ކުޑަފަރީގެ ރައްޔިތުން މިތިބީ އިންސާފުގެ ދަތުރުގެ ބައިވެރިންނާއި އެކުގައި – ކުޑަފަރީ ކައުންސިލް

ކުޑަފަރީގެ ރައްޔިތުން ތިބީ ދިވެހިރާއްޖޭގެ ފުރަމާލެއާއި މުޅިރާއްޖޭގެ ކަންކަޅޮތަކުގައި ބަޣާވާތާ، އަނިޔާ އާއި ދެކޮޅަށް އިންސާފުގެ ދަތުރުގެ ބައިވެރިންނާއި އެކުގައި ކަމަށް ނ.ކުޑަފަރީ ކައުންސިލުން ބުނެފިއެވެ.

ކުޑަފަރީ ކައުންސިލުން މިއަދު ނެރުނު ބަޔާނެއްގައި އިތުރަށް ބުނެފައިވަނީ 15 ފެބުރުއަރީ 2012 ވީ ބުރާސްފަތިދުވަހުގެ ރޭ ދިވެހިރާއްޖޭގެ އިންތިހާބީ ރައީސުލްޖުމުހޫރިއްޔާގެ އަރިހުގައި އެ ދާއިރާގެ މެންބަރު އަޙްމަދު އީސާ ކުޑަފަރިއަށް ކުރެއްވި ޒިޔާރަތުގައި ކުޑަފަރީގެ ރައްޔިތުން އީސަ އާއި ބައްދަލުކޮށް، ދިވެހިރާއްޖޭގެ ރައްޔިތުންގެ މަޖިލީހަށް ބަޢީ ލީޑަރު ޑރ. މުހައްމަދު ވަހީދު ހަސަންމަނިކު ވަދެ، އެތަނުގެ ކަރާމަތާއި ހުރުމަތް ކަނޑާލިއަ ނުދެއްވުމަށް ކުރެވެންހުރި ހުރިހައި މަސައްކަތެއް ކޮށްދެއްވުން އެދި ދަންނަވާފައިވާނޭ ކަމަށް ބަޔާންކޮށްފައި ވެއެވެ..

މީގެ އިތުރުން އެ ދާއިރާގެ މެންބަރަކީ ކުޑަފަރީގެ ނުހަނު ފުރިހަމަ އަޣުލަބިއްޔަތުން މަޖިލިހަށް އިންތިހާބުކޮށްފައިވާ މެންބަރަކަށް ވީ ހިނދު؛ ރައްޔިތުންގެ ވިންދާއި އިޙްސާސް ދަނެ، އެމަގަށް ކޮށްދެއްވާފައިވާ މަސައްކަތްތައް ފާހަގަކޮށް އެކަމަށް ޝުކުރުވެރިވާ ހާލު އެ ގޮތުގައި ސާބިތުވެ ހުންނެވުމަށް އީސަ އަށް ގޮވާލާފައި ވެއެވެ. އަދި ހަމަ މި މޭރުމުން ރައްޔިތުންގެ މަޖުލީހުގެ އެންމެހައި މެމްބަރުންވެސް “ރައްޔިތުންގެ ބަސް ބުނި ހިނދުން، އެންމެހައި ނުފޫޒުތަކުން އެއްކިބާވެ އެ ބަހާއި އެއްގޮތަށް އަމަލުކުރުމަށް” މި ނޫސް ބަޔާނުގައި ގޮވާލާފައި ވެއެވެ.

7 ފެބްރުއަރީ 2012 ވީ ބަޣާވާތުގެ ދުވަހާއި، 8 ފެބުރުއަރީ 2012 އަދި 1 މާރޗް 2012 ގައި ދިވެހި ސިފައިންނާއި ފުލުހުންގެ ބަޔަކު ކުޑަފަރި ހިމެނޭ ކެނދިކުޅުދޫ ދާއިރާގެ މެންބަރު އަޙުމަދު އީސާއަށް ކޮއްފައިވާ އަނިޔާތައް ހަރުކަށި އިބާރަތުން ކުށްވެރިކޮށް، އެ ފަދަ ނޭއްގާނީ އަމަލެއް ތަކުރާރު ނުކުރުމަށް އެ ދެ މުއައްސަސާއަށް މި ނޫސް ބަޔާނުގައި ގޮވާލާފައިވެއެވެ. އަދި ދިވެހިރައްޔިތުން ތަމްސީލުކުރާ މެންބަރެއްގެ ހައިސިއްޔަތުން އޭނާއަށް ލިބިފައިވާ އިހްތިޔާރުތަކާއި، އިމްތިޔާޒުތަކުގެ ބޭނުން ހިފުމަށް ދަތިވާނެފަދަ ގޮތަކަށް ކުޑަވެސް ހުރަހެއް އެޅުމަކީ އެ ކައުންސިލަށް ޤަބޫލުކުރެވޭނެ ކަމެއް ނޫންކަން ފާހަގަކޮށް އެފަދަ ކަމެއް ނުކުރުމަށް ވެސް ކުޑަފަރީ ކައުންސިލްގެ ނޫސް ބަޔާނުގައި ގޮވާލާފައިވެއެވެ.