ލ. ފޮނަދޫ އެމްޑީޕީ މެންބަރުން އިންސާފުގެ ދަތުރުގެ ބައިވެރިންނަށް 10 ހާސް ބޮނޑި ފޮނުވައިފި

އަޙްމަދު ރަޝީދު – ލ. ފޮނަދޫ

612

މިހާރު މާލޭގައި ކުރިއަށްދާ އިންސާފުގެ ދަތުރު ބޮޑު އިޙްތިޖާޖުގައި ބައިވެރި ވުމުގެ ގޮތުން ލ. ފޮނަދޫ އެމްޑީޕީ އަންހެންވެރިން އިސްނަގައިގެން 10 ހާހަށްވުރެން ގިނަ ބޮނޑި ހިލައިގެން ފޮނުވައިފިއެވެ.

ލ. ފޮނަދޫ އެމްޑީޕީ ހަރުގޭގައި ބޮނޑި ހިލުމުގެ މަސައްކަތް ކޮށްފައިވަނީ މިމަހުގެ 9 ވަނަ ދުވަހުން ފެށިގެންނެވެ. އެގޮތުން ނުވަވަނަ ދުވަހު 4 ހާހަށްވުރެން ގިނަ ބޮނޑި ހިލާފައި ވެއެވެ. އަދި އިއްޔެ 6 ހާހަށްވުރެން ގިނަ ބޮނޑި ހިލާފައިވާކަމަށް އެމްޑިޕީ ފޮނަދޫ ހަރުގެއިން މަޢުލޫމާތު ދެއެވެ.

މި ޙަރަކާތުގައި އިސްކޮށް އުޅުނު އަންހެންވެރިން ބުނީ ފޮނަދޫގައި އެމްޑީޕީއަށް ތާއިދުކުރާ މެންބަރުންގެ ޢަދަދު ކިތަންމެ މަދު ނަމަވެސް ކުރަން ޖެހުނު ކޮންމެ ކަމެއްގައި މިހާރު ތިބި މެންބަރުން ފަސްނުޖެހި ނުހަނު ހިތްވަރާއި އެކު މަސައްކަތްކުރަމުން ގެންދާނެ ކަމަށެވެ.

“އަޅުގަނޑުމެންގެ ލޮބުވެތި މެންބަރުންނާއި އިންސާފަށް ލޯބިކުރާ ފަރާތްތަކުން މިހާރު މި އޮތް ބާޣީ ސަރުކާރާއި އިދިކޮޅަށް ކުރަމުންގެންދާ މި ޖިހާދުގައި ބައިވެރިވުމަށް މިކަން މިކުރީ.” ބޮނޑި ހިލުމުގައި އަވަދި ނެތި އުޅެމުންދިޔަ އަންހެންވެރިން މި ސައިޓަށް މަޢުލޫމާތު ދިނެވެ.

އެމްޑީޕީ ފޮނަދޫ ހަރުގެއިން ވާހަކަ ދެއްކި މެންބަރަކު ބުނީ މިރޭ އިރުއޮއްސޭ އިރު ވައިގެ މަގުން ބޮނޑިތައް ފޮނުވާލުމަށް ނިންމާފައި ވާކަމަށެވެ. “ފޮނަދޫ ދާއިރާގެ ނައިބް ރައީސް ޢަލީ ޢަބްދުﷲ މިރޭ މާލެ ދުރުވާނެ ބޮނޑިތައް ހިފައިގެން. 9 ޖެހުމުގެ ކުރިން މައިދާނަށް ފޯރާވަރުވާނެ.”

ފޮނަދޫގައި ތިބި އެމްޑީޕީ މެންބަރުންނަކީ ލޯކަލް ކައުންސިލް އިންތިޚާބަށް މަޢުމޫނު ފޮނަދުއަށް ރަސްމީ ޢިއްޒަތުގައި އަރާވަޑައިގަތުމަށް ނިންމާފައި ވަނިކޮށް މުޅި ރަށުގައި ރީނދޫ ދިދައާއި ފޮތި ދަމައިގެން މަޢުމޫނު ލަދުގަންނަވާލާފައިވާ ހިތްވަރުގަދަ މެންބަރުން ތަކެކެވެ.

ފޮނަދޫގެ އިތުރުން ވެސް ލ. އަތޮޅުގެ ބައެއް އެހެން ރަށްރަށުންނާއި، ރާއްޖޭގެ އެކިކަންކޮޅުތަކުން އެމްޑީޕީގެ އިންސާފުގެ ދަތުރުގެ ބައިވެރިންނަށް ތަފާތު ފަރިވަޅުތައް ދީފައިވެއެވެ.