އިންސާފުގެ މައިދާން ރޫޅާލި މައްސަލައިގެ އިތުރު އަޑުއެހުމެއް ބާއްވައިފި

އެމްޑީޕީން މާލޭ ސިޓީ ކައުންސިލުން ހުއްދަ ރަސްމީކޮށް ހޯދައިގެން ރާޅު ގަނޑު ސަރަހައްދު ގައި ހިންގި “އިންސާފުގެ މައިދާން” އަށް ވަދެ އެ ތަން ރޫޅާލާފައިވަނީ ގާނޫނާއި ހިލާފަށް ކަމަށް ކަނޑައަޅައިދިނުމަށް އެމްޑީޕީން ކޮށްފައިވާ ދައުވާއަށް ޖަވާބުދާރީވުމުގެ އިތުރު ފުރުސަތެއް ދައުލަތަށް ދިނުމަށް އިއްޔެގެ އަޑުހެމުން ނިންމާލައިިފިއެވެ.

ސިވިލް ކޯޓުގައި އިއްޔެ ހަވީރު ކުރިއަށްގެންދިޔަ ޝަރީއަތުގެ މަޖިލީހުގައި ވަނީ ފުރަތަމަ ބަޔާން ހުށަހަޅާފަ އެވެ. އެ ބަޔާން ހުށަހަޅަމުން ދައުލަތުން ބުނެފައިވަނީ އެމްޑީޕީން ކުރާ ދައުވާއަށް އިންކާރު ކުރާ ކަމަށާއި އެތަނަށް ވަދެ އެ ތަން ރޫޅާލުމަށް ކޯޓް އަމުރެއް ބޭނުންނުވާކަމަށެވެ.

ދައުލަތުގެ ބަޔާނަށް ޖަވާބުދާރީވުމުގެ ފުރުސަތެއް އެމްޑީޕީއަށް ދިނުމަށް ފަހު ޝަރީއަތް މެދު ކަނޑާލި އެވެ. ޝަރީއަތް އަލުން ފެށުމަށް ފަހު އެމްޑީޕީއަށް ވާހަކަ ދެއްކުމުގެ ފުރުސަތު ގާޒީ އާއިޝަތު ޝުޖޫން ދެއްވި އެވެ. ޝަރީއަތުގެ މަޖިލިސް ނިންމާލެއްވީ އަންނަ އާދިއްތަ ދުވަހު (25 މާރޗް 2012 ވަނަ ދުވަހު) ހަވީރު 4.00 ގައި މައްސަލައިގެ އަޑުއެހުމެއް އޮންނާނެކަމަށް އިއުލާނު ކުރެއްވުމަށް ފަހުގަ އެވެ.

އެމްޑީޕީން މި މައްސަލައަށް ޖަވާބުދާރީ ވަމުން އިއްޔެ ދެއްކެވި ވާހަކައިގައި އެމްޑީޕީގެ ބެލުމުގެ ދަށުގައިވާ ސަރަހައްދެއް ބަލާ ފާސްކުރެވެންވާނީ އެމްޑީޕީގެ އިސް މެންބަރުންގެ ކުރިމަތީގައި ކަމަށާއި، ފުލުހުންނާއި ސިފައިން އެ މައިދާން ތަޅާ ސުންނާފަތިކޮށްލީ ކޮން ހައިސިއްޔަތަކުންތޯ ބަލަން ބޭނުންވާ ކަމަށް އެމްޑީޕީގެ ވަކީލުން ވިދާޅުވިއެވެ.