ނޫސް ބަޔާން: މިއަދު ހިނގި އަލިފާނުގެ ހާދިސާ އާއި ބެހޭ ގޮތުން އެމްޑީޕީން ނެރޭ ނޫސް ބަޔާން

ސިޔާސީ އެންމެހާ ހަރުކަށި އަމަލުތައް މި ޕާޓީން ކުށްވެރިކުރާ ހިނދު މި ޕާޓީގެ ސިޔާސީ ހަރަކާތްތައް ކުރިޔަށް ދާނީ ސުލްހަވެރިކަމާއެކު ކަން ޔަގީންކޮށް އަރުވަން

މިއަދު މާލޭގައި ހިނގި އަލިފާނުގެ ހާދިސާ އަކީ އެމްޑީޕީން މިއަދު މާލޭގައި ކުރިޔަށްގެންދާ އިޙްތިޖާޖުތަކަކީ، ސުލްހަވެރި އިޙްތިޖާޖުތަކެއް ނޫންކަން ދައްކައި، އެ ޙަރަކާތްތައް ރޫޅާލުމަށް، މިހާރުގެ ޣައިރު ޤާނޫނީ ސަރުކާރަށް ވަފާތެރި ފަރާތްތަކުން ގަސްދުގައި ރާވައިގެން ހިންގާފައިވާ ޖަރީމާއެއް ކަމުގައި މި ޕާޓީން ދެކޭ ހިނދު، އެކަމާމެދު މި ޕާޓީން ނިހާޔަތަށް ކަންބޮޑުވެއެވެ.

އަދި، އެމްޑީޕީގެ މެންބަރުންގެ ބޮލުގައި މި ފަދަ ހަރުކަށި ޙަރަކާތްތައް ހިންގާ ކަމުގެ ތުހުމަތު އެޅުވުމަށް، މިހާރުގެ ޣައިރު ޤާނޫނީ ސަރުކާރުން ހިންގަމުން ގެންދާ ޢަމަލުތައް މި ޕާޓީން އެންމެ ހަރުކަށި ޢިބާރާތުން ކުށްވެރިކުރަމެވެ.

ބަޣާވާތަކުން ދިވެހިރާއްޖޭގެ ވެރިކަން ފިރުކާލުމަށްފަހު، ވެރިކަމާއި ހަވާލުވެގެން ހުންނެވި ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދުގެ ކުރީގެ ނައިބު ޑރ. މުޙައްމަދު ވަޙީދު ޙަސަން މަނިކު، މަޖިލީހުގައި ރިޔާސީ ބަޔާން އިއްވުމާ ދެކޮޅަށް އެތައް ހާސް ބަޔަކު މިއަދު ވަނީ މާލޭގެ މަގުތަކުގައި ސުލްޙަވެރިކަމާއެކު އިޙްތިޖާޖުކޮށްފައެވެ. އެ އިޙްތިޖާޖުތަކުގައި ބައިވެރިވި ފަރާތްތަކުން ގޮވަމުންދިޔައީ މިއަހަރުގެ ތެރޭގައި އަވަސް އިންތިޚާބެއް ބޭއްވުމަށް މަގުފަހި ކުރުމުގެ ގޮތުން، މަޖިލިސް ހުޅުވުމުގެ ކުރިން ހުރިހާ ޕާޓީތަކަކުން މަޝްވަރާކުރުމަށް ފަހު، ސުލްހަވެރި ސިޔާސީ ހައްލެއް ހޯދުމަށްފަހު ނޫނީ މަޖިލިސް ނުހުޅުވުމަށެވެ.

ބަޔާން ނެރުނީ: އެމްޑީޕީ ސެކްރެޓޭރިއަޓް