބަރުންގެ ޝުއޫރުފާޅުކުރުމުގެ ހަރަކާތެއް މިއަދު ކުރިޔަށް ގެންގޮސްފިއެވެ.

އެމްޑީޕީގެ ސިޔާސީ ހަރަކާތްތަކަށް 3 މަސް ދުވަހުގެ މުއްދަތަށް މާލެ ސިޓީ ކައުންސިލުން ދޫކޮށްފައިވާ އުސްފަސްގަނޑުގައި މިއަދު ހަވީރު ބޭއްވި މި ހަރަކާތުގައި ވަރަށް ގިނަ އަދަދެއްގެ ބަޔަކު ވަނީ ރާއްޖޭގެ މިހާރުގެ ސިޔާސީ މަސްރަޙާ ބެހޭ ގޮތުން އެ މީހުންގެ ޝުއޫރު ޅެންބަހުރުވައިން ހާމަކޮށްފައެވެ. އޭގެ ތެރޭގައި ފިރިހެނުންނާއި ގިނަ ޢަދަދެއްގެ އަންހެނުން ވެސް ހިމެނެއެވެ.

އެމްޑީޕީ އަންހެނުންގެ ރޫޙުން އިންތިޒާމްކޮށްގެން ހިންގި މި ހަރަކާތުގައި މައިގަނޑު ގޮތެއްގައި ގޮވާލާފައިވަނީ އަވަސް އިންތިޚާބެއް ބޭއްވުމަށެވެ. އޭގެ އިތުރުން ބާޣީ ރައީސް ވަހީދު ވެރިކަމުން ފޭބުމަށް ގޮވާލައި ބާޣީ ސަރުކާރަށް ވަރަށް ބޮޑަށް ފާޑުކިޔާފައިވާ ޅެންތައް ވެސް ހުށަހެޅިއެވެ.

ރާއްޖެއަށް ޑިމޮކްރަސީ ތަޢާރަފްކުރި، އަދި ފަހުގެ ތާރީޚެއްގައި އުފެއްދި އެންމެ ފުރަތަމަ ސިޔާސީ ޕާޓީކަމުގައިވާ އެމްޑީޕީން ދަނީ މިއަދު މި ބޭއްވި އާ ހަރަކާތް ފަދަ ސިޔާސީ ގޮތުން ވަރަށް ތަފާތު ހަރަކާތްތަކެއް ބާއްވަމުން ނެވެ.