އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕްގެ ނޫސް ކޮންފަރެންސް

މަޖިލީހަށް އިއްވީ ރިޔާސީ ބަޔާނުގެ ބައިކުޅަބައި – ސަމީރު

ރިޔާސީ ބަޔާނުގައި ކީ ކީކޭ ކަމެއް ވެސް އަޅުގަނޑަކަށް އަދި ނޭނގެ- އިބޫ

ރިޔާސީ ބަޔާނަށް ޖަވާބު ދިނުމާއި، ސަރުކާރުން ހުށަހަޅާފަ ހުރި ބިލުތަކަށް ވާނޭ ގޮތާއި، މި ސަރުކާރަށް ބިލު ހުށަހެޅެނެތޯ އާއި، ނިޒާމް ގެއްލުމުން އަމަލުކުރާނޭ ގޮތާއި، މިފަދަ މައްސަލަތައް ހައްލުކޮށްގެން ނޫނީ މަޖިލީހުގެ ކުރިއަށް ހުރި ޖަލްސާތައް ކުރިޔަށް ގެންގޮސްގެން ވާނޭ ކަމަކަށް ނުދެކެން- އިބޫ

މަޖިލީހުގެ ކަރާމާތް ގެއްލޭ ވަރަށް މަޖިލީހުގެ ފްލޯރއަށް ފުލުހުންނާ ސިފައިން ވެއްދި. މި އަމަލުތައް މަޖިލީހުގެ ތެރޭގައި ހިންގަން ޖާގަދެއްވީ މަޖިލީހުގެ ރައީސް – އަސްލަމް

މަޖިލިސް މެންބަރުން ނެރެމުންދިޔައީ ވެސް ގާނޫނާ ޚިލާފަށް. މިލިޓަރީ ދައުލަތެއްގައި ކަންކުރާ ފަދައިން – ސަމީރު

އިއްޔެ ވަގުތުން ވަގުތަށް 2 މެންބަރަކު ހޮސްޕިޓަލަށް ގެންދަން ޖެހުނު. އެއީ ރިޔާޒް އަދި ޝިފާޒް. އެހެން ބޭފުޅުންނަށް ވެސް އެބަހުރި އަނިޔާލިބިފަ. އެއް މެންބަރަކު ނެރުމަށް 30 ސިފައިން ހަރަކާތްތެރިވިތަން ފެނުނު – އިބޫ

މަޖިލީހުގައި ވަރަށް ގިނަ މައްސަލަ އެބަހުރި، ޤާނޫނު އަސާސީގައި އޮންނަހެން މަޖިލީހުގެ ފުރަތަމަ ޖަލްސާގައި ރިޔާސީ ބަޔާން އިއްވުން ލާޒިމެއް ނޫން. ރިޔާސީ ބަޔާނޭ ކިޔައިގެން އެއިއްވި ބަޔާނަށް ރައްދު ދިނުމުގައި ވެސް މައްސަލަތަކެއް އެބަހުރި. އެ މައްސަލަތަކަށް ހައްލެއް އަންނަންޖެހޭ

އިއްޔެގެ ޖަލްސާގެ ނިޒާމް އެކަންޏެއް ނޫން ގެއްލުނީ. މުޅި ގައުމުގެ ނިޒާމް މިއޮތީ ބަޣާވާތަށް ފަހު ގެއްލިފައި ކަމަށް އިބޫ ވިދާޅުވި. އަދި އެކަން ހައްލުކުރުމަށް މިހާރުވެސް ވާހަކަދައްކަވަން ތައްޔާރަށް ހުންނެވި ކަމަށް އިބޫ ވިދާޅުވި

އެމްޑީޕީގެ ޕީޖީގެ ނައިބު ލީޑަރު ސަމީރު ވިދާޅުވީ ރިޔާސީ ބަޔާން އިއްވަން ފުރުސަތު ނުދިނުމަށް ނިންމީ، ރިޔާސީ ބަޔާން އިއްވަން އައި ރައީސެއް ކަމަށް ގަބޫލު ނުކުރާތީ ކަމަށް. މަޖިލީހުގެ ރައީސަކީ ބަޣާވާތުގެ ބައިވެރިއެއް ކަމަށް މިހާރު ޝައްކުކުރެވޭ ކަމަށް ސަމީރު ވިދާޅުވި

ރޭގެ ފަހުން ވެސް ވަނީ ތާފަތު އެކި އަމަލުތައް ކުރަމުން. އެގޮތުން އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕްގެ މެންބަރު އަލީ ވަޙީދުގެ ކާރަށް ވަނީ ގެއްލުން ދީފައި. މަޖިލީހުގައި ރިޔާސީ ބަޔާން އިއްވަން ފެށީ އެމްޑީޕީގެ މެންބަރުންގެ ނަން އިއްވައި އެ މެންބަރުން މަޖިލީހުން ނުނިކުންނަވައި ތިއްބަވަނިކޮށް. އެހެން ކަމުން އެ ޖަލްސާގެ ސައްހަ ކަމާމެދު ސުވާލު އުފެދޭ

ރާޅުގަނޑު ހަރުގެ ފުނޑާލުމަކީ ޅަފަތުގައި އޮތް ޑިމޮކްރަސީ ފުނޑާލުން ކަމަށް ވެސް އިބޫ ވިދާޅުވި. އަދި ގާނޫނީ އިމުގެ ތެރެއިން މަސައްކަތް ކުރުމަށް އިބޫ ސަލާމާތީ ބާރުތަކަށް ގޮވާލެއްވި

މަޖިލީހުގެ ޖަލްސާ ހުޅުވުމަށް ގަވައިދުގައިވާ ގޮތުގެ މަތިން ފުރުސަތު ދެއްވި ކަމަށާއި، ނަމަވެސް ވެރިކަން ބަދަލުވުމުގައި ގާނޫނީ މައްސަލަތަކެއް ހުރި ކަމަށް އަޅުގަނޑުމެންނަށް ފާހަގަކުރެވޭތީ، މަޖިލިސް ފެށުމަށްފަހު އަޅުގަނޑުމެން އިޙްތިޖާޖުކުރީ ޑރ.ވަޙީދު ރިޔާސީ ބަޔާން އިއްވުމާ ދެކޮޅަށް. ނުހައްގުން އަނިޔާތަކެއްދިން ކަމަށް ވެސް އިބޫ ވިދާޅުވި. ޖަލްސާގެ ނިޒާމް ގެއްލިފައިވަނިކޮށް ޖަލްސާ ކުރިޔަށް ގެންގޮސްފައިވާތީ ޖަލްސާގެ ގާނޫނީ ހައިސިއްޔަތާ މެދު ސުވާލު އުފެދޭ.

2.45 އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕްގެ ނޫސް ކޮންފަރެންސް ފެށިއްޖެ. މި ނޫސް ކޮންފަރެންސް ގައި ބައިވެރިވެވަޑައިގަންނަވަނީ އެމްޑީޕީގެ ޕީޖީ ލީޑަރާއި ދެ ނައިބު ލީޑަރުން.