ނޫސް ބަޔާން: އެމްޑީޕީގެ ތަޢުލީމާއި ބެހޭ ކޮމިޓީގެ ނޫސް ބަޔާން

މިނިސްޓްރީ އޮފް އެޑިޔުކޭޝަންގެ ދަށުން ހިނގަމުންދާ ދިވެހިރާއްޖޭގެ ތަޢުލީމު ކުރިއަރުވާ މަރުކަޒުން 14 މާރޗް 2012 ވަނަ ދުވަހު ރާއްޖޭގެ ސްކޫލްތަކަށް ފޮނުއްވި އީމެއިލްއަކުން ތިރީގައި މިވާ ޢިބާރާތް، ގްރޭޑް 7 ގެ ސޯޝަލް ސްޓަޑީޒް ފޮތުގެ ޔުނިޓް 4، ސޮފްޙާ 47 ށް އިތުރުކުރުމަށް އަންގަވާފައި ވެއެވެ:

“ތިން އަހަރާއި ދެމަހެއްހާ ދުވަހުގެ މުއްދަތަކަށް ދިވެހިރާއްޖޭގެ ވެރިކަން ކުރެއްވުމަށްފަހު ރައީސް ނަޝީދު ވަނީ 7 ފެބްރުވަރީ 2012 ވަނަ ދުވަހު މަޤާމުން އިސްތިޣުފާ ދެއްވާފައެވެ. އެހެންކަމުން، ދިވެހިރާއްޖޭގެ ޤާނޫނުއަސާސީގައި ވާފަދައިން، ނާއިބު ރައީސް ޑރ. މުޙަންމަދު ވަޙީދު ޙަސަން މަނިކު ވަނީ ދިވެހިރާއްޖޭގެ ރައީސުކަމަށް ހަމަޖެހިފައެވެ.”

ރައީސް ނަޝީދު މަޤާމުން އިސްތީޢުފާ ދެއްވީ އަމިއްލަ އިޚުތިޔާރުގައި ނޫންކަމަށާއި ސަރުކާރާ އިދިކޮޅު ފަރާތްތަކެއް ދިވެހި ސިފައިންނާއި ފުލުހުންގެ ތެރެއިން ބަޔަކާ ބައިވެރިވެގެން ހިންގި ޣައިރު ޤާނޫނީ ބަޣާވާތެއްގައި އެ ފަރާތްތަކުން މަޖުބޫރު ކުރުވައިގެންކަމަށް ރައީސް ނަޝީދު ވިދާޅުވަމުން ގެންދަވާހިނދު، އެކަން ހިނގައި ދިޔަގޮތް މިނިވަން، މުސްތަޤިއްލު ފަރާތަކުން އިންސާފުވެރި ގޮތެއްގައި ތަޙުޤީޤުކޮށް މި ކަމުގެ ޞައްޙަ މަޢުލޫމާތު ހާމަކުރަންޖެހޭ ކަމަށް ދިވެހިންގެ ގިނަ ބަޔަކާއި ބައިނަލް އަޤުވާމީ އެތަކެއް ފަރާތަކުން ގޮވާލަމުންދާ ހިނދު، އަދި ދިވެހި ޅަ ދަރިންނަށް ސްކޫލްތަކުގައި ފޯރުކޮށްދޭ މަޢުލޫމާތުތަކަކީ އެންމެ ޞައްޙަ މަޢުލޫމާތުތައްކަން ކަށަވަރުކުރުމަކީ ތަޢުލީމާއި ތަރުބިއްޔަތުގައި ޒިންމާވާ ފަރާތްތަކުގެ މަސްއޫލިއްޔަތެއްކަމުގައި ވާހިނދު، މި މަޢުލޫމާތުގެ ޞައްޙަކަން ކަނޑަނޭޅެނީސް، ތާރީޚީ ޙަޤީޤަތް ކުދިންނަށް އޮޅިދާނެފަދަ ގޮތަކަށް މި މަޢުލޫމާތު ދިވެހި ޅަދަރިންނަށް ފޯރުކޮށް ދެއްވުމަށް ދިވެހިރާއްޖޭގެ ތަޢުލީމުކުރިއަރުވާ މަރުކަޒުން އަވަސްވެވަޑައިގަތްކަމީ އަޅުގަނޑުމެން އިންތިހާއަށް ކަންބޮޑުވާ ކަމެކެވެ. އަދި މިކަން އަޅުގަނޑުމެން ހަރުކަށި ޢިބާރާތުން ކުށްވެރިކުރަމެވެ. އަޅުގަނޑުމެން މި ގޮވައިލަނީ މި ސަރކިއުލަރ އީ މެއިލް ވަގުތުން އަބުރާ ގެންދެވުމަށާއި މި ކަން ހިނގައިދިޔަގޮތް މިނިވަން މުސްތަޤިއްލު ފަރާތަކުން އިންސާފުވެރިކަމާއެކު ބަލައިނިމި، ސައްޙަ މަޢުލޫމާތު ލިބުމުން އެ މަޢުލޫމާތު ކުދިންނަށް ފޯރުކޮށްދެއްވުމަށް ކެތްތެރިވެވަޑައިގަތުމަށެވެ.

ބަޔާން ނެރުއްވީ: ޑރ.މުސްޠަފާ ލުޠުފީ (ކޮމެޓީގެ މުޤައްރިރު)